ފެނަކައިގެ ކުރީގެ އެސިސްޓަންޓް މެނޭޖަރެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރަނީ

Wed, 16 Oct 2024 07:08 PM

View on this article on Vaguthu

ފެނަކައިގެ ކުރީގެ އެސިސްޓަންޓް މެނޭޖަރެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރަނީ

ލ.ގަމު މަތިމަރަދޫ ފެނަކަ ބްރާންޗުގެ ކުރީގެ އެސިސްޓެންޓް މެނޭޖަރުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.



މި މައްސަލައިގައި ދައުވާކޮށް ދިނުމަށް އެދި ފޮނުވާފައި ވަނީ ލ. ގަމު މަތިމަރަދޫ ބްރާންޗްގެ އޭރުގެ އެސިސްޓަން މެނޭޖަރު ނަސްރުﷲ އަބްދުﷲ ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ގަމު މަތިމަރަދޫ ބްރާންޗު ހިންގުމާ އެދުވަސްވަރު ހަވާލުވުވެ ހުރި އިރު، އެ ބްރާންޗުގެ އޭރުގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖައިޒު ފައިދާ ހޯދައި ދިނުމުގެ މައްސަލައިގައެވެ.

ނަސްރުﷲ ގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ގާނޫނުލްއުގޫބާތުގެ ދަށުން ރަސްމީ ހަ އިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ 2019 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނުން ލ. ގަމުގެ އިންޖީނުގެތައް އެއް ބްރާންޗަކަށް ބަދަލުކުރުމަށް ގަމު މަތިމަރަދޫ އަވަށުގައި ހުރި ނާސަރީ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކުރީ ނަސްރުﷲ ގެ އާއިލީ މަސްލަހަތު އޮތް މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ.

މި މަސައްކަތް ހަވާލުކުރެވުނީ ފެނަކަ ކޯޕަރޭޝަނުގެ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރާ ގަވާއިދު 2019 އާ ހިލާފަށް، އާއިލީ މަސްލަހަތު އޮތްކަން ފެނަކަ ކޯޕަރޭޝަންއަށް އެންގުމެއް ނެތި ކަމަށް އޭސީސީން ވިދާޅުވިއެވެ. އަދި މަސައްކަތް ނިންމިކަން ކަށަވަރުނުކޮށް، މަސައްކަތުގެ އެއްބަސްވުމުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް މަސައްކަތް ފުރިހަމަކުރިކަމުގެ ލިޔުންތައް ފުރިހަމަ ކުރުމަކާނުލައި، އެ މަސައްކަތުގެ އަގު ދިނުމަށް ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފީހުގައި އެދިފައިވާ ކަމަށް އޭސީސީން ވިދާޅުވިއެވެ.

ނަސްރުﷲ އަބްދުﷲ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އޭނާ މަގާމުގެ ނުފޫޒު ބޭނުންކޮށް، އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާކަން ތަހުގީގުން ހޯދާފައިވާ ހޯދުންތަކުން އެނގޭ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެއެވެ.



More from Vaguthu