އެންމެންގެ ސަލާމަތަށްޓަކައި މަރުގެ އަދަބު ތަންފީޒު ކުރަން ޖެހޭ- ނާޒިމް

Fri, 26 May 2023 11:25 PM

View on this article on Vaguthu

އެންމެންގެ ސަލާމަތަށްޓަކައި މަރުގެ އަދަބު ތަންފީޒު ކުރަން ޖެހޭ- ނާޒިމް

ދިވެހި އެންމެންގެ ސަލާމަތަށްޓަކައި މަރުގެ އަދަބު ތަންފީޒު ކުރަން ޖެހޭ ކަމަށް އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމް އާއި ހަވާލު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ އެއްވެސް ސަރުކާރަކަށް ޙައްލުނުވި ބޮޑު މައްސަލައެއް ކަމަށާއި މަސްތުވާތަކެތި އެއަރޕޯޓުން އަތުލެވުނީމާ ތަކެއްޗާ ޙަވާލުވެފަ އެތަކެތި ގެންނަމީހާ ފުރުވާލާ ކަމަށެވެ. ނުވަތަ މީހާ އަތުލައި ގަނެވެއްޖިއްޔާ މަސްތުވާތަކެތި ގެއްލޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ސަރުކާރު އޮންނަނީ މައްސަލަ ފަހާ ދުވަން. މައްސަލައިގެ ކުރިޔަށް އަރައި ޙައްލެއް ހޯދޭނޭ ވަރުގެ ޤާބިލު ސިކުނޑިއެއް، ބާރުގަދަ މުލައްދަނޑިއެއް ޤައުމުގައި ވާކަމަކަށް ނުވި." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ރާއްޖޭގައި އަލަށް ފަށައިގެން އުޅޭ ކުށެއް ކަމުގައިވާ ސްކޭމްކުރުމަށް ބަލާލިނަމަވެސް ޙައްލެއް ލިބޭނޭ ގޮތެއް އެނގޭނޭ މީހަކު ނެތް ކަމަށެވެ.

"ދަތި އެތައް މަރުޙާލައެއް ކަޑައްތުކުރުމަށްފަހު، އެތަކެއް މަސައްކަތުން ކުށް ސާބިތުކުރެވޭ މީހާއަކީ، ސިޔާސީ ބާރުވެރިކަމެއް ކިރިޔާވެސް އޮތް މީހެއްނަމަ، ފަސޭހަގޮތަކުން ރައީސުލްޖުމްހޫރިއްޔާގެ މަޢާފު ލިބޭ. މިދައުރުގައި، އެންމެ ފުރަތަމަ މިގޮތަށް ދޫކޮށްލެއްވީ ކުޑަކުއްޖެއްގެ ޙުރުމަތްކަނޑާފައިވާ މީހެއް. މިދިޔަ ހަފްތާގައި ދޫކޮށްލެއްވީ މީހަކު މަރާފައިވާ މީހެއް. އޭގެ ކުރީ ހަފްތާގައި މަސްތުވާތަކެތި ބޮޑެތި ޢަދަދުން އެތެރެކޮށްފައިވާ މީހެއް." ނާޒިމް ވިދާޅުވިއެވެ.

ޢަދުލުގެ ނިޒާމް ބެލެހެއްޓުން ދޯހަޅިވެގެން ގޮސް މިހާރު މިއޮތީ ކުށްކުރާ މީހުންގެ އަތަށް ސަރުކާރު ދާހިސާބުގައި ކަމަށާއި އެހެން ކަމުން ރައްޔިތުން ނިކުމެ އިންސާފު ހޯދަނީ އަމިއްލައަށް ކަމަށް ނާޒިމް ފާހަގަ ކުރެއްވިއެވެ. "ޢަދުލު އިންސާފު ޤާއިމުކުރުމުގައި، މިއަށްވުރެ ބޮޑަށް ޤައުމެއް ފޭލްވާނޭ ގޮތެއް ބުނެދޭކަށް ނޭނގޭ." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، މިއީ އެއްގޮތަކަށްވެސް ޤައުމެއްގައި ދިރިއުޅެވޭނޭ ގޮތެއް ނޫން ކަމަށާއި ޢަދުލު އިންޞާފުގެ ނިޒާމް ނަގާ ކޮޅަށް ޖަހަން އެބަޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން އެބަޖެހޭ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

"އަދަބުތައް ތަންފީޛުކުރެވޭނޭ ގޮތެއް ހަދަންޖެހޭ. ކުށުގެ ބާވަތުން އަދަބު ކަނޑައަޅައި، އަފްޢާމް ނުދެވޭނޭ ކުށްތައް ކަނޑައެޅެންޖެހޭ. ޖީލުތަކެއް އެކުގައި ހަލާކުވެގެންދާއިރު، 30 ކިލޯއިން 40 ކިލޯއިން މަސްތުވާތަކެތި ގެންނަ މީހާއަށް މަރުގެ އަދަބު ނުދެވޭންވީ ސަބަބެއްނެތް. އޮންނާކަށް ނުވެސްޖެހޭ. އެހެންކަމުން އެންމެންގެ ސަލާމަތަށްޓަކައި މަރުގެ އަދަބު ތަންފީޛުކުރަން ޖެހޭ." ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ ވާހަކައިގައި ވަނީ މި ސަރުކާރު ބޮޑު ތަނުން ފެއިލްވެފައިވާ ކަމުގެ ބައެއް ވާހަކަތައް ވެސް ހިއްސާ ކޮށްފައެވެ.



More from Vaguthu