ކެންދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފި

Wed, 16 Oct 2024 06:12 PM

View on this article on Vaguthu

ކެންދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފި

ބ. ކެންދޫގައި ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުން ގާއިމްވެ ތިބެ ހިދުމަތް ދޭން ފަށައިފިއެެވެ.



ކެންދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އާއި ކައުންސިލް ރައީސް އިބްރާހިމް އަބްދުއްރަހްމާންއެވެ.

ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ދެއްކެވި ވާހަކައިގައި މެއި 6 2016 ވަނަ ދުވަހު ކެންދޫގައި ޕޮލިސް ޑެސްކުން ފެށި ފުލުހުންގެ ހިދުމަތް މިއަދު ޕޮލިސް ޕޯސްޓަކަށް ތަރައްގީ ކުރެވިގެން ގޮސްފައިވާތީ ރަށުގެ ރައްޔިތުންނަށް މަރުހަބާ ދެންނެވިއެވެ. އަދި ކެންދުއަކީ ކުށްމަދު އަމާން މުޖުތަމައެއް އޮންނަ އިޖުތިމާއީ ގުޅުން ބަދަހި ރަށެއްކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށްފިނަމަ ކުށްމަދު ގައުމަކަށް މި ގައުމު ވެގެންދާނެކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވިއެވެ.

ހަމަ އެހެންމެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުވުން މުހިންމުވަނީ، މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި، އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި، ޖިނާއީ ކުށްކުރުން ހުއްޓުވައި ތަހުގީގުކޮށް، ގާނޫނު ތަންފީޒުކުރުމުގެ އިތުރުން ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި، އިހުތިޔާރު ލިބިފައިވާ ފުލުހުންގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.

"މިއަދު މި ހުޅުވުނު ފުލުހުންގެ މަރުކަޒަކީ މި ހުރިހާ ކަމެއް ޔަގީން ކުރުމަށް ހުޅުވޭ ދޮރާއްޓެއް ކަމަށާއި މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އަމަލުކުރާ މައިގަނޑު އަސާސަކީ ކުށްވިޔަ ނުދިނުމަށް މުޖުތަމައާ ގުޅިގެން މަސައްކަތްކުރުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ކޮމިޝަނަރު ވިދާޅުވީ، ގާނޫނު އަސާސީންނާއި ގާނޫނުތަކުން ފުލުހުންނަށް މަތިކޮށްފައިވާ ޒިންމާތައް ފުރިހަމަގޮތުގައި އަދާކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތަކާ އަދި ތަމްރީނުތައް ހޯދައިދިނުމަކީ އަމާޒެއް ކަމަށާއި ފުލުހުންގެ މުއައްސަސާގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކޮށް ޚިދުމަތް ކުރިއެރުވުމަށް ބޭނުންވާ ބަދަލުތައް ގެންނަމުންދާ ކަމަށެވެ. އަދި މިކަމަށްޓަަކައި ބޭނުންވާ ވަސީލަތްތައް ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ދެއްވާ ހާއްސަ ސަމާލުކަމަށް ފުލުހުންގެ ނަމުގައި ޝުކުރުއަދާކުރެއްވިއެވެ.

 



More from Vaguthu