ޖުވާ ވަނީ ހަރާމްކުރައްވާފައި، ގައުމުތަކުގައި ޖުވާ ވަނީ ތަފާތު ސިފަސިފަގައި ފެތުރިފައި - ހުތުބާ

Fri, 18 Oct 2024 01:11 PM

View on this article on Vaguthu

ޖުވާ ވަނީ ހަރާމްކުރައްވާފައި، ގައުމުތަކުގައި ޖުވާ ވަނީ ތަފާތު ސިފަސިފަގައި ފެތުރިފައި - ހުތުބާ

ޖުވާ އަކީ މާތް ﷲ ހަރާމްކުރައްވާފައިވާ ކަމެއް ކަމަށާއި ނަމަވެސް މިއަދު އެ ހަޑިހުތުރު އަމަލު ވަނީ ތަފާތު ސިފަސިފައިފައި ގައުމުތަކުގައި ފެތުރިފައި ކަަމަށް މިއަދުގެ ހުކުރު ހުތުބާގަައި ވިދާޅުވެއްޖެއެވެ.



ހުތުބާގައި ވިދާޅުވީ މާތް ﷲ އެކަލާނގެ މާތް ފޮތުގައި ވަނީ ޖުވާގެ ހުރިހައި ބާވަތްތަކެއް ހަރާމްކުރައްވައިފައި ކަމަށެވެ. އެކަލާނގެ ބަޔާންކުރައްވައިފައިވާ ގޮތުގައި އެއީ ޝައިތާނާގެ ހަޑި ހުތުރު އަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޖުވާއަކީ ދެމީހަކު ނުވަތަ އެއަށް ވުރެ ގިނަ ބަޔަކު ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރެއް ކަމަށާއި އެ ކުޅިވަރުގައި ބެހެއްޓި ފައިސާ މޮޅުވާ ފަރާތަށް ދޭން ޝަރުތުކުރާ ކަމަށެވެ. އެއީ މީސްތަކުންގެ މުދާ ހަރާމް ގޮތުގައި ކެއުން ކަމަށް ހުތުބާގައި ވިދާޅުވެފައިވެއެވެ.

" މީސްތަކުންގެ މުދާތަކަށް ނުހައްގުން އަރައިގަތުމަށާއި ބާތިލު ގޮތުގައި އެތަކެތި ކެއުމަށް ޓަކައި މިއަދު ވަނީ ތަފާތު ވައްތަރުތަކާއި އާ ގޮތްތައް ހޯދައިފައި. ހައްގަކާ ނުލައި މީހުންގެ ފައިސާ ކެއުމަށް ޓަކައި މާއްދިއްޔަތުގެ އަޅުން ވަނީ ތަފާތު ބާވަތްބާވަތުގެ އުކުޅުތައް ބޭނުންކުރާން ފަށައި. މާތް ﷲ ޖުވާ ހަރާމްކުރެއްވީ އެއިން ފަރުދުންނަށާއި މުޖުތަމައަށް ލިބޭ ގެއްލުމާއި އެ ކަމުގައި ހިމެނޭ ފަސާދައިގެ ބޮޑު ކަމުން. އޭގެ ތެރޭގައި ޖުވާކުޅޭ ދޭދޭ މީހުންގެ މެދުގައި ހިނގާ އަރައިރުންތަކާއި މާރާމާރީތައް ފާހަގަކުރެވޭ."ހުތުބާގައި ވިދާޅުވެއެވެ.

ޖުވާގެ އަވައިގައި ޖެހި ﷲ ހަނދުމަކުރުން މަތިން ހަނދާންނެތި ނަމާދު އަޅައި ހައްގުތަކާއި ވާޖިބުތައް ދޫކޮށްލާ ކަމަށާއި ޖުވާ ކުޅުމުގެ ސަބަބުން އަތްމަތި ދަތިވެ މީހާ ބަނގުރޫޓުވެ ދަރަނިވެރިވާ ކަމަށް ވެސް ހުތުބާގައި ވިދާޅުވެފައިވެއެވެ. އޭގެ އިތުރަށް ޖުވާކުޅުމަކީ ކަންނެތްކަމަށް ގޮވައިލާ ކަމެއް ކަމަށެވެ. އެހެނީ ޖުވާކުޅޭ މީހުން އެ ކަން ކުރަނީ ފަސޭހައިން އަވަހަށް މުއްސަނދިވުމުގެ ބޭނުމުގައި ކަމަށް ވިދާޅުވިއެވެ. ނަމަވެސް ހެޔޮ ގޮތަކީ ހަލާލު މަސައްކަތުން ފައިސާ ހޯދައި ލިބޭ މިންވަރުން ފުއްދައިގެން އުޅުން ކަމަށް ހުތުބާގައި ވިދާޅުވެފައިވެއެވެ.

