ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް، އައްޑޫގެ 40ށް ވުރެ ގިނަ ގެތަކަށް ގެއްލުންވެއްޖެ

Sat, 27 Apr 2024 03:02 PM

View on this article on Raajje.mv

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް، އައްޑޫގެ 40ށް ވުރެ ގިނަ ގެތަކަށް ގެއްލުންވެއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫސިޓީއަށް ބޯކޮށް ވާރޭ ވެހި 40ށް ވުރެ ގިނަ ގެތަކަށް ގެއްލުންވެއްޖެއެވެ.



ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ހުކުރު ދުވަހާއި، އެރޭ ވެހުނު ވާރޭގެ ސަބަބުން 40ށް ވުރެ ގިނަ ގެއަށް ފެނުގެ އަސަރުކޮށްފައިވާ ކަމަށެވެ.

އެންޑީއެމްއޭ އިން ބުނީ ސ.ފޭދޫގެ 40 އަށްވުރެ ގިނަ ގޭގެއަށް އަސަރުކޮށްފައިވާ ކަމަށާއި، ޖުމްލަ 5 ގެއަކުން މީހުން ހުސްކުރަންޖެހިފައިވާ ކަމަށެވެ. ވަގުތީ ބޯހިޔާވަހިކަމަށް ބަދަލު ކުރެވުނީ 2 ގެއެއްގެ މީހުން ކަމަށާއި، އެހެން ގެތަކުން މީހުން ބަދަލުވީ އާއިލީ ގެތަކަށް ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ވަނީ ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ކައުންސިލުން ބުނީ ރަށުތެރޭގައި ފެން ބޮޑުވެފައިވާތީ މަގު ހެދުމުގެ ޕްރޮޖެކްޓްގެ ތެރެއިން ކޮނެފައިވާ ވަޅުތަކަށާއި، ލިންކް ރޯޑުގައި ހެދިފައިވާ ވަޅުތަކުގެ އިތުރުން ވިއްސާރަވުމުގެ ސަބަބުން މަގުތަކުގައި އިތުރަށް ހެދިދާނެ ވަޅުތަކަށް ސަމާލުވާންޖެހޭ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރާއާ ގުޅޭގޮތުން މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ފާއިތުވި 24 ގަޑިއިރު އައްޑޫސިޓީ އަށް 1677 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. މިއީ މިހާތަނަށް އައްޑޫއަށް މި އަހަރު އެންމެ ބޯކޮށް ވާރޭވެހުނު 24 ގަޑިއިރު ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް އައްޑޫ އާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އެ އިދާރާއިން ބުނީ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.



More from Raajje.mv