ނަބީހް ދިޔައީ ފީނަން، ފެނުނީ ކަނޑު އަޑީގައި ނިޔާވެފައި އޮއްވާ

Fri, 18 Oct 2024 02:48 PM

View on this article on Vaguthu

ނަބީހް ދިޔައީ ފީނަން، ފެނުނީ ކަނޑު އަޑީގައި ނިޔާވެފައި އޮއްވާ

މިއަދު ރ. އަލިފުށީގައި ނިޔާވި ނަބީހް ހަސަން (24އ) ދިޔައީ ރަހުމަތްތެރިންނާއިއެކު ފީނަން ކަމަށާއި ފެނުނީ ކަނޑު އަޑީގައި ނިޔާވެފައި އޮއްވާ ކަމަށް ކައުންސިލުން ވިދާޅުވެއްޖެއެވެ.



އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ވިދާޅުވީ ނަބީހް އޭނާގެ ރަހުމަތްތެރިންނާއިއެކު ރަށުގެ ދެކުނު ފަރާތަށް ފީނުމަށް ދިޔައީ 11:00 ހާއިރު ކަމަށެވެ. އެއީ އާންމުކޮށް ރަށުގެ ރައްޔިތުން ފީނަންދާ ސަރަހައްދެއް ކަމަށް ވެސް ވިދާޅުވިއެވެ.

ފީނަން އުޅުނު ކުދިންނަށް ނަބީހް މައްޗަށް ނާރައިގެން އެކަން ފާހަގެ ހޯދަން ފެށި ކަމަށާއި ފެނުނީ ކަނޑު އަޑީގައި އޮއްވާ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

"ނަބީހް އޮތީ ކަނޑު އަޑީގައި ކުދިންނަށް ފެންނަ ހިސާބުގައި. އެކަމަކު އެ ކުދިންނަށް ނަބީހްއާއި ހަމައަށް ފޯރާ ވަރަށްވުރެ އަޑީގަ އޮތީ. ދެން ޑައިވް ކުރާ ސާމާނާއެކު ޓީމެއް އައިސްގެން ނަބީހް ނެގީ. ހުކުރު ފަހުން ނެގުނީ "އިމްރާން ވިދާޅުވިއެވެ

އިމްރާން ވިދާޅުވީ ނަބީހް ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ ނިޔާވެފައި ކަަމަށެވެ. އަދި ހޮސްޕިޓަލުން ވެސް ވަނީ ނަބީހް ނިޔާވެފައިވާ ޔަގީންކޮށްދީފައި ކަމަށެވެ.

ނަބީހް އަކީ އާންމުކޮށް ރަށުގައި ފްރީ ޑައިވިންނަށްދާ ޒުވާނެއް ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. އެހެންކަމުން މި ފަހަރު ސީދާ ވީ ކިހިނެތްކަން ނޭނގޭ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށް ދަނީ ނަބީހްގެ ޖަނާޒާ ބޭއްވުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ އަލުފުށީ ކަނޑުތޮށި ކައިރިއަށް މަސް ހިފަން މޫދަށް ފޭބި ތިން މީހުންގެ ތެރެއިން އެކަކު މައްޗަށް ނާރާ އަޑީގައި އޮތް ކަމަށް މިއަދު މެންދުރު 12:06 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އެ މީހާ ނަގައިގެން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު، އޭނާ ނިޔާވެފައިވާ ކަމަށް އެ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.

 



More from Vaguthu