ޅ. އަތޮޅު ބަޔޮސްފިއާ ރިޒާވްއަކަށް ހަދަނީ

Fri, 18 Oct 2024 10:15 AM

View on this article on Vaguthu

ޅ. އަތޮޅު ބަޔޮސްފިއާ ރިޒާވްއަކަށް ހަދަނީ

ޅ. އަތޮޅު ބަޔޮސްފިއާ ރިޒާވްއަކަށް ހަދަން ޕްރޮޕޯސަލް ހުށަހެޅި ފަރާތަށް ހުއްދަ ދޭން ނިންމާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.



ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހިމް ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ވޭތުވެދިޔަ އަހަރުތަކުގައި 93 ސަރަހައްދެއް ހިމާޔަތް ކުރެވިފައިވާ ކަމަށެވެ. އޭގެ ތެެރޭގައި ހިމެނެނީ 63،468 ހެކްޓަރެވެ.

ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގައި އިތުރު ތިން ބަޔޮސްފެއަރ ރިޒާވް ހެދުމުގެ މަސައްކަތް ހިމެނޭއިރު، އެ މަސައްކަތަަށްވެސް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި ކަަމަށެވެ. އަދި އެކަމަށް އެދި ހުށަހެޅީ އެންމެ ޕްރޮޕޯސަލްއެއްކަން ފާހަަކުރައްވާ ވަޒީރު ވިދާޅުވީ، އެއީ ޅ. އަތޮޅުގައި ބަޔޮސްފެއަރ ރިޒާވް ހަދަން ހުށަހެޅި ޕްރޮޕޯސަލްއެއް ކަމަށެވެ.

"އެބޭފުޅުންގެ ޕްރޮޕޯސަލް އަޅުގަނޑުމެން މި ވަނީ އިވެލުއޭޓްކޮށް، އެ ބޭފުޅުންނަށް ބަޔޮސް ފެއަރ ރިޒާވް ހެދޭނެކަން އަޅުގަނޑުމެން މި ވަނީ އަންގާފައި،".

މިކަމަށް ބޭނުންވާ ފައިސާވެސް ގްލޯބަލް އެންވަޔަރެމެންޓް ފެސިލިޓީން ހަމަޖެހިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެކަން އަތޮޅު ކައުންސިލަށްވެސް އަންގާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި އަތޮޅު ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ކަނޑައެޅޭއިރު ބަޔޮސްފިޔަރ ރިޒާވެއްގައި ހިމެނޭ ސަރަހައްދުތައް ބެހިފައި ވަނީ މައިގަނޑު ތިން ބަޔަކަށެވެ.

އެއީ ކޯ އޭރިޔާ، ބަފަރޒޯން އަދި ޓްރާންޒިޝަނަލް ނުވަތަ މަލްޓި ޔޫޒް އޭރިޔާއެވެ.

ވަޒީރު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ރާއްޖޭގެ މުހިންމު ތަންތަން ހިމާޔަތް ކުރުމުގެ މަސައްކަތްތައް ކުރަމުންދާނެ ކަމަށެެވެ. އެ މަސައްކަތުގެ ތެރެއިން ރައީސްގެެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ގާއިމް ކުރުމަށް ޝައުގުވެރިކަން ފާޅު ކުރުމަށް ހުޅުވާޅި ފުރުސަތުގައި ލިބުނު ޕްރޮޕޯސަލް ދިރާސާކޮށް މިހާރު ނިމިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެެވެ.

"އިރާދަކުރެއްވިއްޔާމުން ކުރިއަަށް މިއޮތް އަހަރުތަކަށް ބަހާލައިގެން، ފޭސްތަކަކަށް ބަހާލައިގެން ނޭޗަރ ޕާކް ހެދުމުގެ މަސައްކަތްތައްވެސް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،". ވަޒީރު ވިދާޅުވިއެވެ.



More from Vaguthu