''ޒަކާތުގެ މަޤްޞަދަކީ އޭގެ ޙައްޤުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުން''

Fri, 26 Apr 2024 03:26 PM

View on this article on Thiladhun

''ޒަކާތުގެ މަޤްޞަދަކީ އޭގެ ޙައްޤުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުން''

ޒަކާތުގެ މަޤްޞަދަކީ އޭގެ ޙައްޤުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.



މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ''ފަރުޟު ޒަކާތާއި އިޤްތިޞާދާހުރި ގުޅުން'' އެވެ.

މިއަދުގެ ޚުޠުބާގެ ބައެއް ބައިތައް ތިރީގައި ހިމަނާލާފައި އެވަނީ އެވެ.

ޒަކާތް ފަރުޟުކުރެއްވީ މުއްސަނދިންގެ މުދަލުން އެ ނަގައި، އޭގެ ޙައްޤުވެރިންނަށް އަދާކޮށް ދިނުމަށްޓަކައި

ފަޤީރުކަމުގެ ޙާލަތަކީ ޢަޤީދާގެ ގޮތުންނާއި، ފިކުރުގެ ގޮތުންވެސް އިންސާނާގެ ނަފުސު އަޅުވެތިކޮށްލާ ކަމެކެވެ. އެހެންކަމުން، ފަޤީރުކަމަކީ އަބުރުވެރި އިންސާނަކު، އޭނާއާ ކުރިމަތިވާން އެދޭނެ ޙާލަތެއް ނޫނެވެ. ކަން މިހެން އޮތް ނަމަވެސް، މީހަކަށް ކުރިމަތިވާ ކަމެއްގެ ސަބަބުން އޭނާގެ ގައިބާރު ދެރަވެ، ދިރިއުޅުމުގެ ޒަރޫރީ ކަންކަން ފުއްދޭނެ ގޮތެއް ނެތި، އަނެކުންގެ އެހީތެރިކަމަށް އެދެން ޖެހިދެއެވެ. އެހެނަސް ކޮންމެ ކޮންމެ މީހަކު މިފަދަ މީހަކަށް އެހީތެރިވެ އޭނާގެ ބޭނުންތައް ފުއްދައި ނުދީފާނެއެވެ. އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ޒަކާތުގެ ދައުރު ޖެހެނީ މި ހިސާބުންނެވެ. ޒަކާތް ފަރުޟުކުރެއްވީ މުއްސަނދިންގެ މުދަލުން އެ ނަގައި، އޭގެ ޙައްޤުވެރިންނަށް އަދާކޮށް ދިނުމަށްޓަކައެވެ.

އިސްލާމްދީނުގައި ވަނީ މުދާ ހޯދުމާއި، މިލްކުކުރުމާއި، ހޭދަކުރުމަށް ވަރަށް ފުރިހަމަ ފަލްސަފާއެއް ކަނޑައަޅުއްވާފައި

އިސްލާމްދީނުގައި މުދާ ހޯދުމާއި، މުދާ މިލްކުކުރުމާއި، މުދާ ހޭދަކުރުމަށް ވަރަށް ފުރިހަމަ ފަލްސަފާއެއް ކަނޑައަޅުއްވާފައިވެއެވެ. އެއީ، ވަޟްޢީ ނަޒަރިއްޔާތަކާ މުޅިން ޚިލާފު ނަޒަރިއްޔާއެކެވެ. މި ނަޒަރިއްޔާގައި، މުދަލުގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ الله سُبْحَانَهُ وَتَعَالَى އެވެ. އިންސާނާއަކީ އެ މުދަލާ ޙަވާލުވެގެން ހުރި މީހާއެވެ. އެހެންކަމުން މުދާ ހޭދަކުރަންވާނީ އެ މުދާ ދެއްވި ފަރާތް ކަމުގައިވާ ﷲ سُبْحَانَهُ وَتَعَالَى އެދިވޮޑިގަންނަވާ ގޮތަށެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ.  وَأَنفِقُوا مِمَّا جَعَلَكُم مُّسْتَخْلَفِينَ فِيهِ (އަލް ޙަދީދު 8) މާނައީ: "އަދި އެތަކެއްޗާމެދު، އެކަލާނގެ ތިޔަބައިމީހުން خَلِيْفَة ވެރިންކަމުގައި ލެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ!" އެހެނީ އިންސާނާއަކީ މުދަލުގެވެރި ފަރާތުގެ ޚަލީފާއެކެވެ. އެހެން އާޔަތެއްގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَآتُوهُم مِّن مَّالِ اللَّهِ الَّذِي آتَاكُمْ (އަލް ނޫރު 33) މާނައީ: "އަދި ތިޔަބައިމީހުންނަށް ދެއްވާފައިވާ ﷲ ގެ މުދަލުން، ތިޔަބައިމީހުން އެއުރެންނަށް ދޭށެވެ!"

