މަސައްކަތުގެ މާހައުލުގައި ދިމާވާ ކަމަކުން 15 މިލިއަނާއި ހަމައަށް ބަދަލެއް ނަގާދެވޭ ގޮތަށް ގަވާއިދެއް!

Fri, 18 Oct 2024 05:03 PM

View on this article on Vaguthu

މަސައްކަތުގެ މާހައުލުގައި ދިމާވާ ކަމަކުން 15 މިލިއަނާއި ހަމައަށް ބަދަލެއް ނަގާދެވޭ ގޮތަށް ގަވާއިދެއް!

މަސައްކަތުގެ މާހައުލުގައި، މަސައްކަތާ ގުޅިގެން ނުވަތަ މަސައްކަތުގެ ސަބަބުން، އެ މީހާއަށް އަނިޔާއެއްވުމުގެ ސަބަބުން ވަގުތީ ނުކުޅެދުންތެރިކަމެއް ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެ ނަމަ ނުވަތަ އެ މީހަކު މަރުވެއްޖެ ނަމަ ހަރަދުތަކާއި ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ގޮތަށް ލޭބާ ރިލޭޝަން އޮތޯރިޓީން އާ ގަވާއިދެއް ހަދައި އަމަލު ކުރަން ފަށައިފިއެވެ.



އެ ގަވާއިދުގައި ބުނެފައި ވަނީ މިއީ ރާއްޖޭގައި މަސައްކަތްތެރީން މަސައްކަތްކުރާ މާހައުލުގެ ސަލާމަތާއި، މަސައްކަތްތެރީންގެ ސިއްހީ ރައްކައުތެރިކަމާއި، މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އެ ނޫން ވެސް ފަރާތްތަކުގެ ސަލާމަތާއި ސިއްހީ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމާއި ފިޔަވަޅުއަޅަންޖެހޭ ހާލަތްތަކުގައި އަމަލުކުރާނެ ކަންކަން ބަޔާންކުރުމުގެ ގޮތުން މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެއް ކަމަށެވެ.

އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފެށި މި ގަވާއިދުގައިވާ ގޮތުން ސިއްހަތާއި ރައްކައުތެރިކަމުގެ ސިޔާސަތު އެކުލަވައިލަން ޖެހޭނެއެވެ. މި ގަވާއިދުގައި ވާގޮތުން މަސައްކަތްކުރާ ތަން ހިންގާ ފަރާތުން މަދުވެގެން ކޮންމެ ތިން އަހަރުދުވަހަކުން އެއްފަހަރު މަސައްކަތުގެ މާހައުލު ދިރާސާ ކުރުމަށްފަހު، ސިއްހަތާއި ރައްކައުތެރިކަމުގެ ސިޔާސަތަށް އެއްވެސް އިސްލާހެއް ގެންނަންޖެހޭކަމަށް ފެންނަ ނަމަ، އެފަދަ އިސްލާހުތައް ގެންނަން ޖެހޭނެއެވެ.

މި ގަވާއިދުގައިވާގޮތުން އެ ތަނެއްްގައި ވަޒީފާ އަދާ ކުރާ މީހުންގެ އަދަދަށް ބަލައި، ސިއްހަތާއި ރައްކައުތެރިކަމުގެ އޮފިސަރުން އައްޔަނު ކުރަން ޖެހޭނެ ކަމަަށް ބަޔާންކޮށްފައި ވެއެވެ. އަދި ސިއްހަތާއި ރައްކައުތެރިކަމުގެ އޮފިސަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައްވެސް ކަނޑައަޅާފައި ވެއެވެ. އަދި މި އޮފިސަރުންގެ ކިބައިގައި ހާއްސަ ޝަރުުތުތަކެއް ހުންނަންވާނެ ކަމަށްވެސް ކަނޑައަޅާފައި ވެއެވެ.

އަދި ހެލްތުއެންޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށް ހިންގަން ޖެހޭނެ ކަމަށްވެސް އެ ގަވާއިދުގައި ބުނެފައިވާއިރު، ހެލްތު އެންޑް ސޭފްޓީ އޮފިސަރުންނާއި، އެކްރެޑިޓްކޮށްފައިވާ، ތަމްރީނުދޭ ފަރާތްތަކާއި، މަސައްކަތުގެ މާހައުލުގައި ބޭނުންކުރާ އާލާތްތަކާއި މެޝިންތައް ޓެސްޓުކުރުމަށް ހުއްދަ ދީފައިވާ އެގްޒަމިނަރުން މަސައްކަތް ކުރެވޭނީ ސިއްހަތާއި ރައްކައުތެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރަންވާނީ ޑިރެކްޓަރ ޖެނެރަލް ދޫކުރާ ހުއްދައެއް އޮވެގެން ކަަމަށްވެސް މި ގަވާއިދުގައި ވެއެވެ.

ބިދޭސީއަކު ކުކުޅު ބިސް ކޭހެއް ގެންދަނީ -- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މީގެ އިތުރުން މަސައްކަތުގެ މާހައުލުގައި ހިނގާ ސިއްހަތާއި ރައްކައުތެރިކަމާ ގުޅޭ ހާދިސާތަކާއި ބަލިތައް ޑިރެކްޓަރ ޖެނެރަލަށް ނުވަތަ އޮތޯރިޓީ އަށް ރިޕޯޓު ޖެހެއެވެ.

