މިސްކިތްތައް މަރާމާތު ކުރުމަށް 200 މިލިއަން ރުފިޔާ ޚަރަދުވާނެ: ވަޒީރު

Wed, 08 May 2024 04:19 PM

View on this article on vNews

މިސްކިތްތައް މަރާމާތު ކުރުމަށް 200 މިލިއަން ރުފިޔާ ޚަރަދުވާނެ: ވަޒީރު

ރާއްޖޭގައި މިވަގުތު ގާއިމްކޮށްފައި ހުރި ހުރިހާ މިސްކިތްތަކެއް މަރާމާތު ކުރުމަށް 200 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.



މިނިސްޓަރު މިހެން ވިދާޅުވީ އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ކުރާ ޚަރަދު އިތުރު ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަން ފާހަގަކުރައްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވެސް އެ މަސައްކަތަށް 19 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ.

އެގޮތުން މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ސަރުކާރުގެ ބަޖެޓުން މިހާތަނަށް 15 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިސްކިތު ފަންޑުން ހަތަރު މިލިއަން ޚަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖޭގެ ހުރިހާ މިސްކިތެއްގެ މަރާމާތައް ބޭނުންވާ ފައިސާ އެއްފަހަރާ ހަމަޖައްސަން ދަތިވިނަމަވެސް ބަޖެޓު ތަންދޭ މިންވަރަކުން އެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 700 އެއްހާ މިސްކިތް ހުރިއިރު، އެންމެ މުހިންމު ކަންތައްތަކަށް އިސްކަން ދީގެން އެ މަސައްކަތް ކުރިއަށް ގެންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

200 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް މައުލޫމާތުތަކުން ދައްކާ. ރާއްޖޭގައި އެބަހުރި 700 އެއްހާ މިސްކިތް. އެހެންވީމާ ކުރެވޭ މިންވަރުން ކުރެވޭތޯ މަސައްކަތް ކުރަމުން އެބަގެންދޭ. އެންމެ މުހިންމު ކަންތައްތަކަށް އިސްކަންދީގެން ކުރިއަށް އެބަދޭ. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތްތަނުގައި އަޅުގަނޑުމެން މާލެއާއި އަތޮޅުތަކުގައި ގާއިމުކުރާ ވަގުފު ޕްރޮޖެކްޓުތަކުގެ ތެރެއިން މިދާއިރާއަށް ހުރި މާލީ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް އަންނާނެ.
މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

މީގެއިތުރުން، ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މިސްކިތްތަކުގެ މަސައްކަތްކޮށްފައިވާ ކުންފުނިތަކަށް ދައްކަންޖެހޭ 27 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ މި ސަރުކާރުން އެ ފައިސާ ދައްކާ ޚަލާސް ކޮށްފައިވާ ކަމަށެވެ.



More from vNews