ޒަކާތް ނެރެންޖެހޭ ޝަރުޠުތައް

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މުދަލުގެ ޙައްޤަކީ އެ މުދަލުން ޒަކާތް ދިނުމެވެ. ތިމާގެ އަތުގައި ރައްކާކޮށް ޚަޒާނާކޮށްފައި ބަހައްޓާ މުދަލުގައި، އެ މުދަލުން ޒަކާތް ނެރެންޖެހޭ ޝަރުޠުތައް ހަމަވާނަމަ، އެއިން ޒަކާތް ދައްކަން ޖެހޭނެއެވެ. އެޝަރުޠުތަކަކީ މުދާ ފުރިހަމައަށް މިލްކުވުމާއި، މުދަލުގައި ނިޞާބު ހަމަވުމާއި، ނިޞާބު ހަމަވިތާ ހަނދުމަހުން އެއް އަހަރު ފުރުމެވެ.

ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމަޢުން ފަޤީރުކަން ނައްތައިލުން ކަށަވަރުކޮށްދޭ ނިޒާމެއް

އިސްލާމްދީނުގައި ޒަކާތް ފަރުޟުކުރެއްވީ، ހަމައެކަނި ފަޤީރު މީހާގެ ޙާޖަތްތަކަށް ވަގުތީ ޙައްލެއް ހޯދައިދިނުމަށްފަހު އޭނާ މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލުމުގެ މަޤްޞަދުގައެއް ނޫނެވެ. އެކަމަކު ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމަޢުން ފަޤީރުކަން ނައްތައިލުން ކަށަވަރުކޮށްދޭ ނިޒާމެކެވެ. ފަޤީރުންނާއި މިސްކީނުންގެ ނިކަމެތި ޙާލަތުން އަރައިގަނެ އެބައިމީހުންނަކީ ފުދުންތެރި ބަޔަކަށް ހަދައިދީގެންނެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޒަކާތުގެ މަޤްޞަދަކީ އޭގެ ޙައްޤުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުމެވެ. ޒަކާތުގެ ޢާމިލުންނަށް عُمَرُ بْنُ الْخَطَّابِ رَضِيَ ﷲ عَنْهُ ވިދާޅުވާ ކަމުގައިވެއެވެ. "ފަހެ ތިޔަބައިމީހުން ޒަކާތް ދޭ ހިނދު، އެއުރެން މުއްސަނދިކުރާށެވެ!" އެބަހީ: އެބައިމީހުން ސަލާންޖަހައި ނޫޅޭނެހެން ފުދުންތެރިބަޔަކަށް ހަދާށެވެ!

ޒަކާތުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިއްޖެނަމަ ލިބޭ ފައިދާތައް

މުސްލިމް އަޚުންނޭވެ! ޒަކާތުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިއްޖެނަމަ، ކުރާނެ މަސައްކަތެއް ނުވަތަ އަދާކުރާނެ ވަޒީފާއެއް ނެތިފައި ތިބި އެތައް ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެއެވެ. އޭގެ ސަބަބުން އުފެއްދުންތެރިކަމުގެ މިންވަރު އިތުރުވާނެއެވެ. މީގެ އިތުރުން، މުޖުތަމަޢުގެ ވަކި ބައެއްގެ އަތުގައި މުދާލާއި ފައިސާ ޖަމާކޮށް، ޚަޒާނާކޮށް، އިޤްތިޞާދުގެ ތެރޭގައި އެ މުދަލާއި ފައިސާ ދައުރުވިޔަނުދީ ހިފެހެއްޓިފައި ހުންނަ ހުރުން ނިމުމަކަށް އަންނާނެއެވެ. މިކަންކަން ކުރެވޭނީ ޒަކާތުގެ ނިޒާމަކީ ދައުލަތުން ރާވައި ހިންގާ ނިޒާމަކަށް ވެގެންނެވެ. ޒަކާތަކީ ދައުލަތާއި ފަރުދުންނާ ދެމެދު އޮންނަ ގުޅުމެކެވެ. ތަނަވަސްކަމުގެ އަހުލުވެރިންގެ ރައުސްމާލުން އުނިކޮށް ދައުލަތަށް ނަގަންޖެހޭ އެއްޗެކެވެ. ފަޤީރުންނާއި މިސްކީނުންނާއި، ދަރަނިވެރިންނާއި، އަލަށް އިސްލާމްވާ މީހުންނާއި، ދަތުރުމަތީގައި ޙާލުގައިޖެހޭ މީހުންނާއި، އަދި މިނޫނަސް ޒަކާތުގެ ޙައްޤުވެރިންގެ ގޮތުގައި ޤުރްއާނުގައި ކަނޑައަޅުއްވާފައިވާ ފަރާތްތަކުގެ ލާބަޔަށްޓަކައި، ހޭދަކުރަންޖެހޭ އެއްޗެކެވެ.

