ސާބިތު ދަރަންޏެއް އޮތުމުން ހަސަން ޝިޔާމަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

Thu, 28 Mar 2024 01:00 PM

View on this article on Raajje.mv

ސާބިތު ދަރަންޏެއް އޮތުމުން ހަސަން ޝިޔާމަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވާ ހަސަން ޝިޔާމް (ވީބީ ހަސަން) ގެ ސާބިތު ދަރަންޏެއް އެބައޮތް ކަމަށާއި، އެހެންކަމުން އޭނާއަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.



ސުޕްރީމް ކޯޓުން އެހެން ކަނޑައަޅާފައިވަނީ ބުރާސްފަތި ދުވަހު އެ ކޯޓުގައި ކުރިއަށްދިޔަ ޙުކުމް ކުރުމުގެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

އަދާކުރާން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވާ ނަމަ އެ މީހަކަށް މަޖިލީހުގެ އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެކަމަށް ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބުނެފައިވާއިރު، އިލްޔާސް އަހުމަދުގެ ފަރާތުން މި މައްސަލަ ހުށަހަޅާފައިވަނީ އެ އަސާސްގެ މައްޗަށް ބިނާކޮށެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ފަރާތުން ކްރިސްޓަލް ލެގޫން ރިޒޯޓްސްއަށް 16 ފެބްރުއަރީ 2006 ގައި 10 މިލިއަން ޑޮލަރުގެ ލޯނެއް އަދި 18 ޖޫން 2008 ގައި 64 މިިލިއަން ޑޮލަރުގެ ލޯނެއް ދޫކޮށްފައިވަނީ އެ ދެ ލޯން ދެއްކުމުގެ ޔަގީންކަން ހަސަން ޝިޔާމް ހިމެނޭހެން 11 މީހެއް ދީފައިވާތީއެވެ.

އެހެންނަމަވެސް ހުކުމަށް ފަހު ވެސް ފައިސާ ދައްކަމުން ނުދާތީ އެސްބީއައިއިން އަލުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީއެވެ.

މައްސަލަ ހުށަހަޅާފައިވަނިކޮށް ޝިޔާމްގެ ފަރާތުން ވަނީ ރަހުނު ވިއްކާލުމަށް ފަހު، ކޯޓުން ގެރެންޓަރުން ދައްކަން ޖެހޭ ފައިސާ ކަނޑައެޅުމާ ހަމައަށް ތަންފީޒުކުރަން ޖެހޭ ސާބިތު ދަރަންޏެއް ނެތް ކަމަށް އަމުރުކޮށްދިނުމަށް އެދި ހުށަހަޅާފައެވެ.

އެހެންނަމަވެސް ސިވިލް ކޯޓުން އެ އަމުރު ނުދިނުމުން ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. ހައި ކޯޓުން ސިވިލް ކޯޓުގެ ނިންމުން ދެމެހެއްޓި ނަމަވެސް މި ހިނދަށް ދަރަނި ދައްކަން ޖެހޭ މީހެއް ގޮތަށް ނުބެލުމަށް އޮތެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ އޭނާގެ ސާބިތު ދަރަންޏެއް އޮތްކަމަށް ކަނޑައަޅައި، އިންތިޚާބުގައި ވާދަ ކުރުމުގެ ޝަރުތު ގެއްލިފައިވާކަމަށް ކަނޑައަޅާފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ނިންމެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު ހުސްނުއްސުއޫދު، އަދި ފަނޑިޔާރު އައިޝާ ޝުޖޫން އެވެ.



More from Raajje.mv