ރާއްޖެ އާއި ލަންކާއާ ދެމެދު މާދަމާ ޖޮއިންޓް ކޮމިޝަން ސެޝަން ފަށަނީ

Mon, 05 Jun 2023 11:45 AM

View on this article on Vaguthu

ރާއްޖެ އާއި ލަންކާއާ ދެމެދު މާދަމާ ޖޮއިންޓް ކޮމިޝަން ސެޝަން ފަށަނީ

ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ބާއްވާ "މޯލްޑިވްސް ސްރީލަންކާ ޖޮއިންޓް ކޮމިޝަން"ގެ ހަތަރުވަނަ ސެޝަން މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ސެޝަން އޮންނާނީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި މާދަމާއިން ފެށިގެން މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެ ޖޮއިންޓް ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ސްރީލަންކާގެ ހާރިޖީ ވަޒީރު އެމްޔޫއެމް އަލީ ސަބްރީ ކަމަށް މިނިސްޓްރީން ބުނެއެވެ.

މޯލްޑިވްސް-ސްރީލަންކާ ޖޮއިންޓް ކޮމިޝަން އެކުލަވާލާފައިވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސޮއިކުރެވުނު އެގްރީމަންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަންގެ ދަށުން 1984 ވަނަ އަހަރުއެވެ.

އެ ޖޮއިންޓް ކޮމިޝަންއަކީ ރާއްޖެއާއި ސްރީލަންކާއަށް މުހިއްމު ދާއިރާތަކާއި ކަންކަމާ ގުޅޭގޮތުންނާއި ދެ ގައުމުން ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކޮށް މިހާތަނަށް ކުރެވިފައި ހުރި މަސައްކަތްތައް މުރާޖައާ ކުރުމަށް ދެގައުމުގެ ސަރުކާރަށް ވެސް ލިބޭ ޕްލެޓްފޯމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އެ ސެޝަނުގެ ސީނިއާ އޮފިޝަލުންގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް އެޖެންޑާ ކުރެވިފައިވާ ކަންކަމުގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމަންޓާއި، ފަތުރުވެރިކަމާއި، ސަގާފަތާއި، ތައުލީމާއި، ސިއްހަތާއި، މަސްވެރިކަމާއި، ދިފާއީ ދާއިރާއާއި، ގާނޫނާއި ގާނޫނު ތަންފީޒުކުރުމާއި، ޒުވާނުންނާއި، ސަރަހައްދީ އަދި ބައިނަލްއަގްވާމީ ދާއިރާގައި އެއްބާރުލުން ދިނުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން، އެ ޖޮއިންޓް ކޮމިޝަނުގެ ހަވާސާގައި ދެ ގައުމުގެ މެދުގައި ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށެވެ.

ޖޮއިންޓް ކޮމިޝަނުގެ ތިންވަނަ ސެޝަން ބާއްވާފައިވަނީ 2017 ވަނަ އަހަރު ރާއްޖޭގައެވެ.



More from Vaguthu