"ދިވެހިން ހިޔާރުކުރާ ބޭންކުގެ ގޮތުގައި ބީއެމްއެލް ދެމިއޮންނާނެ"

Mon, 29 May 2023 10:21 PM

View on this article on vNews

"ދިވެހިން ހިޔާރުކުރާ ބޭންކުގެ ގޮތުގައި ބީއެމްއެލް ދެމިއޮންނާނެ"

ދިވެހިން ހިޔާރުކުރާ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ދެމިއޮންނާނެކަމުގައި އެބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ކަރލް ވަނީ، ބޭންކުގެ ކުރިމަގުގެ ތަސައްވަރު އަދި ސްޓްރެޓަޖީގައި އިސްކަންދޭ ތިން އަމާޒުކަމުގައިވާ ކަސްޓަމަރުންނާ އިންސާފުން މުއާމަލާތްކުރުމަށާއި ޑިޖިޓަލައިޒޭޝަނާއި ދެމެހެއްޓެނެވި ގޮތެއްގައި ވިޔަފާރި ހިންގުމަށް އަލިއަޅުވާލާފައެވެ.

ބޭންކިންގެ ދާއިރާއަށް ވާދަވެރިން އަންނާނެކަށް ގަބޫލުކުރައްވާކަން ފާހަގަކުރައްވާ ކަރލް ވިދާޅުވީ، އެއީ ހުއްޓުވޭނެކަމެއްވެސް ނޫންކަމަށެވެ. ނަމަވެސް ބީއެމްއެލްއިން މަސައްކަތް ކުރަމުންދާނީ ރާއްޖޭގައި އެންމެން އިހުތިޔާރު ކުރާ ބޭންކަށްވުމަށްކަމަށް އޭނަ ވިދާޅުވިއެވެ.

ރާއްޖޭގެ މާކެޓްގައި ބީއެމްއެލްއަށް ލިބިފައިވާ ކުރިއެރުމާއެކު މަސައްކަތް އިތުރަށް ފުޅާކޮށް، އިތުރު އާމްދަނީ ހޯދުމަށް ބޭރުގެ މާކެޓްތަކާއި އައު މަގުތައް ހޯދަންޖެހޭކަމަށް ކަރލް ވިދާޅުވިއެެވެ. ބީއެމްއެލްގެ ކާމިޔާބު މިނިގެންދާނީ ކަސްޓަމަރުން ބޭންކިންގ މުއާމަލާތް ކުރަންޖެހޭ ބައެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް ބޭންކިންގ މުއާމަލާތް ކުރަން އެދޭ ބަޔަކަށް ބަދަލުކޮށްގެންކަމަށް އޭނަ ވިދާޅުވިއެވެ.

ކަސްޓަމަރުންނާ އިންސާފުން މުއާމަލާތް ކުރުން ވާންވާނީ އަޅުގަނޑުމެންގެ ސަގާފަތުގައި އަށަގެންފައިވާ އަދި އަހައްމިއްޔަތުދޭ ކަމަކަށް. އަޅުގަނޑުމެން ބަލަންޖެހޭ އަޅުގަނޑުމެންގެ ޕްރޮޑަކްޓްތަކާއި ފޯރުކޮށްދެމުންދާ ހިދުމަތްތަކަކީ ކަސްޓަމަރުން އެދޭފަދަ އަދި ޓަރގެޓް ސެގްމަންޓަށް މުހިންމު އަދި ބޭނުންތެރި ޕްރޮޑަކްޓް އަދި ހިދުމަތަކަށް ވުން. މިއަހަރު، ކިޔަވާ ލޯނުގެ އިންޓްރެސްޓް ރޭޓް ވަނީ ވަަރަށް ބޮޑަށް ދަށްކުރެވި، %5 އަށް ހަމަޖައްސާފައި. އަދި ދައްކަންޖެހި ނުދައްކާ ހުންނަ ލޯނުތަކުން ނަގާ އިންޓްރެސްޓްގެ މަހުފީ %2 އަށް ދަށްކޮށްފައި. ފެޑެރަލް ރިޒާވުން ފާއިތުވި އަހަރެއްހާ ދުވަސްތެރޭ 9 ފަހަރަށް އިންޓްރެސްޓް ރޭޓް މަތި ކުރިނަމަވެސް ބޭންކުން ރާއްޖޭގެ ރޭޓްތައް ބޮޑެއް ނުކުރޭ. މީގެ ބަދަލުގައި ބޭންކުންވަނީ ކަސްޓަމަރުންނަށް އިންޓްރެސްޓްގެ ސަބަބުން ދިމާވާނެ ދަތިތަކަށް ވިސްނައި، އިތުރުވި ހަރަދުތައް މެނޭޖްކޮށްފަ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ

