ސިނަމާލެ ބްރިޖްގައި އަޅާފައިވާ ފެންހޮޅި ގުޅާލުމުގެ މަސައްކަތް މި އަހަރު ތެރޭ ނިމޭނެ: ވަޒީރު

Fri, 18 Oct 2024 07:09 PM

View on this article on Vaguthu

ސިނަމާލެ ބްރިޖްގައި އަޅާފައިވާ ފެންހޮޅި ގުޅާލުމުގެ މަސައްކަތް މި އަހަރު ތެރޭ ނިމޭނެ: ވަޒީރު

ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގާ ގުޅާލުމަށް ސިނާމާލެ ބްރިޖްގައި އަޅާފައިވާ ފެންހޮޅީގެ މަސައްކަތް މި އަހަރު ތެރޭގައި ނިމެނޭ ކަމަށް ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.



ސިނަމާލެ ބްރިޖް މެދުވެރިކޮށް ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގާ ގުޅާލުމުގެ މަޝްރޫއަކީ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ "ވޯޓަރ ސެކިއުރިޓި ޕްލޭން" ގެ ދަށުން 2016 ވަނަ އަހަރު ފެށުމަށްފަހު އެކި ސަބަބުތަކާއި ހެދި މަޑުޖެހިފައި އޮތް މަޝްރޫއެކެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވީ، މާލެ ސަރަހައްދުގެ ފެން އުފެއްދުމުގެ މަސައްކަތާއި ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމަށް މިވަގުތު ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ސިނަމާލެ ބްރިޖްގައި އަޅާފައިވާ ފެންހޮޅި ޕަމްޕް ސްޓޭޝަނަަށް ލާފައި ގުޅުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

"އެ ފެންހޮޅި އަޅާލި ގޮތަށް މިދިޔަ ފަސް އަހަރު އެ އޮތީ އެއްވެސް ކަމެއް ނުކޮށް، އެ ގުޅިފައެއް ނޫން އޮތީ އެެއް ދިމާލަކުންވެސް، މި ހޮޅިއަކީ އެއްވެސް ފެނެއް ހުރި ހޮޅިއެއް ނޫން، އެއްވެސް ކޮޅަކުން ގުޅިފައި އިން ހޮޅިއެއް ނޫން،".

މާލެ އާއި ހުޅުމާލެ ފެނުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފި

ވަޒީރު ވިދާޅުވީ، ހުޅުމާލެގައި ހުންނަ ސްޓޯރޭޖް ޓޭންކާއި މާލޭގައި ހުންނަ ޓޭންކާއި ގުޅާލުމަށްފަހު، އެއީ އަބަދުވެސް ޕަމްޕް ކުރެވޭނެ ހޮޅިއަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިހާރު ޕަމްޕް ސްޓޭޝަން ހަދާ ހޮޅި އެކްޓިވް ކުރެވޭނެ، މި އަހަރު ނިމޭއިރު، މި މަސައްކަތް ނިމުނީމަ މާލޭގެ ވޯޓާ ސެކިއުރިޓީ ވަރުގަަދަ ވެގެން ދާނީ، މާލޭގައި އިތުރަށް ފެން ބޭނުންވާ ކަމަށްވަންޏާ، ހުޅުމާލެ އިން ފެން ޕަމްލް ކުރެވޭނެ، މާލެ އިން ހުޅުލެއަށް ފެން ޕަމްޕް ކުރެވޭނެ".

މި މަސައްކަތް ކުރަމުން ދަނީ އެމްޑަބްލިވްއެސްސީންނެވެ. އެ ކުންފުނިން އަލުން މި މަސައްކަތް ފެށީ ޖުލައި 9 ވަނަ ދުވަހެވެ. މި މަސައްކަތަށް ޖުމްލަ 3.8 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާ ކުރެވެއެވެ.

މި މަޝްރޫޢު ނިމުމުން، ބޭނުންވެއްޖެ ހާލަތެއްގައި، މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް ގަޑިއަކު 800 ޓަނުގެ ފެން ޕަމްޕުކުރުމުގެ ގާބިލްކަން އެމްޑަބްލިޔުއެސްސީ އަށް ލިބިގެންދާނެއެވެ.



More from Vaguthu