ކޮކާ-ކޯލާ ފައުންޑޭޝަންގެ ހަރަދުގައި ރާއްޖޭން ފުރަތަމަ ފަހަރަށް ޕްލާސްޓިކް ފުޅި އެކްސްޕޯޓްކޮށްފި

Wed, 16 Oct 2024 12:25 PM

View on this article on Vaguthu

ކޮކާ-ކޯލާ ފައުންޑޭޝަންގެ ހަރަދުގައި ރާއްޖޭން ފުރަތަމަ ފަހަރަށް ޕްލާސްޓިކް ފުޅި އެކްސްޕޯޓްކޮށްފި

ރާއްޖޭގައި ޕްލާސްޓިކް ކުނި މެނޭޖްކުރުމުގެ ވަށާޖެހޭ އިގްތިސާދަށް އެޅި ފިޔަވަޅެއްގެ ގޮތުން، ދަ ކޮކާ-ކޯލާ ފައުންޑޭޝަނާއި ބައިވެރިން ގުޅިގެން ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅި (ޕެޓް)ގެ ބޭލްޑް ކޮންޓެއިނަރެއް ރާއްޖޭން ބޭރަށް އެކްސްޕޯޓް ކޮށްފިއެވެ.

މިއީ ރާއްޖޭގެ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ޕްލާސްޓިކް ކުނި ބޭނުކޮށް އަލުން ބޭނުން ކުރުމުގެ އަމާޒުގެ ދަށުން ހިންގާ މަޝްރޫއެކެެވެ.



ވޯލްޑް ކްލީންއަޕް ޑޭ 2024ގައި ބޭއްވި މި ހަރަކާތުގައި ދަ ކޮކާ-ކޯލާ ފައުންޑޭޝަން (ޓީސީސީއެފް) އިން ހަރަދުކޮށްގެން، ޕިކަޕް އާއި ބެލަރ ހިމެނޭ ސާމާނު ސަރުކާރުގެ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކުރިއެވެ. ޓީސީސީއެފްގެ ހަރަދުގައި މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (އެމްއޯޕީއޭ) އަދި ވެމްކޯ ގުޅިގެން ކުރިއަށް ގެންދާ މި އިސްނެގުމަކީ ޕެޓް ފުޅި އެއްކުރުން ހަރުދަނާކޮށް، ރާއްޖޭގައި ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.

މި އިސްނެގުމުގައި ރީސައިކަލް ކުރުމަށް ބެލްޑް ޕެޓް ފުޅި މެލޭޝިއާ އާއި ޗައިނާއަށް އެކްސްޕޯޓް ކުރާނެއެވެ. މީގެ ކުރިން ޕެޓް ފުޅި އެކްސްޕޯޓްކޮށްފައި ވާއިރު، ގިނަ އަދަދެއްގެ ކުނި ބެލްޑް ކުރުމުން ދަތުރުފަތުރަށް ވަރަށް ބޮޑަށް ރަނގަޅުވެ، މި މަސައްކަތުގައި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

ޓީސީސީއެފްގެ ހަރަދުގައި ހިންގާ އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓްގެ ޖުމްލަ މަގުސަދަކީ ރާއްޖޭގައި ޕްލާސްޓިކް ކުނި ރީސައިކަލް ކުރުމަށް މުޅި ރާއްޖެއަށް ހައްލެއް ހޯދައިދިނުމަށް އެހީތެރިވެދިނުމަށްބޭނުންވާ އާލާތްތަކާއި ނިޒާމުތައް ވެސް ގާއިމް ކުރުމެވެ.

.މިވަގުތު ރާއްޖޭގެ ގިނަ ކުނި އުކާލަނީ ނުވަތަ އަންދާލަނީ ކ. ތިލަފުށި ސިނާއީ ރަށުގައެވެ. މި މަޝްރޫއަކީ ކުނި މެނޭޖްކުރުމުގެ ރަނގަޅު އުސޫލުތަކަށް ބަދަލުވުމެއް ތަމްސީލުކުރާ މަޝްރޫއެކެވެ.

މި މަޝްރޫއުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ މާލޭ ސަރަހައްދަށް ވުރެ ޕެޓް ފުޅި އެއްކުރުމުގެ ނިޒާމުތައް ފުޅާކޮށް، ރީސައިކަލް ކުރުން ހަރުދަނާކޮށް ތަރައްގީ ކުރެވެންދެން މުޅި ރާއްޖޭގައި އެއްކުރެވޭ މިންވަރު ރަނގަޅު ކުރުމަށެވެ.

