ގްރީން ޓެކްސާއި އެއާޕޯޓު ފީ ބޮޑުކުރާ ބިލުތައް ކޮމިޓީއަށް

Wed, 16 Oct 2024 01:51 PM

View on this article on Vaguthu

ގްރީން ޓެކްސާއި އެއާޕޯޓު ފީ ބޮޑުކުރާ ބިލުތައް ކޮމިޓީއަށް

ގްރީން ޓެކްސް އާއި އެއާޕޯޓު ފީ ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދެ ބިލު ކޮމިޓީއަށް ފޮނުވައިފިއެވެ.



ރާއްޖެއިން ބޭރަށް ފުރާ ބިދޭސީންގެ އަތުން ނަގާ އެއާޕޯޓް ފީ ޓެކްސް ބޮޑުކުރާ ގޮތަށް އިސްލާހު ހުށަހަޅާފައިވަނީ ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށެވެ. އަދި ގްރީން ޓެކްސް ދެ ގުނަ ބޮޑުކުރަން އިސްލާހު ހުށަހަޅާފައިވަނީ ޓޫރިޒަމްގެ ގާނޫނަށެވެ.

އެއާޕޯޓް ފީ ބޮޑު ކުރުމާ ގުޅޭ ބިލުގެ އިބްތިދާއީ ބަހުސް އިއްޔެ ވަނީ ނިންމާލާފައެވެ. އަދި މިއަދު ގްރީން ޓެކްސް ބޮޑު ކުރުމަށް ހުށަހެޅި އިސްލާހުގެ އިބްތިދާއީ ބަހުސް ވަނީ ނިންމައިފައެވެ.

އެ ދެ ބިލު ވެސް ކޮމިޓީއަށް ފޮނުވަން ނިންމާފައިވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ ވޯޓާއެކުއެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 10 މެމްބަރެކެވެ.

ޓޫރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުގައި ވަނީ ރާއްޖޭގައި ފަތުރުވެރިން ހޭދަ ކުރާ ކޮންމެ ދުވަހަކަށް ދައްކަން ޖެހޭ ގްރީން ޓެކްސްގެ އަދަދު ތިން ޑޮލަރުން ހަ ޑޮލަރަށް ބަދަލުކުރަން ހުށަހަޅައިފައެވެ. އަދި 2025ގެ ފަހުން އެ އަދަދު 12 ޑޮލަރަށް ބޮޑުކުރަން ވަނީ ހުށަަހަޅައިފައެވެ.

އެއާޕޯޓު ފީ ބޮޑު ކުރަން ނިންމާފައިވަނީ އިކޮނޮމީ ކްލާހުން ފުރާ ބިދޭސީންގެ އަތުން ނަގާ ފީ 30 ޑޮލަރުން 50 ޑޮލަރަށް، ބިޒްނަސް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 60 ޑޮލަރުން 120 ޑޮލަރަށް، ފަސްޓް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 90 ޑޮލަރުން 240 ޑޮލަރަށް އަދި ޖެޓުގައި ފުރާ މީހުންގެ އަތުން ނަގާ ފީ 120 ޑޮލަރުން 480 ޑޮލަރަށެވެ.



More from Vaguthu