ޓޫރިޒަމް ގާނޫނަށް ގެންނަ އިސްލާހު ބައެއް ފަރާތްތަކަށް ހިތްގައިމު ނުވިޔަސް, ގައުމަށް ވަރަށް މުހިންމު: ފަލާހު

Wed, 16 Oct 2024 12:43 PM

View on this article on Vaguthu

ޓޫރިޒަމް ގާނޫނަށް ގެންނަ އިސްލާހު ބައެއް ފަރާތްތަކަށް ހިތްގައިމު ނުވިޔަސް, ގައުމަށް ވަރަށް މުހިންމު: ފަލާހު

ޓޫރިޒަމް ގާނޫނަށް މި ސަރުކާރުން ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތައް ބައެއް ފަރާތްތަކަށް ހިތްގައިމު ކަމުގައި ނުވިއަސް އެކަން ކުރުން ގައުމަށް ވަރަށް މުހިންމު ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.



ޓޫރިޒަމުން ޓެކްސް ބޮޑުކުރުމުގެ އެ އިސްލާހަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ، މިއަދު ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ތަރައްގީއާ ތަހުޒީބާ ގެނެސް މި ގައުމުގެ ކުރިއަށް އޮތް މުސްތަގްބަލް ސަލާމަތް ކުރުމަށް ޓަކައި އެކިއެކި ގާނޫނުތަކަށް ހާއްސަ މުހިންމު އިސްލާހްތަކެއް ގެންނަވަމުންދާ ކަމަށެވެ.

"ރާއްޖެއަކީ މުޅި ދުނިޔެއަށް ބަލާއިރު ފަތުރުވެރިކަމަށް ބަލާއިރު މުޅި ދުނިޔޭގައި އޮތް އެންމެ ރީތި އެއް މަންޒަރު. އެންމެ ރީތި ގޮނޑުދޮށްތައް. އެންމެ ރީތި މޫދު. އެންމެ ރީތި ކަނޑު. އެންމެ ސާފު ވައި އެންމެ ފިނި ހޫނުމިން ހެޔޮވަރު ދުނިޔޭގައި ހުރި މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ރާއްޖެ. ރާއްޖޭގެ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މިއަދު ކޮންމެހެން ވެސް ގައުމު ސަލާމަތްކުރުމަށް ކުރަންޖެހިފައިވާ ކަމެއް." ފަލާހު ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުން ދައުލަތަށް އާމްދަނީއެއް ހޯދުމަށް މާބޮޑު މަސައްކަތްތަކެއް ކޮށްފައިނުވާކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ޓަކައި ގެންނަވާ ކޮންމެ ހެޔޮ ބަދަލެއް ގެންނަން ހުށަހަޅާ ކޮންމެ ފަހަރަކު އެއީ ތިމަންނަމެން ނިންމާފައި އޮތް ބަދަލެއް ކަަމަށް އެމްޑީޕީ މެންބަރުން ވިދާޅުވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް ފަސް އަހަރު ނިމުނުއިރު އެއްވެސް ބަދަލެއް ނުގެނެވުނު ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ ފައިދާއަށް، ލާބައާ މަންފާހުރި ކޮންމެ އިސްލާހެއް ކޮންމެ ބަދަލެއް ކޮންމެ އާމްދަނީ ލިބޭ ބިލެއް ހަމަ ވައްދާތަނުން އެމްޑީީޕީ މެންބަރުން ވިދާޅުވަނީ އެއީ ކުރީ ސަރުކާރުން ކުރަން ނިންމާފައި އޮތް ކަމެއް ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

"ޓޫރިޒަމް ގާނޫނޫނަށް ގެނެސްފައިވާ އިސްލާހަކީ އެ ދާއިރާގެ ރިސޯޓް އޯނަރުންނާއި އެ ނޫން ވެސް އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެންމެ ހިތްގައިމު ކަމަކަށް ނުވެދާނެ. ނަމަވެސް އެއީ މި ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ޓަކައި އައި ކުރިއަށް ދުވަސްތައް އެއީ ވަަރަށް މުހިންމު ކަމެއް." ފަލާހު ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ ހާއްސަ ގޮތެއްގައި 2025 އަދި 2026 އަކީ ދައުލަތުން ވަރަށް ބޮޑު ދެ ލޯނު ދައްކަން ޖެހޭ ދެ އަހަރު ކަމަށާއި އޭގެ އިތުރުން ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައި ހުރި ތަރައްގީގެ މަޝްރޫތައް ހިންގުމަށް ފައިސާ ބޭނުންވާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.

ޓޫރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުގައި ވަނީ ރާއްޖޭގައި ފަތުރުވެރިން ހޭދަ ކުރާ ކޮންމެ ދުވަހަކަށް ދައްކަން ޖެހޭ ގްރީން ޓެކްސްގެ އަދަދު ތިން ޑޮލަރުން ހަ ޑޮލަރަށް ބަދަލުކުރަން ހުށަހަޅައިފައެވެ. އަދި 2025ގެ ފަހުން އެ އަދަދު 12 ޑޮލަރަށް ބޮޑުކުރަން ވަނީ ހުށަަހަޅައިފައެވެ.



More from Vaguthu