ޒަކާތް ދެއްކުމުގެ ސަބަބުން އިޤްތިޞާދުގައި ދައުރުކުރާ ފައިސާ އިތުރުވެ، އިޤްތިޞާދަށް އަންނަ ލޮޅުންތަކުން އިޤްތިޞާދު ސަލާމަތްކޮށްދީ ހަމައަކަށް އަޅުވައިދެއެވެ. ފަރުދުންގެ ކިބައިގައި ތަނަވަސްކަން އިތުރުވެ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުވެއެވެ. މިގޮތުން، އިޤްތިޞާދީ ހީނަރުކަމުގެ ދުވަސްވަރުވެސް މުދާ ގަންނަ ފަރާތްތަކުން އުފެއްދުންތައް ގަތުމަށް ބޭނުންވާ މިންވަރު އިތުރުވެ، އަޑިގުޑަންތަކުން އިޤްތިޞާދު ސަލާމަތްވުމަށް މަގުފަހިވެއެވެ.

ޒަކާތުގެ ޝަރްޢީ މަޤްޞަދުތައް ޙާޞިލުކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރިން، މުދަލު ޒަކާތް އަދާކޮށްގެން

ޒަކާތުގެ ޝަރްޢީ މަޤްޞަދުތައް ޙާޞިލުކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރިން، އެބައިމީހުންގެ މައްޗަށް މާތް ﷲ ފަރުޟު ކުރައްވާފައިވާ މުދަލު ޒަކާތް އަދާކޮށްގެންނެވެ. މުސްލިމް އިންސާނަކު، އޭނާ މާދަމާ ކާނީ ކޮން އެއްޗެއްތޯއާއި، ނުވަތަ އޮނުއޮރިޔާން ނިވައިކުރާނީ ކިހިނެއްތޯއާއި، ބޭސްފަރުވާކުރާނީ ކިހިނެއް ކަމާމެދު ވިސްނައި ފިކުރުކޮށް ގޮތްހުސްވެ، އޭނާގެ ހިތަށް ކުރާ އަސަރާއި، އަޅާވޭނުން އޭނާ ސަލާމަތްކޮށްދިނުމަކީ ކޮންފަދަ މަތިވެރިކަމެއް ހެއްޔެވެ! މި އުންމަތަކީ އެއް އުންމަތެކެވެ. އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚެކެވެ. އިސްލާމީ ރިވެތި އުސޫލަކީ ތިމާއަށް މިއަދު ތަނަވަސްކަމެއް ލިބިފައިވާނަމަ، އެ ތަނަވަސްކަމުން މިންވަރެއް ހޭދަކޮށްގެން ތިމާގެ މުސްލިމް އަޚާއަށް އެހީތެރިވުމެވެ.

އިސްލާމްދީން ބާރުއަޅަނީ ޙަލާލު ގޮތުގައި މަސައްކަތް ކޮށްގެން ރިޒުޤު ހޯދުމަށް

އިސްލާމްދީން ބާރުއަޅަނީ ޙަލާލު ގޮތުގައި މަސައްކަތް ކޮށްގެން ރިޒުޤު ހޯދުމަށެވެ. ކުރާނޭ މަސައްކަތެއް އޮވެފައި، އެ މީހެއްގެ ހަށިގަނޑުގައި ވަރުހުރި ނަމަ، އެފަދަ މީހަކު ޒަކާތް ލިބިގަތުން ހުއްދަ ނުވާނެކަމަށް ކީރިތި ރަސޫލާ ވަނީ އަންގަވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. (لَا تَـحِلُّ الصَّدَقَةُ لِغَنـِيٍّ وَلَا لِذِيْ مِرَّةٍ سَوِيٍّ) މާނައީ: "މުއްސަނދި މީހާއާއި، ހަށިގަނޑު ސަލާމަތުން ހުރި މީހަކަށް ޒަކާތް ހުއްދަވެގެން ނުވެއެވެ." އެހެންކަމުން ތަނަވަސްކަމުގެ އަހުލުވެރިންނާއި، ގައިބާރުހުރެ މަސައްކަތްކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހާ ޒަކާތުގެ ފައިސާ ނެގުމަކީ އިސްލާމްދީން ނަހީކުރައްވާފައިވާ ކަމެކެވެ.

