އިސްރާއީލްގެ ޕާސްޕޯޓު މަނާކުރުން އަވަސްކުރަން ޕީއެންސީން ގޮވާލައިފި

Tue, 15 Oct 2024 11:57 PM

View on this article on Vaguthu

އިސްރާއީލްގެ ޕާސްޕޯޓު މަނާކުރުން އަވަސްކުރަން ޕީއެންސީން ގޮވާލައިފި

އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ރައްޔިތުންގެ މަޖިލިހުގައި އޮތް އިރު، އެ މައްސަލަ އަވަސްކުރަން ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީން މިރޭ ގޮވާލައިފިއެވެ.



އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން މަޖިލިހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ހުށަހެޅި ބިލު ބަލައިގަނެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ވަނީ ފޮނުވައިފައެވެ.

އެ ބިލު އަދިވެސް ކޮމިޓީގައި އޮތް އިރު، ބިލްގެ މަސައްކަތެއް ނުހިނގައެވެ.

ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި ލަފާގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި އޮތް ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވީހާވެސް އަވަހަށް ގެނައުމަކީ އެ ޕާޓީން ތާއީދު ކުރާ ކަމެއް ކަމަށެވެ.

އަދި މިހާރު މަޖިލީހުގައި އޮތް އިމިގްރޭޝަންގެ ގާނޫނު އިސްލާހުކުރުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް އަވަހަށް ނިންމައި، ރައްޔިތުންގެ ރޫޙާއި ވިންދާ އެއްގޮތަށް ރައީސް ޑރ. މުއިއްޒު ނިންމަވާފައިވާ ނިންމެވުން ހަގީގަތަކަށް ހެދުމުގެ މަސައްކަތް މަޖިލީހުން ހަލުވިކަމާއެކު ކުރުމަށް ޕީއެންސީން އިލްތިމާސް ކުރިއެވެ.

"އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު، ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ ތެރެއަށް ލުބުނާނުގެ ރައްޔިތުންނަށް ކުރިމަތިކުރަމުންދާ ކެކުޅުމާއި ވޭންތައް އިތުރުކޮށްފައިވާ މިދަނޑުވަޅުގައި އެ އަމަލުތަކާމެދު ނުރުހުން ފާޅުކުރުމަށް ރާއްޖެއިން އަޅަން ރައީސް ޑރ. މުއިއްޒު ނިންމަވާފައިވާ މި މުހިއްމު ފިޔަވަޅަށް މި ޕާޓީން ފުރިހަމައަށް ތާއީދުކުރާކަމަށް ދަންނަވަމެވެ." ޕީއެންސީގެ ބަޔާނުގައިވެއެވެ.

އިސްރާއީލްގެ ޕާސްޕޯޓު މަނާކުރާ ބިލްގެ މަސައްކަތް ހުއްޓާލި ސަބަބު ސާފުކޮށްދޭން އެދިއްޖެ

ބިލުގައިވަނީ އިސްރާއީލް ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް އިސްރާއީލްގެ ރައްޔިތަކު ވެސް ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފައެވެ. މި ބިލު ހުށަހެޅި އިސްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންގެންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

އިސްރާއީލްގެ ޕާސްޕޯޓު މަނާކުރުމަށް ނިމިދިޔަ 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް، މިހާތަނަށް ވަކި ގޮތަކަށް އަމަލުކޮށްފައިނުވާތީ ގާނޫނަށް އިސްލާހު ގެންނަން ބޭނުންވާ ކަމަށް ވެސް ބިލްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ފަލަސްތީނާ އެއްކޮޅަށް ވަރުގަދަ ސްޓޭންޑެއް ނަގައިފައެވެ. ހާއްސަކޮށް، ރައީސް ޑރ. މުއިއްޒު ގެންދަވަނީ ފަލަސްތީނުގެ ދިފާއުގައި ވަރަށް ވަރުގަދައަށް ވަކާލާތު ކުރައްވަމުންނެވެ.



More from Vaguthu