ތިން ކަމެއް ހާސިލްނުވާހާ ހިނދަކު ގައުމުގެ މިނިވަންކަން ކަށަވަރު ނުކުރެވޭނެ: ރައީސް

Fri, 26 Jul 2024 11:36 PM

View on this article on Vaguthu

ތިން ކަމެއް ހާސިލްނުވާހާ ހިނދަކު ގައުމުގެ މިނިވަންކަން ކަށަވަރު ނުކުރެވޭނެ: ރައީސް

ތިން ކަމެއް ހާސިލް ނުވާހާ ހިނދަކު އެ ގައުމެއްގެ މިނިވަންކަން ކަށަވަރު ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ތިން ސިޔާދަތެއް ޔަޤީން ނުވާ ހާލެއްގައި އެ ގައުމެއްގައި މިނިވަންކަމުގެ ހަޤީގީ މާނައެއް ނޯންނާނެ ކަމަށެވެ. އެގޮތުން އަމިއްލަވަންތަ ކަމާއި އިޤްތިސާދީ އަދި ސަލާމަތީ ރައްކާތެރިކަމުގެ ޔަޤީންކަން ރާއްޖޭގައި އެބައޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިނިވަންކަން ގައުމަކަށް މި ލިބެނީ މައިގަނޑު ތިން ކަމެއް ހާސިލް ވީމާ. އެއީ އިޤްތިސާދީ ސިޔާދަތު ޔަޤީންވެގެން، އަމިއްލަވަންތަކަމުގެ ސިޔާދަތު ޔަޤީންވީމަ، އަދި ސަލާމަތީ ނުވަތަ ދިފާއީ ސިޔާދަތު އެގައުމަކަށް ޔަޤީންވެގެން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތައި މިނިވަންކަން ޔަޤީންކުރުމަށްޓަކައި ގައުމުގެ އިޤްތިސާދީ ސިޔާދަތު ރަނގަޅުކުރުމަށްޓަކައި ފަރުދުންގެ ފުދުންތެރިކަމަށް، އާއިލާތަކުގެ ފުދުންތެރިކަމަށް، ޖަމާއަތުގެ ފުދުންތެރިކަމަށް، ގައުމުގެ ފުދުންތެރިކަން ޔަޤީންކުރުމަށްޓަކައި ކުރަމުންދަނީ އަދި ކުރެވުނީ ކޮންކަމެއްތޯ އަދި ކުރަން ޖެހޭނީ ކޮން ކަމެއްތޯ ބަލަން ޖެހޭނެ ކަމަށެވެ. ހަމައެއާއެކު އަމިއްލަވަންތަކަން ހިމާޔަތް ކުރެވިފައިވަނީ ކިހާ ވަރަކަށްތޯ އަދި ކުރެވޭ ކަމަކީ ކޮބައިތޯ ބެލުމާއި އަމިއްލަ ދިފާއި ނުވަތަ ސަލާމަތީ ސިޔާދަތު އޮތް ހިސާބު ވެރިކަން ހަވާލުވިއިރު ބެއްލެވި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިނިވަން ދުވަހުގެ ހާއްސަ ޖަލްސާ - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި މި ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ހުވާކުރެއްވި ދުވަހު ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދުމަށްޓަކައި ރެއާއި ދުވާލު ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި ގައުމުގެ މިނިވަންކަން ކަށަވަރު ކުރާނެ ކަމަށެވެ.

"ގައުމުގެ މިނިވަންކަންކަށަވަރުކުރުމަކީ އަޅުގަނޑުގެ އެންމެ މަތީ ޒިންމާކަމުގައި 17 ނޮވެމްބަރ 2023 ގައި ރައްޔިތުންނާއި މުޚާތަބުކޮށް ފުރަތަމަ ވާހަކަދެއްކި ދުވަހު އަޅުގަނޑު ދެންނެވި ކަންތައްތައް، އެކަން ކަށަވަރުކުރުމަށްޓަކައި، އެ ނަތީޖާ ނެރުމަށްޓަކައި ކުރެވުނު މަސައްކަތުގައި މިއަދާ ހަމަޔަށް އާދެވުނުއިރުގައި ލަފްޒީ މާނައިގައި ރެޔާ ދުވާލު ސަރުކާރު މިދަނީ ރައްޔިތުންނަށްޓަކައި ރައްޔިތުންނާއެކީގައި މަސައްކަތް ކުރަމުން،". ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ގައުމާއި ހަވާލުވިއިރު ގައުމުގެ އިޤްތިސާދީ ސިޔާދަތު އޮތީ މިނިވަން ގައުމެއްގެ އިޤްތިސާދަށް ފެތޭ ހާލަތެއްގައި ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އޭރު ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރީ އެންމެ ދެ މިލިޔަން ޑޮލަރު ކަމަށެވެ. މިއީ މިނިވަންކަން ޔަޤީންކުރުމަށް އެންމެ އެކަށޭނަ އިޤްތިސާދު ނޫން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިނިވަން ދުވަހުގެ ހާއްސަ ޖަލްސާ - ފޮޓޯ: ރައީސް އޮފީސް

ރައީސް ވަނީ މިވޭތުވެދިޔަ 8 މަސް ދުވަހު ވަޒީރުންގެ މަޖިލީހުގެ 17 ބައްދަލުވުން ބާއްވާ، 225 ނިންމުމެއް ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ. ނިމިދިޔަ ސަރުކާރުގައި މި މުއްދަތުގައި ބާއްވާފައި ވަނީ ވަޒީރުންގެ 14 ބައްދަލުވުމެކެވެ. އަދި އެ ބައްދަލުވުންތަކުގައި ނިންމާފައި ވަނީ 34 ނިންމުމެެކެވެ.



More from Vaguthu