އޮޕަރޭޝަން "ކުރަނގި": 8 ރަށަކުން 4،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި

Wed, 16 Oct 2024 02:09 PM

View on this article on Vaguthu

އޮޕަރޭޝަން "ކުރަނގި": 8 ރަށަކުން 4،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މުޅި ރާއްޖޭގައި ފެށި "އޮޕަރޭޝަން ކުރަނގި" އޮޕަރޭޝަންގައި މިހާތަނަށް އަށް 4،000 އަށް ވުރެ ގިނަ މީހުންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފިއެވެ.

މި އޮޕަރޭޝަން ފެށީ މިއަހަރުގެ މެއި މަހުގެ ދެ ވަނަ ދުވަހެވެ.

ދާހިލީ ސަލާމާއި ފަންނިޔަތާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މި އޮޕަރޭޝަން ކުރިއަށްގެން ދިޔުމަށް ނިންމާފަވާއިރު މީހުން ދިރިއުޅޭ 45 ރަށެއްގައި މިހާރު މި އޮޕަރޭޝަން ފަށާފައިވާ ކަަމަށެވެ.

އަދި މިހާތަނަށް އޭގެ ތެރެއިން 8 ރަށެއްގައި ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު ނަގާފާއިވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އެ 45 ރަށުން ވަނީ ޖުމްލަ 4،272 ބިދޭސީއެއްގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފައެވެ.

• ހއ. ދިއްދޫން 390 ބިދޭސީން

• ރ. އަލިފުށިން 178 ބިދޭސީން

• ރ. ދުވާފަރުން 140 ބިދޭސީން

• ކ. ގާފަރުން 105 ބިދޭސީން

• ކ. ހިންމަފުށިން 701 ބިދޭސީން

• ކ. މާފުށިން 1،076 ބިދޭސީން

• ލ. ގަމުން 200 ބިދޭސީން

• ސ. ހިތަދޫން 114 ބިދޭސީން

ވަޒީރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށެވެ. އެގޮތުން، ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ބަޔޯ މެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ޤައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން ފޮނުވާލުމަށް ވަނީ ނިންމާފައެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރާއްޖޭގައި ބޮޑު އޮޕަރޭޝަންތަކެއް ހިންގަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ. މި އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ އެ ވުޒާރާ އާއި ފުލުހުންގެ ހިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން ގުޅިގެންނެވެެ.





More from Vaguthu