ކެންޕެއިން އޮފީހުގައި ރޯކޮށްލިކަމަށް ތުހުމަތުކުރާ މީހާގެ ބަންދަށް 10 ދުވަސް

Sat, 27 Apr 2024 03:10 PM

View on this article on Raajje.mv

ކެންޕެއިން އޮފީހުގައި ރޯކޮށްލިކަމަށް ތުހުމަތުކުރާ މީހާގެ ބަންދަށް 10 ދުވަސް

ކުޅުދުއްފުށި ސިޓީގައި ހުރި ކެމްޕެއިން އޮފީހެއްގައި ރޯކޮށްލިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.



ކުޅުދުއްފުށި ސިޓީގައި ހުރި ކެމްޕެއިން އޮފީހެއްގައި ރޯކޮށްލާފައިވަނީ 16 އޭޕްރީލް 2024 ގައެވެ.

މިމައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ ކެމްޕެއިން އޮފީހުގައި ރޯކޮށްލިކަމުގެ ތުހުމަތުގައި އޭޕްރީލް 25 ވަނަ ދުވަހުގެ މެންދުރު 2:55 ހާއިރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެއެވެ. އެމީހާ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.

އަދި ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަސް ޖަހާފައެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ކޯޓުގައި ބުނެފައިވަނީ އެމީހާ ފުލުހަށް ހާޒިރުވުމަށް ޗިޓް ފޮނުވި ނަމަވެސް ހާޒިރުވެފައިނުވާ ކަމަށާއި، ހައްޔަރުކޮށްފައިވަނީ ރާއްޖެއިން ބޭރަށް ފުރަން އެއާޕޯޓުގައި ހުއްޓާ ކަމަށެވެ.

ނަމަވެސް އޭނާ ވަނީ އެކަން ދޮގުކޮށްފައެވެ. އޭނާ ބުނެފައިވަނީ ރަށުން ފުރީ ފިލައިގެން ނޫން ކަމަށާއި، ރާއްޖެއިން ބޭރަށް ދާން އުޅުނީ ދަރިފުޅު ޑޮކްޓަރަށް ދައްކަން ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.



More from Raajje.mv