މީޑިއާ ވިލެޖަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި

Sat, 04 May 2024 02:10 PM

View on this article on Thiladhun

މީޑިއާ ވިލެޖަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މީޑިއާތަކަށް ހާއްސަކޮށްގެން ހުޅުމާލޭގައި ތަރައްގީ ކުރާ މީޑިއާ ވިލެޖު އަޅާނެ ބިން ހަމަޖައްސައިފިއެވެ.



ޕީއެސްއެމްގެ އަހަރީ ދުވަހާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނޫސްވެރިންނާއި މީޑިއާތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިހުސާސް ކުރެއްވޭ ކަމަށެވެ. މި ސަރުކާރުން ހާއްސަކޮށް ރައީސް ޑރ. މުއިއްޒު ފެނިގެން ދިޔައީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ނޫސްވެރިންނާ ވަރަށް ގާތުން މަސައްކަތް ކުރެއްވި ތަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ރައީސް މުއިއްޒު އިންތިގާލީ މަރުޙަލާގެ ތެރޭގައި، ނޫސްވެރިންނާ ބައްދަލުކުރައްވުމަކީ، ފުރަތަމަ ފަހަރަށް ރާއްޖޭގެ ރައީސަކު ނޫސްވެރިންނާ ގާތް ގުޅުމެއް އުފެއްދެވުމަށްޓަކައި މަސައްކަތްޕުޅު ކުރެއްވިތަން ފެނިގެންދިޔަ ކަމެއް. އެ ބައްދަލުކުރެއްވުމުގެ ތެރެއިން ނޫސްވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެކަންކަމަށް ހައްލު ހޯއްދުމަށް މަސައްކަތް ފެށުނު." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒު ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފުރަތަމަ ފަހަރަށް ކޮންމެ މީޑިއާއަކަށް ކޮންމެވެސް މިންވަރެއް ހަމަޖެއްސުމެވެ. އަދި މަޖިލިހުގެ ސުޕާ މެޖޯރިޓީއާ އެކީގައި ފުރަތަމަ ފަހަރަށް ދައުލަތުން މީޑިއާތަކަށް ރައީސް ކަނޑައެޅުއްވި މިންވަރު ފޯރުކޮށްދެވިގެން ދާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 21 ގައި ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީން ސުޕާ މެޖޯރިޓީ ވަނީ ހޯދައިފައެވެ. އިންތިހާބު ނިމުނު ފަހުން ޕާޓީއާ ގުޅިވަޑައިގެންނެވި މެމްބަރުންނާ އެކުގައި ޕީއެންސީގެ ސުޕާ މެޖޯރިޓީ 77 އަށް ވަނީ އަރައިފައެވެ.

މީޑިއާ ވިލެޖެއް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވީ ބޮޑު އަގުގައި ތަންތަން ކުއްޔަށް ހިފައިގެން އޮފީސް ހިންގަން ޖެހުމުން މީޑިއާތަކަށް މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމުގެ ކަންބޮޑުވުން މީޑިއާތަކުން ފާހަގަ ކުރުމުންނެވެ.

"ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހުޅުމާލެއިން މިހާރު ބިމެއް ހަމަޖައްސަވާފައިވަނީ. މީޑިއާތަކުން ބޭނުންވާގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފެށިފައިވަނީ.". ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ނޫސްވެރިންނަކީ ހަގީގަތުގައިވެސް ވަރަށް ބޮޑު ޒިންމާއެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅުންތަކެއް ކަމަށާއި، ރައްޔިތުންނާއި އެއިރެއްގައި އެ އޮންނަ ސަރުކާރަކާ، ނޫނީ ދައުލަތާވެސް ގުޅުވައިދެނީ ނޫސްވެރިން ކަމަށެވެ.

The post މީޑިއާ ވިލެޖަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި first appeared on Thiladhun.



More from Thiladhun