ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ނުގުނަން އީސީން ނިންމައިފި

Thu, 25 Apr 2024 03:00 PM

View on this article on Thiladhun

ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ނުގުނަން އީސީން ނިންމައިފި

ދުވާފަރު ދާއިރާގެ ހުރިހާ ވޯޓު ފޮށިތަކެއް އަލުން ގުނަންޖެހޭ އެއްވެސް ސަބަބެއް ނެތުމުން އެ ފޮށިތައް ނުގުނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.



ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނައި ދިނުމަށް އެދިވަޑައިގެންނެވީ އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު އިބްރާހިމް އަބްދުއްރަހްމާނެވެ. ދުވާފަރު ފޮށިތައް އަލުން ގުނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން އެންމެ ހަތަރު ވޯޓުގެ ތަފާތުން އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަލީއެވެ. އޭނާއަކީ ކުރިން އެ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން މުހައްމަދު އަލީއަށް ލިބިވަޑައިގަތީ 1،074 ވޯޓެވެެ. އަމިއްލަ ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހްމާނަށް ލިބިވަޑައިގަތަކީ 1،070 ވޯޓެވެ. ދެ ބޭފުޅުންގެ ދެމެދުގައި އުޅެނީ އެންމެ ހަތަރު ވޯޓުގެ ތަފާތެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ދުވާފަރު ދާއިރާގެ ފޮށި އަލުން ގުނައި ދިނުމަށް އެދިފައިވާތީ އެކަމާ ގުޅޭ ގޮތުން މިއަދު ގޮތެއް ނިންމާނެ ކަމަށެވެ. އެ ދާއިރާގެ ހުރިހާ ފޮށިތަކެއް ގުނައި ދިނުމަށް އެދުނު އިރު، އެގޮތަށް އެދުނީ ވޯޓުގެ ފަރަގު ކުޑަވެގެން ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ގދ. ތިނަދޫ ދާއިރާގެ ގައުމީ ޔުނިވާރސިޓީ ހޯލް ގައި ބެހެއްޓި ފަސް ނަންބަރު ވޯޓް ފޮށި އަލުން ގުނުމަށް އެދި ޕީއެންސީ ކެނޑިޑޭޓް އަބްދުﷲ ޝަރީފު ވެސް އީސީއަށް ހުށަހެޅުއްވިއެވެ. ނަމަވެސް އީސީން ނިންމީ އެ ވޯޓު ފޮށި ގުނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

The post ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ނުގުނަން އީސީން ނިންމައިފި first appeared on Thiladhun.



More from Thiladhun