ޔާމީން ވަގަށް ނެގި 500 މިލިއަން ޑޮލަރު ހޯދިއްޖެނަމަ ދަރަނި ދައްކަން ފަސޭހަވާނެ: ފަލާހު

Wed, 16 Oct 2024 03:09 PM

View on this article on Vaguthu

ޔާމީން ވަގަށް ނެގި 500 މިލިއަން ޑޮލަރު ހޯދިއްޖެނަމަ ދަރަނި ދައްކަން ފަސޭހަވާނެ: ފަލާހު

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވެރިކަން ކުރެއްވިއިރު 500 މިލިއަން ޑޮލަރުން ވައްކަން ކުރައްވާފައިވާ ކަމަށާއި އެ ފައިސާ ދައުލަތަށް ހޯދިއްޖެނަމަ ދަރަނިތައް ދައްކަން ފަސޭހަވާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.



ގްރީން ޓެކްސް ބޮޑުކުރުމަށް ޓޫރިޒަމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ، ޓެކްސް ބޮޑުކުރަނީ ރާއްޖެއަށް އާމްދަނީ އިތުރުކުރުމަށް ކަމަށެވެ. އާމްދަނީ އިތުރުކުރާ ވާހަކަދައްކާއިރު ދައުލަތުން ގެއްލިފައި ހުރި ފައިސާގެ ވާހަކަ ވެސް ދައްކަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީނަށް ފާޑު ވިދާޅުވަމުން ފަލާހު ވިދާޅުވީ، ބައެއް ޕާޓީތަކަށް އޮޅުވާލައިގެން މީހުން ވައްދަމުންދާކަމަށް އެ ޕާޓީތަކުން ބުނަމުންދާ ކަމަށެވެ. އެހެން ބުނާއިރު އެ ޕާޓީތަކަށް ތިންހާސް ހަމަނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ދިވެހި ދައުލަތުގައި މީގެ ކުރިން ތިބި ވެރިން ވައްކަންކޮށްފައި އެ ބޭފުޅުން ވަގަށް ތަންތާ ބަހައްޓާފައި ހުރި ފައިސާ ދައުލަތަށް ލިބިއްޖެނަމަ ސަރުކާރު ވަރަށް މުއްސަނދިވާނެ ކަމަށެވެ.

ޔާމީންގެ ވައްކަންތަކުގެ ވާހަކަދައްކާއިރު ފަލާހު ވެސް އެ ސަރުކާރަށް ނިސްބަތްވާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށް ވިދާޅުވިއެވެ. އެ ވެރިކަމުގައި އޭރުގައި ހަރަކާތްތެރިވި ނަމަވެސް ފައިސާގެ ކަންކަން ހިނގައިދިޔަ ގޮތް މާ ރަނގަޅަށް އެނގިވަޑައިނުގަންވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

"2013 އިން 2018 އަށް އެ ހިނގި ވެރިކަމުގެ ތެރޭގައި އެ ވެރިކަންކުރި ވެރިންގެ އެކައުންޓުތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެބަހުރި ކަމަށް ވަނީ 500 މިލިއަން ޑޮލަރު. ދައުލަތަށް ގެއްލިފައި ހުރި އެ ފައިސާ އޭސީސީއާއި ކަމާ ބެހޭ މުއައްސަސާތަކުން ހޯދަންޖެހޭ. އެ ފައިސާ ނުހޯދައިފިކަމަށްވާނަމަ އެއީ މި ސަރުކާރަށް ވެސް ހެދޭ ބޮޑު ގޯހަކަށް ވެގެންދާނެ. އެ ފައިސާ ހޯދިއްޖެކަމަށް ވަންޏާ އަންނަ އަހަރު އަޅުގަނޑުމެން ދައުލަތުން ދައްކަންޖެހޭ 600 މިލިއަން ޑޮލަރުން ބާކީ ހޯދަން ޖެހޭނީ 200 މިލިއަން." ފަލާހު ވިދާޅުވިއެވެ.

އޭގެ އިތުރުން، ފަލާހު ވަނީ ޔާމީން ގެކޮޅު ހައްދަވަނީ ވަގަށް ނަގާފައިވާ ފައިސާއިން ކަމަށް ވިދާޅުވެއެވެ. ޔާމީން 4،000 އަކަފޫޓުގެ ގޯއްޗެއް މާލޭގައި އެ ހައްދަވާއިރު އެއްވެސް ބޭންކަކުން ނެގި ލޯނެއް ނެތް ކަމަށާއި އެ ގޭގެ އަގު 90 ނޫނީ 80 މިލިއަނަށް ރުފިޔާއަށް އަރާ ކަމަށް ވިދާޅުވިއެވެ. ފަލާހު ވަނީ މި މައްސަލަ އޭސީސީއިން ބެލުމަށް ގޮވާލައްވާފައެވެ.



More from Vaguthu