އުރީދޫ އިން އެއާ އެމްބިއުލާންސަށް 16 މިލިއަން ރުފިޔާގެ ސާމާނު ހަދިޔާކޮށްފި

Tue, 15 Oct 2024 09:32 PM

View on this article on Vaguthu

އުރީދޫ އިން އެއާ އެމްބިއުލާންސަށް 16 މިލިއަން ރުފިޔާގެ ސާމާނު ހަދިޔާކޮށްފި

އުރީދޫއިން ގައުމީ އެއާ އެމްބިއުލާންސްގެ ހިދުމަތަށް ބޭނުންވާ 16 މިލިއަން ރުފިޔާގެ ސާމާނު ހަދިޔާކޮށްފިއެވެ.



މިއީ އުރީދޫގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެވެ. ސިއްހީ ހިދުމަތަށް އެހީވުމަކީ އުރީދޫގެ ސީއެސްއާރުގެ މައިގަނޑު އެއް ތަނބެވެ. އުރީދޫ މޯލްޑިވްސްގެ އެހީތެރިކަމާއެކު މި އަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަހު ފެށި އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ސިއްހީ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ ވަގުތުގައި ވަރަށް މުހިންމު ހިދުމަތެކެވެ.

އެއާ އެމްބިއުލާންސް ފެށުނީއްސުރެ މިހާތަނަށް 436 ކޭސް ގައި، 517 ބަލި މީހުން މިހާރުން މިހާރަށް ބޭނުންވާ ފަރުވާއަށް ވަނީ ގެންގޮސްދީފައެވެ.

މި ހިދުމަތުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް އުރީދޫ މޯލްޑިވްސް އިން އެއާ އެމްބިއުލާންސްގެ ގާބިލްކަން އިތުރުކުރުމަށް އިތުރު ސާމާނު ވަނީ ފޯރުކޮށްދީފައެވެ. ސްޕެޝަލައިޒްޑް އިކުއިޕްމަންޓްގެ މި އާ ބެޗަކީ ދަތުރުމަތީގައި ބަލިމީހުންގެ ފަރުވާ ރަނގަޅުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ހަރުދަނާ ގޮތެއްގައި އިޖާބަ ދިނުމުގެ ހިދުމަތުގެ ގާބިލްކަން ފުޅާކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ ބެޗެކެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ އުރީދޫ އިން އެއާ އެމްބިއުލާޏްސް ހިދުމަތަށް ފޯރުކޮށްދިން މި އަގުހުރި އެހީއަކީ ވިޔަފާރިތަކުން އިންސާނިއްޔަތުކަމަށް އިސްކަން ދީގެން މަސައްކަތް ކުރެވޭނެ ކަމުގެ ހެއްކެއް ކަމަށެވެ.

"ރާއްޖޭގެ ސީއްޙީ ހިދުމަތަށް އިންވެސްޓްކޮށްގެން، ތިޔަބޭފުޅުން އިންވެސްޓް ކުރައްވަމުން ގެންދަވަނީ، ކޮންމެ ދިވެއްސަކަށްވެސް، އަޅާލާ، އަގުވަޒަންކޮށް، ރައްކާތެރިކަން އިހްސާސްކޮށްދީގެން. ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ގޯލްޑް ސްޓޭންޑަޑެއް ތިޔަބޭފުޅުން ކަނޑައަޅުއްވައިފި. އަޅުގަނޑުމެން އުންމީދު ކުރަނީ، އެހެން ފަރާތްތަކުންވެސް މުޖުތަމައުގެ ފައިދާއަށް މަސައްކަތް ކުރުމުގައި ތިޔަ ބޭފުޅުން ތިދެއްކެވި ނަމޫނާ ބެއްލެވުން،" ނާޒިމް ވިދާޅުވިއެވެ.

އުރީދޫގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ސިއްހީ ހިދުމަތަކީ އަސާސީ ހައްގެއް ކަމަށާއި އެއާ އެމްބިއުލާންސްގެ ހިދްމަތް ފަދަ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމާއި ގުޅިފައިވާ މަސައްކަތްތަކަށް އެހީ ފޯރުކޮށްދިނުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ފަރާތުން ގާތްގަނޑަކަށް 16 މިލިއަން ރުފިޔާގެ މިއިންވެސްޓްމަންޓަކީ، ވަކި ސަރަހައްދަކަށް ބެލުމެއްނެތި، ކޮންމެ މީހަކަށްވެސް، ބޭނުންވެއްޖެ ހިނދެއްގައި ކްރިޓިކަލް ކެއާ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމެއް. އަޅުގަނޑުމެން އެންމެން ގުޅިގެން، އަޅުގަނޑުމެންގެ މުޖުތަމަޢުތަކާ އެއްބައިވެގެން، ސިއްހީ ހިދްމަތް ކުރިއެރުވުމަށް މަގުފަހިކޮށްދީ، އަދި މިފަދަ ހައްލެއް އެންމެ ބޭނުން ޖެހިފައިވާ ދާއިރާއަށް އިންވެސްޓްކޮށްގެން، ދުޅަހެޔޮ، ހަރުދަނާ ގައުމެއް ބިނާކުރުމަކީ އަޅުގަނޑުމެން އަހައްމިއްޔަތުކަން ދޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތަކުގެ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެކެވެ.



More from Vaguthu