މަޖިލީހުގެ ގިނަ މަސައްކަތްތައް ނުނިމި، މިއަދުގެ ޖަލްސާ ކެންސަލް

Wed, 08 May 2024 02:51 PM

View on this article on vNews

މަޖިލީހުގެ ގިނަ މަސައްކަތްތައް ނުނިމި، މިއަދުގެ ޖަލްސާ ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ ގިނަ މަސައްކަތްތައް ނުނިމި އޮއްވައި، ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.



މި ހިނގާ 19 ވަނަ މަޖިލީހުގެ ދައުރު ހަމަވާން މަދު ދުވަސްކޮޅަކަށް ވެފައި ވާއިރު، ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އިއްޔެ ބޭއްވި ޖަލްސާގައި މެންބަރުނާއި ކޮމިޓީތަކުގެ މުގައްރިރުންގެ ފަރާތުން އެދިވަޑައިގެންފައެވެ.

އެގޮތުން، އެންމެ ލަސްވެގެން އަންނަ ހުކުރު ދުވަހު ކޮމިޓީ ރިޕޯޓުތައް މެންބަރުންނާ ހިއްސާކޮށްދެއްވުމަށް އަސްލަމް ވަނީ އެދިވަޑައިގެންފައެވެ.

މަޖިލީހުގެ ޖަލްސާ އާންމުކޮށް ފަށާ ގަޑި ކަމުގައިވާ 9:00 ގައި ކޯރަމް ހަމަނުވާތީ މަޖިލީހުގެ ރައީސް ވަނީ 10:00 އަށް ޖަލްސާ ފެށުމަށް ނިންމަވާފައެވެ. ލައިވް އަލުން ފެށުމަށް އަސްލަމް ވިދާޅުވީ، ކޯރަމް ހަމަވާ ވަރަށް މެންބަރުން ނެތުމުން ޖަލްސާ ނިންމާލާނީ އިތުރު އެއް ގަޑިއިރަށް ބެލުމަށް ފަހު ކަމަށެވެ.

ނަމަވެސް 11 ޖެހި ފަހުން ވެސް ޖަލްސާ ފެށޭ ވަރަށް ކޯރަމް ހަމަވެފައެއް ނުވެއެވެ. އެ ވަގުތު މަޖިލީހަށް ހާޒިރުވެ ތިބީ އެންމެ 10 މެންބަރުންނެވެ.

މިއަދުގެ ޖަލްސާ ކެންސަލް ކޮށްފައިވާއިރު، އަންނަ ހޯމަ ދުވަހު ދެން އޮންނާނީ 19 ވަނަ މަޖިލީހުގެ އެންމެ ފަހު ޖަލްސާއެވެ. މި ދައުރު ނިމެނީ އަންނަ މަހު 15 ގައެވެ. ނަމަވެސް ޖަލްސާތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 13 ވަނަ ދުވަހާ ހަމައަށެވެ.



More from vNews