ޑިޖިޓަލައިޒޭޝަން އާ ގުޅޭގޮތުން ކަރލް ވިދާޅުވީ މި ދާއިރާއިން ބީއެމްއެލްއިން ކުރިއެރުން ހޯދާފައިވީ ނަމަވެސް ޑިޖިޓަލް ދަތުރު ހުއްޓާނުލާ ކުރިޔަށްގެންދަން ޖެހޭކަމަށެވެ. ހެދޭ ކުށްތައް މަދުވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ބޭންކުގެ ހިދުމަތް ހޯދާނެ ގޮތާއި، ތަނާއި ވަގުތު ކަސްޓަމަރުންގެ އަތްމައްޗަށް ދޫކޮށްލުމަށްޓަކައި ފުރިހަމަގޮތުގައި އޮޓަމޭޓްކުރަން ޖެހޭކަން އޭނަ ފާހަގަކުރެއްވިއެވެ. ކަރލް ވިދާޅުވީ، ބީއެމްއެލްއިން މަސައްކަތް ކުރަނީ މިހާރު މެނުއަލްކޮށް މަސައްކަތް ކުރަމުންދާ ގިނަ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ބަދަލުގެނެސް ހަމަ މިދަނޑިވަޅުގައި އިތުރު ސެކިއުރިޓީ ކޮންޓްރޯލް އިތުރުކޮށް ޑިޖިޓަލް ސަޕޯޓް ޕްލެޓްފޯމްތައް އިތުރުކުރަމަށްކަމަށެވެ.

ބޭންކުގެ ސްޓްރެޓަޖީ ގައި ހިމެނޭ ދެމެހެއްޓެނިވި މަސައްކަތްތަކަށް އަލިއަޅުވާލަމުން ކާރލް ވަނީ އެންވައިރަމަންޓަލް، ސޯޝަލް އެންޑް ގަވަރނަންސް (އީއެސްޖީ) ގެ މަސައްކަތްތަކުގައި އިސް ސަފުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

ބީއެމްއެލްގެ އަމިއްލަ މިސްރާބެއްގައި މަސައްކަތް ކުރާއިރު އަދި ސްޓްރެޓަޖީ ދުވަހުން ދުވަހަށް ބަދަލުވަމުންދާއިރު އަބަދުވެސް މަސައްކަތް ކުރަމުންދާނީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށްކަމަށް ކަރލް ވިދާޅުވިއެވެ.

މިއަހަރު، އަލަށް 56 އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާއިރު، ހުރިހާ އޭޓީއެމްއަކީ ވެސް އިރުގެ ހަކަތަ ބޭނުންކޮށްގެން ހިންގޭ އޭޓީއެމް އަށް ހެދުމަށް މަސައްކަތްކުރަމުންދާކަމަށް ކަރލް ވިދާޅުވިއެވެ. އަދި ބީއެމްއެލްގެ ބްރާންޗުތަކުގެ އަލަށް ކުރާ މަރާމަތުގެ މަސައްކަތްތަކަކީ ވީހާވެސް ބޮޑަށް ދެމެހެއްޓެނެވި ހަކަތަ ބޭނުންކޮށްގެން ކުރާ މަސައްކަތަށް ހެދުމަކީވެސް އަމާޒެއްކަމަށް އޭނަ ވިދާޅުވިއެެވެ.



More from vNews