ރާއްޖޭގައި ސިނގިރޭޓު ފޮއްޓެއްގެ އަގު 200ރ. އަށް އަރާނެ

Tue, 15 Oct 2024 11:01 PM

View on this article on Vaguthu

ރާއްޖޭގައި ސިނގިރޭޓު ފޮއްޓެއްގެ އަގު 200ރ. އަށް އަރާނެ

ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމުން ސިނގިރޭޓް ފޮއްޓެއްގެ އަގު 200ރ. އަށް ވުރެ މައްޗަށް އަރާނެއެވެ.



ރައީސް ޑރ. މުހައްމަދު މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ރޭޓް 3ރ. އިން 8ރ. އަށް މަތި ކުރުމަށް މި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. ވަކިވަކި ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީގެ އިތުރުން ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީގައި ހިމެނޭ އެޑް ވެލޮރަމް ރޭޓް ވެސް 50 އިންސައްތަ އިން 100 އިންސައްތައަށް މަތިކުރަން ނިންމެވިކަން ރައީސް އިއުލާންކުރެއްވިއެވެ.

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވެލޮރަމް ރޭޓް މަތި ކުރަން ރައީސް ނިންމެވީ އަންނަ މަހުގެ 1 އިން ފެށިގެންނެވެ.

ސިނގިރޭޓް ފޮއްޓެއްގެ އަގު މިހާރު އާންމުކޮށް އުޅެނީ 100ރ. އާއި 110ރ. އާ ދެމެދުގައެވެ. ޑިއުޓީގެ ރޭޓުތަކަށް ގެންނަން ނިންމި ބޮޑު ބަދަލާ އެކު އެ އަގަށް 100ރ. އަށް ވުރެ ބޮޑު އެއްޗެއް އިތުރުވާނެ ކަމަށް ބެލެވެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ވަކިން ސިނގިރޭޓް ވިއްކުމަކީ މިހާރު މަނާ ކަމެކެވެ. އެކަމަކު، މިހާރު ވެސް ބައެއް ފިހާރަތަކުން ވަކިވަކިން ސިނގިރޭޓު ވިއްކައެވެ. އެކަމާ ދެކޮޅަށް އަޅާ މާ ބޮޑު ފިޔަވަޅެއް ވެސް ނޯވެއެވެ.

ރައީސް ޑރ. މުއިއްޒު ވަނީ އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމަވައިފައެވެ. ހަމައެއާއެކު، ދުންފަތުގެ އިސްތިޢުމާލު ކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ގައުމީ ލެވެލްގައި، ފަންނީ ގޮތުން ބަލައިގަންނަ، ވަށާޖެހޭ، ބޮޑު ކެމްޕޭނެއް ފެށުމަށް ނިންމެވި ކަން ރައީސް ވަނީ އިއުލާން ކުރައްވައިފައެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމަޢަކަށް ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަން ދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ބޮޑުކުރަން ނިންމިއިރު، ރައީސް ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމަށް ނިންމަވައިފައެވެ. އަދި ބޭނުން ކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން އަންނަ ޑިސެމްބަރު 15 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް ވަނީ އަންގަވައިފައެވެ.

ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ނިސްބަތުން އިތުރެވެ. ސިއްހީ މާހިރުން އެންމެ ބޮޑަށް ކަންބޮޑުވަނީ ދުންފަތުގެ އެކި ބާވަތްތައް ބޭނުން ކުރުމުގެ ސަބަބުން މީހާގެ ފުރާނަ ނުރައްކާތެރި ހާލަތަކަށް ހުށަހެޅެމުންދާތީއެވެ.



More from Vaguthu