ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކްރިއޭޓިވް އިކޮނޮމީ ފަންޑު ހުޅުވާލައިފި

Fri, 18 Oct 2024 03:08 PM

View on this article on Vaguthu

ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކްރިއޭޓިވް އިކޮނޮމީ ފަންޑު ހުޅުވާލައިފި

ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގާއިމްކުރި ކްރިއޭޓިވް އިކޮނޮމީ ފަންޑުން އެހީ ހޯދުމަށް ހުށަހެޅުމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ހުޅުވާލައިފިއެވެ.

ބީސީސީއިން ވިދާޅުވީ އެ ސްކީމަކީ މިޔުޒިކާއި ފިލްމު އުފެއްދުމުގެ އިތުރުން އާޓް އެންޑް ކްރާފްޓްގެ ގޮތުގައި ގިންތިކުރެވޭ އެކި އުފެއްދުންތަކާއި، މީޑިއާ ކޮންޓެންޓް އުފެއްދުންފަދަ ޕްރޮޖެކްޓުތަކަށް މާލީ އެހީ ފޯރުކޮށްދޭ ސްކީމެއް ކަމަށެވެ.

އެ ފަންޑުގެ ތެރެއިން 50،000 ރުފިޔާއިން ފެށިގެން 300،000 ރުފިޔާއާ ހަމައަށް އެހީ ދޭނެ ކަމަށާއި އެ ފަންޑަށް ކުރިމަތިލެވޭނީ ކުދި ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ނުވަތަ ބީސީސީގައި އަމިއްލަ މަސައްކަތް ކުރާ ފަރާތެއްގެ ގޮތުގައި ދަފްތަރުކުރެވިފައިވާ ފަރާތްތަކަށް ކަމަށް ވެސް ވިދާޅުވެއެވެ.

ބީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ސާމިހް އާދަމް ވިދާޅުވީ، އެ ފަންޑަށް ކުރިމަތިލާ ފަރާތްތަކަށް ބީސީސީގެ ފަރާތުން އިންކިއުބޭޝަން ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ. އެ ހިދުމަތުގެ ތެރެއިން މަސައްކަތުގެ ކުރިމަގުގެ އަމާޒުތައް ދެނެގަތުމާއި، ދިމާވާނެ ގޮންޖެހުންތައް ދެނެގަނެ އެކަން ހައްލުކުރާނެ ގޮތްތައް ކިޔައިދީ މަސައްކަތުގެ ކާމިޔާބީއަށް ވާސިލްވުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އޭގެ އިތުރުން ބީސީސީއިން ވިދާޅުވީ އެ ފަންޑުގެ ތެރެއިން ލޯނު ލިބޭ ފަރާތްތަކަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ލިބޭ އާމްދަނީއަށް ބިނާކޮށް ލޯނު އަނބުރާ ދެއްކުމުގެ ލުއިގޮތްތަކެއް ހަމަޖެހިފައިވާއިރު، އެ ފަންޑުގެ ތެރެއިން އެހީ ހޯދުމަށް ރަހުނެއް ބޭނުންނުވާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިއޭޓިވް އިކޮނޮމީ ސިޔާސަތުގެ ދަށުން ގާއިމްކޮށްފައިވާ އެ ފަންޑު މިހާރު ހުޅުވާލާފައިވާއިރު، އަންނަ އަހަރު އެ ފަންޑު އިތުރަށް ފުޅާކޮށް އިތުރު ދާއިރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާނެ ކަމަށް ވެސް ބީސީސީން ވިދާޅުވެއެވެ.





More from Vaguthu