ރޯދައިގެ ފަހު 10 ގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިނާޔަތް ދޭން ރައީސް ނިންމަވައިފި

Fri, 29 Mar 2024 07:24 PM

View on this article on Thiladhun

ރޯދައިގެ ފަހު 10 ގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިނާޔަތް ދޭން ރައީސް ނިންމަވައިފި

މި ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދުކޮށްފައިވާ އިރު، އެ ދުވަސްތަކުގައި ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިނާޔާތެއް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.



ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ސޮއިކުރައްވައި އިއްޔެ ނެރުއްވި ސާކިއުލާގައި ބުނީ ރޯދަމަހުގެ ފަހު 10 ގެ އިނާޔަތް ދޭނީ ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އެކަނި ކަމަށެވެ.

އަދި ކޮންމެހެން ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންގެ ތެރެއިން ދައުލަތުގެ ޕޭ ފްރޭމްވާކަށް ބަދަލު ނުވާ މުވައްޒަފުންނަށް ކުރިން ވެސް ދެމުން ގެންދާ އުސޫލުން ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ އިނާޔަތް ދޭން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. މިގޮތަށް އިނާޔަތް ދިނުމުގައި މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބައިގެ އިނާޔަތްދޭނީ ޑިއުޓީ އުސޫލުން އާންމުކޮށް މަސައްކަތްކުރަން ޖެހޭ މުވައްޒަފުންނަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ ދައުލަތުގެ ޕޭ ފްރޭމްވާކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރަމަޟާންމަހުގެ ފަހު 10 ދުވަސްތަކަކީ ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު ދުވަސް"ތައް ފަދަ ދުވަސްތަކެއްގެ ގޮތުގައި ބަލައިގެން، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމުން ލިބޭނެ ކަމަށް އެ ގާނޫނުގެ 38ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތެއް ދޭން ޖެހޭނެ ކަމަށެވެ.

ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރަމަޟާންމަހުގެ ފަހު 10 ދުވަހުގައި އިތުރުގަޑީގެ ފައިސާ ދިނުމުގައި ދައުލަތުގެ ޕޭ ފްރޭމްވާކްގެ މިންގަނޑުގައި ހިމެނޭ އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑަށް އަމަލުކުރަން ޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ.

ދައުލަތުގެ ޕޭ ފްރޭމްވާކަށް ބަދަލުވެފައިވާ ފަންނުތަކުގެ މުވައްޒަފުންގެ ތެރެއިން، ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި، އެ އިދާރާއަކުން ކަނޑައަޅާގޮތެއްގެ މަތިން، މަސައްކަތަށް ނުކުންނަންޖެހޭ މުވައްޒަފުން ރަމަޟާންމަހުގެ ފަހު 10ގެ ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަސްތަކުގައި ހާޒިރީ އިނާޔަތް ދޭން ޖެހޭނެ ކަމަށް ވެސް އެސާކިއުލާގައިވެ އެވެ. އަދި ފަންނުތަކުގެ މުވައްޒަފުންގެ ތެރެއިން އާންމު ހާލަތުގައި ހަފުތާގެ ތެރޭގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ދުވަސްތަކުގެ ތެރެއިން ރޯދަމަހުގެ ފަހު 10ގެ ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަސްތަކަށް އެ މުވައްޒަފަކަށް ކަނޑައަޅާފައިވާ ހާޒިރީ އިނާޔަތް ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އިނާޔަތް ދިނުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ މުސާރައާ އެކުގައެވެ. އަދި އެ އިނާޔަތްތައް ދިން ގޮތުގެ ތަފުސީލުތައް އަންނަ މަހުގެ 18 އިގެ ކުރިން އީމެއިލުން ފޮނުވައި ދިނުމަށް ވެސް މުއައްސަސާތަކުގެ ކިބައިން މިނިސްޓްރީން އެދިފައިވެއެވެ.

 

The post ރޯދައިގެ ފަހު 10 ގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިނާޔަތް ދޭން ރައީސް ނިންމަވައިފި first appeared on Thiladhun.



More from Thiladhun