އެއާޕޯޓް ޓެކްސީ ކިއުގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ފަށައިފި

Wed, 08 May 2024 04:46 PM

View on this article on vNews

އެއާޕޯޓް ޓެކްސީ ކިއުގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ފަށައިފި

އެއާޕޯޓްގެ ޓެކްސީ ކިއުއާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް އިތުރުވަމުންދާތީ، އެމައްސަލަ ހައްލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ދިވެހި ފުލުހުންގެ ޚިދުމަތް އަދި އެއާޕޯޓް ކޮމްޕެނީ ގުޅިގެން މަސައްކަތްތަކެއް ފަށައިފިއެވެ.



ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ދިވެހިންނަށް އެއާޕޯޓް ޓެކްސީ ކިއުއިން ކުރިމަތިވާ މައްސަލަތައް ބޮޑުވެ، އާންމު ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް އިތުރުވަމުންދާ ކަމަށެވެ.

އެގޮތުން، ވަކި މަންޒިލަކަށް ނޫނީ ދަތުރުކުރުމަށް ޓެކްސީ ޑްރައިވަރުން އުޒުރުވެރިވުމާއި، ދަތުރެއް ނެގުމަށް ފަހު އިތުރު ފަސިންޖަރުން އަރުވައިގެން ދަތުރުކުރުމާއި، މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ދަތުރުކުރުމުގެ ޝަކުވާތައް ލިބިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ޝަކުވާތަކަށް ބަލައި މި ކަންކަން ހައްލު ކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިހާރު ވަނީ ޓެކްސީ ޝަކުވާބެލުމާ ގުޅޭ ކޮމެޓީއެއް އެކުލަވާލާފައެވެ. މިހާތަނަށް ލިބިފައިވާ ޝަކުވާތަކުގެ ތެރެއިން އެކަށީގެންވާ މިންވަރަށް މައުލޫމާތު ލިބިފައިވާ މައްސަލަތައް ބަލައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެ މިނިސްޓްރީން ބުނީ ޓެކްސީތަކާއި ގުޅޭ އެކި މައްސަލަތައް ހައްލުކުރުމަށްޓަކާ، ކަމާބެހޭ ވުޒާރާތަކާއި އެމްއޭސީއެލްއާ ދެމެދު މަޝްވަރާކޮށް، އެއާޕޯޓު ޓެކްސީ މެނޭޖްކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި، މިހާރު އެ ޕްލޭނަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ.

މީގެއިތުރުން ފުލުހުންވެސް އެއާޕޯޓުގައި ހަރަކާތްތެރި ވަމުންދާނެ ކަމަށާއި ގަވާއިދާއި ޚިލާފަށް އެއާޕޯޓުގައި އަމަލު ކުރަމުންދާ ޓެކްސީ ޑްރައިވަރުންނާމެދު ފިޔަވަޅު އަޅާނެކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.



More from vNews