މަސައްކަތާ ގުޅިގެން ނުވަތަ މަސައްކަތުގެ ސަބަބުން، މަސައްކަތްތެރިއަކަށް އަނިޔާއެއްވުމުގެ ސަބަބުން ވަގުތީ ނުކުޅެދުންތެރިކަމެއް ނުވަތަ ދާއިމީނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެ ނަމަ ނުވަތަ މަސައްކަތްތެރިއެއްގެ ފުރާނަ ހިނގައްޖެ ނަމަ، މި ގަވާއިދުގެ ދަށުން ހަރަދުތަކާއި ގެއްލުމުގެ ބަދަލު ނަގައިދެވޭނެއެވެ.

  • ލިބުނު އަނިޔާއަށް ލިބިދެވޭ ބޭސްފަރުވާގެ ހަރަދު.
  • ލިބުނު އަނިޔާއަށް ބޭސްފަރުވާކުރަން ޖެހުމުގެ ސަބަބުން މަސައްކަތަށް ނުނިކުމެ ހޭދަވާ ދުވަސްތަކަށް ލިބިދެވޭ އުޖޫރަ.
  • ލިބުނު އަނިޔާގެ ސަބަބުން މެދުވެރިވި ވަގުތީ ނުކުޅެދުންތެރިކަމަށް ނުވަތަ ދާއިމީނުކުޅެދުންތެރިކަމަށް ލިބިދެވޭ ގެއްލުމުގެ ބަދަލު.
  • ލިބުނު އަނިޔާގެ ސަބަބުން މަސައްކަތްތެރިޔާގެ ފުރާނަ ހިނގައްޖެ ހާލަތެއްގައި ލިބިދެވޭ ގެއްލުމުގެ ބަދަލު.

ނުކުޅެދުންތެރިކަމެއް މެދުވެރިވުމުން ނަގައިދެވޭ ބަދަލުގެ މިންވަރު

  1. ދިމާވި ދާއިމީ ނުކުޅެދުންތެރިކަމުގެ ސަބަބުން މަސައްކަތަށް ބުރޫއެރުމެއް ނެތި މަސައްކަތް ކުރަމުން ދިޔަ ތަނުގައި ހަމަ އެ މަސައްކަތް ކުރެވޭނެމަ އެ ހާލަތުގައި އޭނާއަށް މަހަކު 2500ރ ދޭން ވާނެ ކަމަށް ބުނެފައި ވެއެވެ.
  2. ދިމާވި ދާއިމީ ނުކުޅެދުންތެރިކަމުގެ ސަބަބުން، މަސައްކަތް ކުރަމުން ދިޔަ ތަނުގައި ކުރަމުންއައި މަސައްކަތް ނޫން އެހެން މަސައްކަތެއް ކުރެވ
  3. އެ ހާލަތުގައި އޭނާއަށް މަހަކު 5000ރ ދޭން ވާނެ ކަމަށް ބުނެފައި ވެއެވެ.
  4. ދިމާވި ދާއިމީ ނުކުޅެދުންތެރިކަމުގެ ސަބަބުން، މަސައްކަތް ކުރަމުން އައިތަން ދޫކޮށްލަން ޖެހޭނެމަ އެ ހާލަތުގައި މަހަކު 7،500ރ ދޭން ވާނެ ކަމަށް ބުނެފައި ވެއެވެ.
  5. ދިމާވި ދާއިމީ ނުކުޅެދުންތެރިކަމުގެ ސަބަބުން އެއްވެސް ވަޒީފާއެއް އަދާކުރުމުގެ ގާބިލުކަން ނެތް ނަމަ މަހަކު 10،000ރ ދޭން ވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މި ގަވާއިދުގެ ދަށުން، ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވެފައިވާ މަސައްކަތްތެރިޔާއަށް ގެއްލުމުގެ ބަދަލު ނަގައިދެވޭނީ، މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށެވެ. އަދި ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވާ މަސައްކަތްތެރިޔާއަށް ނަގައިދެވޭނެ ބަދަލުގެ އެންމެ މަތީ އަދަދަކީ 10 މިލިއަން ރުފިޔާ އެވެ. އަދި އެންމެ ދަށު އަދަދަކީ 1,260,000 ރުފިޔާ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ހައުސިން ޔުނިޓްތައް އިމާރާތް ކުރުމުގެ މަސައްތަތުގައި ބިދޭސީން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފުރާނަ ދިއުމުގެ ސަބަބުން ނަގައިދެވޭ ބަދަލު

މަސައްކަތް ހަވާލުކުރި ފަރާތުގެ އިހުމާލަކާ ނުލައި ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ ހާދިސާއެއްގެ ސަބަބުން ފުރާނަ ހިނގައްޖެ ނަމަ، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އިތުރު 500,000ރ. މަސައްކަތްތެރިޔާގެ ވާރިސުންނަށް ދޭންވާނެ.

މަސައްކަތް ހަވާލުކުރި ފަރާތުގެ އިހުމާލުން ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ ހާދިސާއެއްގެ ސަބަބުން ފުރާނަ ހިނގައްޖެ ނަމަ، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އިތުރު 1,000,000ރ މަސައްކަތްތެރިޔާގެ ވާރިސުންނަށް ދޭންވާނެ.

ލިބުނު އަނިޔާގެ ސަބަބުން މަސައްކަތްތެރިޔާގެ ފުރާނަ ހިނގައްޖެ ނަމަ، ނަގައިދެވޭނެ ބަދަލުގެ އެންމެ ދަށް އަދަދަކީ 1,460,000ރ. ކަމަށް އެ ގަވާއިދުގައި ބުނެފައިވާއިރު، ނަގައިދެވޭނެ އެންމެ މަތީ އަދަދަކީ 15,400,000ރ ކަމަށް ބުނެފައި ވެއެވެ.



More from Vaguthu