ފަތުރުވެރިކަމަށް 12.3 އިންސައްތައިގެ ކުރިއެރުމެއް

Wed, 08 May 2024 05:07 PM

View on this article on vNews

ފަތުރުވެރިކަމަށް 12.3 އިންސައްތައިގެ ކުރިއެރުމެއް

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދަށް 12.3 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.



އެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަަނަށް ރާއްޖެއަށް 798،610 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 12.3 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 711،402 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް އެވްރެޖްކޮށް 6،338 ފަތުރުވެރިން ޒިޔާރަތްކުރާއިރު، އެވްރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި ހަތް ދުވަސް ހޭދަކުރެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގައުމުން 87،566 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނާގައި އޮތް ރަޝިއާއިން 80،698 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ތިން ވަނާގައި އޮތީ އިނގިރޭސިވިލާތެވެ. އެގައުމުން މި މުއްދަތުގައި 77،273 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މި ލިސްޓުގައި ދެން ހިމެނެނީ، އިޓަލީ، ޖަރުމަނުވިލާތް، އިންޑިއާ، ފްރާންސް، އެމެރިކާ، ސްވިޒަލޭންޑުގެ އިތުރުން ޕޮލޭންޑެވެ.

ފަތުރުވެރިންނަށް ހިދުމަތްދިނުމަށް މިނިސްޓްރީން 1،191 ތަނަކަށް ހުއްދަދީފައިވާއިރު، މިހާރު ހިދުމަތްދެމުން އަންނަނީ 1،186 ތަނަކުންނެވެ. އެއީ، 176 ރިސޯޓާއި، 15 ހޮޓަލުގެ އިތުރުން 848 ގެސްޓްހައުސް އަދި 147 ސަފާރީއެވެ. މިއާއެކު މިހާރު ފަތުރުވެރިކަމަށް ޖުމްލަ 62،412 އެނދު ވަނީ ހުޅުވާލާފައެވެ.

ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މިހާރު ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތަށް ބަލާއިރު އެ އަދަދު 2.3 މިލިއަނަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.



More from vNews