ރެއާލް މެޑްރިޑުން 36 ވަނަ ފަހަރަށް ލަލީގާގެ ޗެމްޕިއަންކަން ހޯދައިފި

Sun, 05 May 2024 12:57 AM

View on this article on Thiladhun

ރެއާލް މެޑްރިޑުން 36 ވަނަ ފަހަރަށް ލަލީގާގެ ޗެމްޕިއަންކަން ހޯދައިފި

ރެއާލް މެޑްރިޑުން ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން 36 ވަނަ ފަހަރަށް ކާމިޔާބު ކޮށްފިއެވެ.



ލީގުގައި ބާކީ ހަތަރު މެޗު އޮއްވައި ރެއާލަށް ލީގު ޗެމްޕިއަންކަން ކަށަވަރުވެފައި މިވަނީ ރޭ ރެއާލް ކުޅުން މެޗުން މޮޅުވެ ދެވަނާގައި އޮތް ބާސާއާއި ތިންވަނާގައި އޮތް ޖިރޯނާ ބައްދަލުކުރި މެޗުން ބާސާ ބަލިވުމާއި ގުޅިގެންނެވެ.

ރޭ ރެއާލުން މުހިންމު ގިނަ ކުޅުންތެރިންތަކަކާއި ނުލައި އަމިއްލަ ދަނޑުގައި ނުކުތީ ކާޑިޒްއާއި ދެކޮޅަށެވެ. ރެއާލުން ވަނީ 3-0 ގެ ނަތީޖާއިން ކާޑިޒް ބަލިކޮށްފައެވެ. މި މެޗުގައި ރެއާލަށް ލަނޑުތައް ޖަހައިދިނީ ބްރަހިމް ޑިއާޒްއާއި ހޮސެލޫގެ އިތުރުން ބެލިންހަމްއެވެ. މި މެޗުގައި ބެލިންހަމް ކުޅެން ނުކުމެފައި ވަނީ ވެސް ދެވަނަ ހާފުގެ މެދުތެރެއިންނެވެ.

ރޭ ޖިރޯނާއިން ވަނީ އަމިއްލަ ދަނޑުގައި 4-2 ގެ ނަތީޖާއިން ބާސާ ބަލިކޮށްފައެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބާސާއިންނެވެ. ފުރަތަމަ ލަނޑު ތިންވަނަ މިނެޓުގައި ބާސާއަށް ޖަހައިދިނީ ކްރިސްޓެންސެންއެވެ. ޖެހިގެން އައި މިނެޓުގައި ޖިރޯނާގެ ޑޮވްބިކް ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތު ލިބުނު ޕެނަލްޓީން ލެވަންޑޯސްކީ ލަނޑުޖަހައި ބާސާއަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދިނެވެ.

ޖިރޯނާއިން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކުރީ 65 ވަނަ މިނެޓުގައި ޕޯޓޫ ޖެހި ލަނޑުނެނެވެ. އޭގެ ދެ މިނެޓްފަހުން ގުޓިއަރޭޒް ވަނީ ލަނޑުޖަހައި ޖިރޯނާއަށް ލީޑު ހޯދައިދީފައެވެ. ޖިރޯނާއަށް ހަތަރުވަނަ ލަނޑު ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕޯޓޫއެވެ.

މި ނަތީޖާއާއިއެކު ޖިރޯނާއަށް ވަނީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރެވިފައެވެ. އަދި ބާސާއަށް ސީޒަން ނިންމާލަން ޖެހިފައި ވަނީ ތައްޓެއް ނުލިބިއެވެ.

މިވަގުތު ޕޮއިންޓް ތާވަލު އޮތްގޮތަށް ބަލައިލާއިރު ކުޅުނު 34 މެޗުން ރެއާލުން ވަނީ 87 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނާގައި ޖިރޯނާ އޮތީ 34 މެޗުން ލިބުނު 74 ޕޮއިންޓާއިއެކުއެވެ. ޖިރޯނާއަތުން ބަލިވުމުން ބާސާ ވަނީ ތިންވަނައަށް ވެއްޓިފައެވެ. އެ ޓީމަށް 34 މެޗުން ލިބިފައިވަނީ 73 ޕޮއިންޓެވެ.

ރެއާލުން ލީގު 36 ފަހަރު ކާމިޔާބު ކޮށްފައިވާއިރު، ދެން އެންމެ ގިނައިން ލީގު ކާމިޔާބު ކޮށްފައި ވަނީ ބާސާއިންނެވެ. ބާސާއިން ވަނީ 27 ފަހަރު ލަލީގާގެ ޗެމްޕިއަންކަން ހޯދާފައެވެ.

The post ރެއާލް މެޑްރިޑުން 36 ވަނަ ފަހަރަށް ލަލީގާގެ ޗެމްޕިއަންކަން ހޯދައިފި first appeared on Thiladhun.



More from Thiladhun