ޤުރުއާނުގެ އަލީގައި ދަރީން ތަރުބިއްޔަތު ކުރުމާއި ގުޅޭގޮތުން ޝައިޚް ޝަފީއު ލިޔުއްވި ފޮތް ނެރެފި

Wed, 08 May 2024 10:34 AM

View on this article on Thiladhun

ޤުރުއާނުގެ އަލީގައި ދަރީން ތަރުބިއްޔަތު ކުރުމާއި ގުޅޭގޮތުން ޝައިޚް ޝަފީއު ލިޔުއްވި ފޮތް ނެރެފި

ޤުރުއާންގެ އަލީގައި ދަރީން ތަރުބިއްޔަތު ކުރުމާއި ގުޅޭގޮތުން ޝައިޚް ޝަފީއު އަބްދުﷲ ލިޔުއްވި ފޮތް ނެރެފިއެވެ.



އިސްލާމް ދީނުގައި ދަރީން ތަރުބިއްޔަތު ކުރުމާއި ގުޅޭ ވަރަށް މުހިންމު ގިނަ މައުލޫތަކާއި ގުޅޭ ވަރަށްގިނަ މައުލޫމާތު ހިމަނާފައިވާ މި ފޮތް ނެރެދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު އައްޝެއިޚް މުހައްމަދު ލަތީފެވެ.

ޝައިހް ޝަފީއު ވިދާޅުވެފައި ވަނީ އިސްލާމީ މުޖުތަމައުތަކުގައި ތަފާތު ގިނަގުނަ ވަބާތަކާއި އިޖުތިމާޢީ ބަލިމަޑުކަން މިހާރު ފެތުރިފައިވަނީ މިއިން ޒަމާނަކު އެ ކަންކަން ފެތުރިފައި ނެތް މިންވަރަށް ކަމަށާއި، ރާއްޖެ މި ކަމުން އިސްތިސްނާ ވެގެން ނުވާކަމަށެވެ.

އާންމުވަމުން ދާ އިޖުތިމާޢީ ބަލިމަޑުކަމުގެ ތެރޭގައި ހިމެނޭ އެންމެ ހިތާމަވެރި އެއް ކަމަކީ، ދަރީން ތަރުބިއްޔަތު ކުރުމުގައި އިހުމާލުވެވި، ފަރުވާ ކުޑަ ކުރެވުމެވެ. ނަތީޖާއެއްގެ ގޮތުން، އަލަށް އުފެދޭ އިސްލާމީ ޖީލުތައް ފެންނަނީ މުޅިން ފަސާދަވެފައި ވަނިކޮށް ކަމަށާއި ޒުވާނުން ވަނީ ހަލާކުގެ ވަޅުގަނޑުގެ ތުންމައްޗަށް ހުރަހޮޅި އެ ވަޅަށް އެކޮޅުކޮޅުން ވެއްޓިފައި ކަމަށެވެ.

ތިމާއަށް ޓަކައި ޤުރުބާންވެ ބަލައިބޮޑުކުރި މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، މަސްތުވާތަކެތީގެ ބިރުވެރި މަޅިއާ ދިމާއަށް ހިނގައި ގޮސް އެ މަޅީގައި މެހިގަތުމާއި، ބޮޑެތި މަރާމާރީއާއި، ބަދުއަހުލާގީ އަމަލުތަކަށް އަރައިގަތުމާއި، ރަހިމުގެ ގުޅުމާއި ގާތްތިމާގެކަމުގެ ގުޅުން ކަނޑައިގެން އުޅުމާއި، މި ޒާތުގެ އެތަކެއް ފަސާދައެއް ވަނީ އުންމަތުގެ ހާލާއި މެދު ވިސްނައި ފިކުރުކުރާ ބަޔަކު ލޭކަރުނަ އަޅާން ޖެހޭ ވަރަށް އާންމުވެފައި ކަން ޝައިޚް ވަނީ ފާހަގަ ކުރައްވާފައެވެ.

މުޖުތަމައު ކައި ހުސްކުރާން ދިމާކޮށްގަނެގެން އުޅޭ ޒާތުގެ ނުބައި ވަބާތަކާއި ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅައި، އެ ވަބާތަކަށް އެކަށޭނަ ހައްލެއް ބޭނުންވެފައިވަނީ އިންތިހާ ދަރަޖައަށް ކަމަށާއި، މި ދަނޑިވަޅުގައި އެންމެ ފުރަތަމަ ކުރާން ޖެހޭ ސުވާލަކީ، އަޅުގަނޑުމެންގެ މައްސަލަތަކުގެ ހަގީގީ ހައްލު އޮތީ ކޮންތާކުތޯއެވެ؟

މިނިވަން ވިސްނުމަކުން، ހެޔޮކަމުގެ ތަރަހައިގެ މަތީގައި ވިސްނައިލައިފި ކޮންމެ މީހަކަށް ވެސް ފެންނާނޭ ހަގީގަތަކީ މި ހޯދާ ހައްލު އަދި ބޭނުންވެގެން އުޅޭ ފަރުވާ އޮތީ މަތިވެރިވަންތަ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކީރިތި ކަލާމްފުޅުގައި ކަން ޝައިހް ވަނީ ފާހަގަ ކުރައްވާފައެވެ.

މާތްﷲ ހަލްގުކުރެއްވި މަހުލޫގުންގެ ކަންތައްތައް އެންމެ ފުރިހަމައަށް ދެނެވޮޑިގެންވަނީ އެ އިލާހު ކަމަށާއި، އަދި އެބައިމީހުންނަށް އެންމެ މަސްލަހަތު ހުރި ގޮތްތައް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އެ އިލާހް ކަމަށާއި އެ މަޚްލޫޤުންނަށް ރިވެތި، ރަނގަޅު ތަރުބިއްޔަތެއް ދެވޭނެ އެންމެ މޮޅު ގޮތްތަކަކީ ކޮބައިކަން ވެސް އެންމެ ފުރިހަމަޔަށް ދެނެވޮޑިގެންވަނީ އެ އިލާހް ކަމަށާއި މިއީ ބުއްދީގެ ބޭނުންކުރާ ކޮންމެ މީހަކު ވެސް ގަބޫލުކުރާން ޖެހޭ ހަގީގަތެއްކަން ޝައިހް ވަނީ ފާހަގަ ކުރައްވާފައެވެ.



More from Thiladhun