ނޫސްވެރިކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކޮށްފި

Sun, 28 Apr 2024 07:18 PM

View on this article on Thiladhun

ނޫސްވެރިކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކޮށްފި

ނޫސްވެރިކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.



މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންނަށް ނޫސްވެރިންގެ ބައްދަލުވުން އޮތް މާލަމަށް މޯބައިލް ފޯނު ނުވެއްދޭނެ ކަމަށް އެ އޮފީހުން އެންގުމުން އެކަމުގެ ކަންބޮޑުވުން ނޫސްވެރިން ފާޅުކުރުމުން ރައީސް އޮފީހުން ނޫސްވެރިންނަށް އެ ފުރުސަތު ދިންކަމަށެވެ.

އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި އެ ފުރުސަތު ނޫސްވެރިންނަށް ނުލިބޭނެކަމަށް ރައީސް އޮފީހުން ނޫސްވެރިންނަށް އެންގި ކަމަށް ވެސް އެ ބަޔާނުގައި ބުނެފަވެއެވެ. އެ ގޮތައް އެންގުމުން އެކަމުގެ ކަންބޮޑުވުން ބައެއް ނޫސްވެރިންނާއި މީޑިއާތަކުން އެ ކައުންސިލާއި ހިއްސާކޮށްފައިވާކަމަށް ވެސް މީޑިއާ ކައުންސިލުން ބުނެފަވެއެވެ.

މީޑިއާ ކައުންސިލުން ބުނީ މޯބައިލް ފޯނަކީ ނޫސްވެރިކަމުގައި މުހިންމު ވަސީލަތަކަށްވާއިރު، ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ވައްދަން ރައީސް އޮފީހުން ފުރުސަތު ނުދިނުމަކީ އެކައުންސިލުން ކަންބޮޑުވާ ކަމެއްކަމަށެވެ. އެހެންކަމުން އެ ކަންބޮޑުވުން ރައީސް އޮފީހަށާއި، އެ އޮފީހުގެ އިސް ތަރުޖަމާނާއި ހިއްސާކޮށްފައިވާނެ ކަމަށް ވެސް މީޑިއާ ކައުންސިލުން ބުނެއެވެ.

''އެކަމުގެ ޖަވާބުގައި އެއީ މީގެ ދެމަސްކުރިން އެމްއެމްއެންޑީއެފުން ޢަމަލުކުރަން ފަށާފައިވާ ސެކިއުރިޓީ ޕްރޮޓޮކޯލެއްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައި، އަދި ނޫސްވެރިންގެ ކަންބޮޑުވުން އިތުރަށް ބަލާނެ ކަމަށާއި، އޮންނަ އުސޫލުގެ ތެރެއިން ކުރިއަށް އޮތްތަނުގައި ނޫސްވެރިންނަށް ވެސް ފޯނު ވެއްދޭނެކަމުގެ ޔަޤީންކަން ވަނީ ދީފައި'' މީޑިއާ ކައުންސިލުން ބުނެފަވެއެވެ.

މީޑިއާ ކައުންސިލުން ބުނީ ނޫސްވެރިކަން ވީހާވެސް ފުޅާދާއިރާއެއްގައި ބޭއްވުމަށާއި، އެކަމަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުކުރުމަކީ އެ ކައުންސިލްގެ ވަރަށްބޮޑު އިލްތިމާސެކެވެ.

ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރެއްވުމަށާއި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުން މިއަދު ރައީސް އޮފީހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމަށް ދިޔަ ބައެއް ނޫސްވެރިންނަށް ފޯނު ނުވެއްދުނުކަމަށް އެ ނޫސްވެރިން ވަނީ މީސް މީޑިއާގައި ކަންބޮޑުވުންފާޅުކޮށްފައެވެ.

ނަމަވެސް ނޫސްވެރީންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ނުވަދެވުނުކަމަށް ބުނެ ބައެއް މީޑިއާތަކާ ނޫސްވެރިންގެ ޖަމިއްޔާތަކުން ރިޕޯޓްކުރަމުން ދަނީ ވަރަށް ބޮޑު ދޮގު ޚަބަރެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

The post ނޫސްވެރިކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކޮށްފި first appeared on Thiladhun.



More from Thiladhun