ޓެކްސް ބޮޑު ކުރިޔަސް އިސްރާފު ކުރާނަމަ ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނޯންނާނެ: ސިޔާމް

Wed, 16 Oct 2024 01:57 PM

View on this article on Vaguthu

ޓެކްސް ބޮޑު ކުރިޔަސް އިސްރާފު ކުރާނަމަ ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނޯންނާނެ: ސިޔާމް

ސަރުކާރުން ޓެކްސް ބޮޑު ކުރި ނަމަވެސް ވައްކަމާއި އިސްރާފު ކުރާނަމަ ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.



ޓޫރިޒަމުން ނަގާ ޓެކްސް ބޮޑުކުރުމުގެ އިސްލާހަށް ބަހުސް ކުރައްވަމުން ސިޔާމް ވިދާޅުވީ، މިހާރު ވެސް ސަރުކާރުން ދަނީ ރާއްޖެއަށް ބޭނުންވާ ވަރަށް ޓެކްސް ނަގަމުން ކަމަށެވެ. އަދި ރައްޔިތުންގެ އަތުން ނަގާ ޓެކްސް ގެންދަނީ އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުކުރަމުން ކަމަށް ވިދާޅުވެއެވެ.

ޓެކްސް ނަގަމުން ގޮސް މިއަދު ރާއްޖެ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ޓެކްސް ނަގާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ސިޔާމް ވިދާޅުވިއެވެ. ޓެކްސްގެ ބޮލަކަށް ޖެހޭ މިންވަރު ބަލާނަމަ ރާއްޖެއަށް ލާރި ވެސް ލިބޭ ކަމަށާއި މި ގައުމަކީ އިރުދެކުނު އޭޝިއާގައި އޮތް އެންމެ މުއްސަނދި އެއް ގައުމު ކަމަށް ސިޔާމް ވިދާޅުވިއެވެ.

"މި ވަގުތު ކުރަންވީ އެންމެ މުހިންމު ކަމަކީ ހަރަދުތައް ކުޑަކުރުން. ރާއްޖޭގެ ޓެކްސް ރޭޓުތައް ހުރީ އެންމެ ތަރައްގީ ގައުމުތައް ކަމަށްވާ ސިންގަޕޫރާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީއެކޭ އެއް ފެންވަރުގައި. އަޅުގަނޑުމެންނަށް ފަސް ބިލިއަން ޑޮލަރު ލިބޭ ކަމަށްވަންޏާ ދެ ބިލިއަން ޑޮލަރު ކަނޑަށް އަޅާކަމަށްވަންޏާ އަޅުގަނޑުމެން މި ޓެކްސް އިތުރަށް 10 ގުނަ ދެއްކިޔަސް 100 ގުނަ ޖެއްސިޔަސް، 1،000 ގުނަ ޖެއްސިޔަސް މިއަކުން ކުރާނެ ރާހަތެއް ނޯންނާނެ. އަޅުގަނޑުމެން ކުރަންވީ އެންމެ މުހިންމު ކަމަކީ އަޅުގަނޑުމެންގެ ހަރަދުތައް ކުޑަކުރުން." ސިޔާމް ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުތަކުން ގިނަ އަދަދެއްގެ އެސްސޯއީތަކެއް އުފައްދައި ބޭކާރު ހަރަދުކޮށް އިސްރާފުކޮށްފައިވާ ކަން ސިޔާމް ފާހަގަކުރެއްވިއެވެ. އެހެންކަމުން އިތުރަށް ޓެކްސް ނެގިއަސް ފައިދާއެއް ނުކުރާނެ ކަމަށާއި ސަރުކާރުން ޖަރީމާ ހިންގާ ކުންފުނިތައް ވަގުތުން ވަގުތަށް ހުއްޓައިގެން ނޫނީ މި މައްސަލަ ހައްލު ނުވާނެ ކަމަށް ވިދާޅުވިއެވެ.

"އަވައްޓެރި ސްރީލަންކާ ބަނގުރޫޓުވީ ވެސް އެ ފަދަ އިސްރާފުތަކުގެ ސަބަބުން. އެ ގައުމު ބަނގުރޫޓު ވީއިރު 1،000 ކުންފުނި އޮތް ރާއްޖެ ވެސް މިހާރު ފެންނަނީ އެ މިސްރާބުން އިސްރާފުކުރާތަން." ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ޓެކްސް ބޮޑުކުރުމާއި އެމަނިކުފާނު ދެކޮޅު ނޫން ކަމަށެވެ. ނަމަވެސް އެ ފައިސާ ރަނގަޅު ގޮތުގައި ބޭނުންކުރަން ޖެހޭނެ ކަމަށާއި ވައްކަންކޮށްގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.



More from Vaguthu