ހުތުބާގައި ވިދާޅުވެފައިވަނީ ޖުވާކުޅުމަކީ މާތް ﷲ ހަރާމްކުރައްވައިފައިވާ ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރުދޭ ކަމެއް ކަމަށެވެ. އެ ކަމުގެ ސަބަބުން ދަރަނިވެރިވުމާއި، ރިޝްވަތުނެގުމާއި، ދޮގުހެދުމާއި، ވައްކަންކުރުމާއި، މަސްތުވާތަކެތީގެ އަޅަކަށްވުން ހިމެނޭ ކަމަށެވެ. ޖުވާ ކުޅުމުގެ ސަބަބުން ތިމާގެ ލޮބުވެތި އާއިލާ ހަރާބުވެ ގެދޮރު ގެއްލި އަނބިދަރީން ނިކަމެތިވާ ކަމަށް ހުތުބާގައި ވިދާޅުވެފައިވެއެވެ. އަދި ނަފްސާނީ މައްސަލަތައް ކުރިމަތިވެ، އަމިއްލަ ފުރާނަ ވެސް ދުއްވައިލާ ކަމަށެވެ.

" ޖުވާ ކުޅުމުގެ ބާވަތްތަކުގެ ތެރޭގައި ބާޖުމެރުން ނުވަތަ ބެޓުކުރުން ހިމެނޭ. އެކިއެކި މުބާރާތްތަކާއި ރޭސްތައް ބާއްވާ އިރު މިވެނި ޓީމެއް ނުވަތަ މިވެނި ފަރާތެއް މޮޅުވާނެކަމަށް ބުނެ، އެ ޓީމެއް ނުވަތަ އެ ފަރާތެއް ދެރަވެއްޖެ ނަމަ އޭނާ ބާޖުމެރުމަށް ނުވަތަ ހަރާދުކިޔުމަށް ބެހެއްޓި ފައިސާކޮޅު ގެއްލޭނެ. މިއަދު ބައެއް ގައުމުތަކުގައި ޖުވާ ވަނީ ވަރަށް ތަފާތު ސިފަސިފައިގައި ފެތުރިފައި. ލޮޓަރީއާއި ޖެކްޕޮޓްފަދަ ޖުވާގެ ޒަމާނީ ބާވަތްތައް. އެ ކަމަށް ޓަކައި ހާއްސަ ނާދީތަކާއި މަރުކަޒުތައް ވަނީ ގާއިމުކޮށްފައި. މި ތަންތަނަށް މުއްސަނދީންނާއި ފަގީރުން ވަދެ އެ ަރަކާތްތަކުގައި ބައިވެރިވޭ."ހުތުބާގައި ވިދާޅުވެފައިވެއެވެ.

އެފަދަ މުންކަރާތްތަކުގައި ބައިވެރިވުމަށް ދަތުރުހަދައިގެން ވެސްދާ ކަމަށް ހުތުބާގައި ވިދާޅުވެފައިވެއެވެ. ޖުވާގެ ނަން ބޭނުންނުކޮށް ރީތި ނަންނަމުގައި އިބިލީހުގެ އެ އަނދަވަޅުތައް ކޮންނަމުންދަނީ މުސްލިމުންގެ ދީނީ ޝިއާރުތަކާ ދުރުހެލިކޮށް ޝައިތާނާގެ އެކުވެރީންނަށް ހެދުމަށް ޓަކައި ކަމަށް ވެސް ވިދާޅުވިއެވެ. ހުތުބާގައި ވިދާޅުވެފައިވަނީ މީހުންގެ ހިތްތައް ވަނީ އެ ހިޔާލީ ބޮޑު ނަފާގެ ދަޅައިގައި ޖައްސައި އާވާރާކުރުވައިފާ ކަމަށެވެ.

 



More from Vaguthu