މި މަޝްރޫއުގެ އޮޕަރޭޝަންތައް ރަށްރަށާ ގުޅުވައިދިނުމާއި، ކުނި ވަކިކުރުމާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމާއި، ޕެޓް އެއްކުރުމުގެ މަސައްކަތް ފުޅާކުރުމުގައި މޯޕާގެ ބައިވެރިވުން ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.

ކޮކާ-ކޯލާ ފައުންޑޭޝަންގެ ހަރަދުގައި ރާއްޖޭން ފުރަތަމަ ފަހަރަށް ޕްލާސްޓިކް ފުޅި އެކްސްޕޯޓް ކުރުން: ފޮޓޯ: ކޮކާކޯލާ

"މި މަޝްރޫއަކީ ޕްލާސްޓިކް ކުނިތަކާ ދެކޮޅަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި ރާއްޖެއަށް ލިބުނު އިންގިލާބީ ކުރިއެރުމެއް،" މޯޕާގެ ރައީސް އަހުމަދު މައުމޫން ވިދާޅުވިއެވެ.

"މުޖުތަމައުތަކަށް ތައުލީމު ދިނުމާއި ވެމްކޯ ފަދަ ގައުމީ ބައިވެރިންނާ ގުޅިގެން ކުނި މެނޭޖްކުރާ ގޮތް ރަނގަޅު ކުރުމުގެ އިތުރުން، ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި ތިމާވެށީގެ ރައްކާތެރިކަމަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް."

ވެމްކޯއާ ގުޅިގެން މޯޕާއިން ވަނީ މުޖުތަމައުތަކުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ތައާރަފް ކުރުމަށް އެހީތެރިވެދީ، ޓީސީސީއެފްގެ ހަރަދުގައި ގެނެވޭ ކޮމްޕެކްޓަރާއި ޕިކަޕް ފަދަ ވަސީލަތްތައް މާލޭ ސަރަހައްދާއި އެހެން ރަށްރަށުގައި ވެސް ފައިދާހުރި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށް މަސައްކަތްކޮށްފައެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވީ މި އިސްނެގުމަކީ ޕްލާސްޓިކް ކުނި މެނޭޖްކުރުން ރަނގަޅުކޮށް، ރާއްޖޭގައި ރީސައިކަލް ކުރުމުގެ މަސައްކަތްތައް އިތުރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެެވެ.

"ޕެޓް ކުނި އެއްކުރުމާއި ޕްރޮސެސް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ރަށްރަށަށް ގެންގޮސް،ޕްލާސްޓިކް ތަޣައްޔަރުވުމުގެ އަވަސް ގޮންޖެހުން ހައްލުކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން ދެމެހެއްޓެނިވި މުސްތަގުބަލެއްގެ ބިންގާއެއް ވެސް ބިނާކުރުމަށް އެޅޭ ބާރެއް."

ޕެޓް ކުނި އެކްސްޕޯޓް ކުރުމަކީ ކުނި ނައްތާލުމުގެ އާންމު އުސޫލުތަކުން ޕްލާސްޓިކް ކުނި އެއްކޮށް، ޕްރޮސެސްކޮށް، ރީސައިކަލް ކުރާ ވަށާޖެހޭ އިގްތިސާދީ ވިސްނުމަށް ރާއްޖެ ބަދަލުވުމުގެ މުހިންމު ވަގުތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕެޓް ކުނި އެއްކުރުމުގެ އޮޕަރޭޝަނަލް ކަންތައްތައް ބަލަހައްޓައި، ބެލިން އަދި އެކްސްޕޯޓް ނިޒާމުތައް ރަނގަޅަށް ހިނގާކަން ކަށަވަރުކުރުމުގައި ވެމްކޯގެ ދައުރަކީ ވަރަށް މުހިންމު ދައުރެކެވެ.

"މި މަޝްރޫއަށް އަޅުގަނޑުމެންގެ ވިސްނުން ފުޅާވެފައިވަނީ ކުނި އެއްކުރުމަށް ވެސް ދުރަށް،" ދަ ކޮކާ-ކޯލާ ފައުންޑޭޝަންގެ ރައީސް ކާލޮސް ޕަގޯއާގާ ވިދާޅުވި އެވެ. "މޯޕާ އާއި ވެމްކޯގެ މަސައްކަތްތަކަށް ބޭނުންވާ ހަރަދު ހަމަޖައްސައިދީގެން، އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ސަގާފަތެއް އާލާކޮށް، ވަށާޖެހޭ އިގްތިސާދަކަށް އެހީތެރިވުން."



More from Vaguthu