ވެލާނާ އެއާޕޯޓުގެ ކުރީގެ ރަންވޭ މަރާމާތު ކުރަން ޗައިނާގެ ބީޔޫސީޖީއަށް

Tue, 15 Oct 2024 09:08 PM

View on this article on Vaguthu

ވެލާނާ އެއާޕޯޓުގެ ކުރީގެ ރަންވޭ މަރާމާތު ކުރަން ޗައިނާގެ ބީޔޫސީޖީއަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ފުރަތަމަ ރަންވޭ އާއި މިހާރުގެ ޓެކްސީވޭ މަރާމާތު ކުރަން ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްފިއެވެ. ބީޔޫސީޖީއަކީ ވެލާނާ އެއާޕޯޓުގެ ތަރައްގީގައި ވަރަށް މުހިންމު ރޯލެއް އަދާކުރި ކުންފުންޏެކެވެ.



"ޓެކްސީވޭ ޗާލީ ރީބިލްޑް" ނަމުގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން ރަންވޭ ޒަމާނީ ފެންވަރަށް ހަދާއިރު، ރަންވޭގައި 3،200 މީޓަރު ހުންނާނެއެވެ. އެ ރަންވޭ ތަރައްގީ ކުރާނީ ޕެރެލަލް ޓެކްސީވޭއެއްގެ ގޮތުގައެވެ. އެ މަސައްކަތް ބީޔޫސީޖީއާ ހަވާލުކުރީ 2027 ވަނަ އަހަރުގެ މެދުތެރޭ ނިންމާ ގޮތަށެވެ.

ވެލާނާ އެއާޕޯޓްގެ ޓެކްސީވޭ ޗާރލީ އަލުން ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުއެވެ.

ވެލާނާ އެއާޕޯޓުގެ ފުރަތަމަ ރަންވޭ ހެދީ 1976 ވަނަ އަހަރުއެވެ. އެ ރަންވޭ ބޭނުން ކުރުން ހުއްޓާލީ، އެއާޕޯޓުގައި ޒަމާނީ ފެންވަރުގެ ރަންވޭއެއް އެޅުމުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި އެ ރަންވޭއަކީ އެންމެ ބޯޑު މަތިންދާ ބޯޓު ކަމަށްވާ އޭ380 މަރުކާގެ ބޯޓު ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ. އާ ރަންވޭ ވެސް ހަދާފައިވަނީ ބީޔޫސީޖީ އިންނެވެ.

އެމްއޭސީއެލްގެ އެމްޑީ ޝަރީފު ވާހަކަ ދައްކަވަނީ. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކުރީގެ ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފެށީ 2022 ގައެވެ. އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެއެވެ. މި ރަންވޭ އެޅުމަށް 450 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ. މިއީ ރާއްޖޭގައި ކުރިއަށް ގެންދިޔަ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، މިހާރު ބޭނުން ކުރާ ރަންވޭއަށް ކަމެއް ދިމާވެއްޖެ ނަމަ، ބޯޓުތައް ޖައްސާނެ އިތުރު ގޮތެއް ނޯންނާނެ ކަަމަށެވެ. އެހެންވެ، ބާ ރަންވޭ މަރާމާތު ކުރުމަކީ މުހިންމު ކަމެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.

 



More from Vaguthu