ޒަކާތަކީ މުދާވެރިއަކު ފޯރުކޮށްދޭ ފަރުދީ އިޙްސާންތެރިކަމެއް ނޫނެވެ. އެއީ، މުއްސަނދިންގެ މުދަލުން ނަގައި، އޭގެ ޙައްޤުވެރިންނަށް އަދާކުރަންޖެހޭ ޙައްޤެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. މާނައީ: "އޭގެ ސަބަބުން ކަލޭގެފާނު އެއުރެން طاهر ކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ صَدَقَات އެއް، އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ!" ފުރަތަމަ ޚަލީފާ أَبُو بَكْرِ نِالصِّدِّيْقُ رَضِيَ ﷲ عَنْهُ ޒަކާތްދެއްކުމަށް އިންކާރުކުރި މީހުންނާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކުރައްވާފައިވަނީ މި މަތިވެރި ވާޖިބު އަދާކުރެއްވުމުގެ ގޮތުންނެވެ.

ޒަކާތް ނެގުމުގެ ބޭނުމަކީ ތަނަވަސްކަން ނިގުޅައިގަތުމެއްނޫން

މުއްސަނދިންގެ މުދަލުން ޒަކާތް ނެގުމުގެ ބޭނުމަކީ އެއްވެސް ޙާލެއްގައި އެބައިމީހުންގެ ތަނަވަސްކަން ނިގުޅައިގަނެ އެއުރެންގެ ޙައްޤުތަކަށް އަރައިގަތުމެއް ނޫނެވެ. مُعَاذُ بْنُ جَبَلٍ رَضِيَ ﷲ عَنْهُ ޔަމަނަށް ފޮނުއްވަމުން ކީރިތި ރަސޫލާ z އެކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. (فَإِيَّاكَ وكَرَائِمَ أَمْوَالِـهِمْ) މާނައީ : "ފަހެ، އެބައިމީހުންގެ މުދަލުގެ ތެރެއިން އެންމެ ރަނގަޅު ތަކެތި ޒަކާތުގެ ގޮތުގައި ނެގުމާމެދު ކަލޭގެފާނު ބިރުވެތިވާށެވެ!" އެބަހީ: ޒަކާތުގެ ގޮތުގައި މެދުމިނުގެ ތަކެތި ނަގާށެވެ! އެއީ ޒަކާތް ދައްކާމީހާގެ ނަފުސު އެކަމާމެދު ރުހިގެންވުމަށްޓަކައެވެ.

މުދަލު ޒަކާތް ދިނުމަށް ހޭލުންތެރިވުމުގެ މުހިންމުކަން

މުދަލު ޒަކާތް ދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީ ނަމަވެސް، އެއާމެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑައެވެ. ބައެއް މީހުން ހީކުރާ ގޮތުގައި ރަމަޟާންމަހު ފިޠުރުޒަކާތް ދެއްކުމުން ފުދުނީއެވެ. އަނެއް ބަޔަކު ދެކޭގޮތުގައި ތިމާއަކީ ބޮޑު ވިޔަފާރިވެރިއަކަށް ނުވާތީ، ތިމާ ޒަކާތް ދައްކާކަށް ނުޖެހޭނެއެވެ. ހަމައެހެންމެ، މުދަލުޒަކާތް، ދައުލަތަށް ދެއްކުމަށް ދެކޮޅުހަދާ ބަޔަކު ވެސް އުޅެއެވެ. މިފަދަ މީހުން ހީކުރާ ގޮތުގައި ޒަކާތުގެ ފައިސާ ދައުލަތާ ޙަވާލުކުރުމުގެ ބަދަލުގައި، ނިކަމެއްޗަކަށް ނުވަތަ ފަޤީރަކަށް ދިނުމުން ފުދޭނެއެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި، ދައުލަތުން ޒަކާތް ނެގުމަށް ހަމަޖައްސަވާފައިވާ ރަސްމީ އިދާރާއަށް ޒަކާތް ދެއްކުމުން ޒަކާތް ދައްކާ މީހާގެ ޒިއްމާއިން ބަރީޢަވާނެއެވެ. ތާބިޢީ ބޭކަލެއް ކަމުގައިވާ އިބްރާހީމުއްނަޚަޢީ ވިދާޅުވެފައިވެއެވެ. "ވެރިމީހާ ޒަކާތް ނަގައިފިނަމަ، ފަހެ، ތިބާގެ ކިބައިން އެކަމުގެ ޒިއްމާ ކެނޑިގެން ހިނގައްޖެއެވެ." ފިޤްހުވެރިން ވިދާޅުވާ ގޮތުގައި އޭގެ ސަބަބަކީ، "ޒަކާތުގެ ޙައްޤުވެރިން ކަނޑައެޅުމުގެ ޝަރުޢީ އުސޫލުތަކާއި، އެއުރެންގެ ޙާލަތު އެންމެ ރަނގަޅަށް އެނގޭނީ ދައުލަތަށް ނުވަތަ ދައުލަތުން ކަނޑައަޅާފައިވާ އިދާރާއަށް ކަމުގައިވުމެވެ."

The post ''ޒަކާތުގެ މަޤްޞަދަކީ އޭގެ ޙައްޤުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުން'' first appeared on Thiladhun.



More from Thiladhun