ރައީސް ސޯލިހު ލަދުފުޅުނުގަނޭބާއޭ ހިތަށް އަރާ: ރައީސް ނަޝީދު

Mon, 29 May 2023 09:49 PM

View on this article on vNews

ރައީސް ސޯލިހު ލަދުފުޅުނުގަނޭބާއޭ ހިތަށް އަރާ: ރައީސް ނަޝީދު

އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖުތަބާ މަގާމުން ވަކިކުރުމުން އެމްޑީޕީގެ ރައީސް އަދި ރައީސް މުހައްމަދު ނަޝީދު ސަރުކާރަށާއި އެމްޑީޕީގެ އިސްލީޑަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް، ނަޝީދު ވިދާޅުވީ، މުޖުތަބާއަކީ މުޅި އިސްލާހީ ހަރަކާތުގެ އެއް ތަނބު ކަމަށެވެ. އެހެންވެ އޭނާ މަގާމުން ވަކިކުރަން ރައީސް ސޯލިހު ލަދުފުޅުނުގަނޭތޯ ހިތަށް އަރާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު (އިބުރޭ) ސޮއިކުރައްވާ މުޖުތަބާއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މުޖުތަބާ ވަކިކުރަން ރައީސް ނިންމަވާފައިވާ ކަމަށެވެ.

ސްޓޭޓް މިނިސްޓަރުގެ މަގާމަށް މުޖުތަބާ އައްޔަކުރެއްވީ 29 ނޮވެމްބަރު 2018 ގައެވެ.

މިފަހަކަށް އައިސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި، މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުތަކުން ވަކި ކުރަމުންދާތަން އަންނަނީ ފެންނަމުންނެވެ.

އެބޭފުޅުން ވަކި ކުރައްވަން ފެއްޓެވީ ރައީސް ނަޝީދަށް ވަފާތެރި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އިސްވެ "ދަ ޑިމޮކްރެޓްސް" ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ފެށްޓެވި ފަހުންނެވެ.

މިގޮތުން، އެންމެ ފުރަތަމަ މަގާމުން ވަކިކޮށްފައި ވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއެވެ. އޭގެ ފަހުން އެންވަޔަރަމަންޓް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރު މުހައްމަދު ހަމްދާނާއި އަނބިކަނބަލުން އަދި ހޯމް މިނިސްޓްރީގެ އާޝިޔަތު އަލައިކާ އަދުނާން އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ނައިބު މުހައްމަދު އަންސާރު ފަދަ ބޭފުޅުން ވަނީ ވަކިކޮށްފައެވެ.

މުޖުތަބާގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި އެމްޑީޕީގެ އެކްޓިވިސްޓް، އަލީ ހާޝިމް (ސްމިތު) ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.



More from vNews