ޚާރިޖީ ވަޒީރު ޒަމީރު އިންޑިއާއަށް ފުރާވަޑައިގެންފި

Wed, 08 May 2024 06:45 PM

View on this article on vNews

ޚާރިޖީ ވަޒީރު ޒަމީރު އިންޑިއާއަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ޚާރިޖީ ވަޒީރު މުސާ ޒަމީރު އިންޑިއާއަށް ވަޑައިގެންފިއެވެ.



އެމަނިކުފާނު އިންޑިއާއަށް ވަޑައިގަތުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާވަޑައިގަތީ މިއަދު ހަވީރުއެވެ.

އަންނަ ހުކުރު ދުވަހާ ހަމައަށް ކުރައްވާ މި ދަތުރުފުޅުގައި ވަޒީރު ޒަމީރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރާ ބައްދަލުކުރައްވާނެކަމަށް ޚާރިޖީ ވުޒާރާއިން މައުލޫމާތުދެއެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ތަފާތު އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް ކުރައްވާނެކަމަށް ވެސް ވުޒާރާއިން ނެރުނު ބަޔާނެއްގައި ވެއެވެ.

މިމަހުގެ 8 އިން 10 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރު ޒަމީރު ކުރައްވާ މި ދަތުރުފުޅަކީ އެމަނިކުފާނު ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މިއީ މި ސަރުކާރުގެ އިސް ބޭފުޅަކު ރަސްމީ ދަތުރުފުޅެއްގައި މިގޮތަށް އިންޑިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރު ވެސް މެއެވެ.

މިދިޔަ މަހުގެ ފަހުކޮޅު މިނިސްޓަރު ޒަމީރު ވަނީ ރަސްމީ ދަތުރުފުޅެއްގައި ސައުދީއަށް ވަޑައިގަންނަވާފައެވެ. އެ ދަތުރުފުޅުގައި މިނިސްޓަރު ވަނީ ވޯލްޑް އިކޮނޮމިކް ފޯރަމުގެ ޚާއްސަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ.



More from vNews