ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލުމާ ގުޅޭ އުސޫލަށް އަމަލުކުރަން ފަށައިފި

Thu, 09 May 2024 12:12 PM

View on this article on Raajje.mv

ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލުމާ ގުޅޭ އުސޫލަށް އަމަލުކުރަން ފަށައިފި

ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވާލުމާއި ގުޅޭ އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.



ބުރާސްފަތި ދުވަހު އަމަލު ކުރަން ފެށި މި އުސޫލަކީ ޒަކާތުގެ ބެހެނިވެރީންގެ ތެރެއިން ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމު އިވެލުއޭޓުކޮށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލުމުގައި ޢަމަލުކުރާނެ ގޮތާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވާލާފައިވާ އުސޫލެކެވެ.

މި އުސޫލުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެނީ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި ފިޠުރު ޒަކާތާއި މުދަލު ޒަކާތުގެ ޙައްޤުވެރީން ކަނޑައެޅުމާއި، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވުމުގައި ޢަމަލުކުރާނެ ގޮތްތައް ބަޔާންކޮށްދިނުމެވެ.

އުސޫލުގައިވާގޮތުން ކޮންމެ ޢާއިލާއެއްގެ ފަރާތުން ފޯމު ހުށަހަޅަންވާނ،ީ އެ ޢާއިލާއެއްގެ އެންމެ އިސްފަރާތެވެ. އެގޮތުން މި އުސޫލުގެ ބޭނުމަށް ޢާއިލާގެ އެންމެ އިސްފަރާތް ކަމުގައި ބަލާފައިވަނީ ފިރިމީހާ ނުވަތަ ބައްޕަ ނުވަތަ ބަލަދުވެރިޔާއެވެ.

އޭގެ އިތުރުން، ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓުކޮށް އެ ފޯމުތަކާމެދު ގޮތެއް ނިންމާނީ އެކަމާ ގުޅޭ ކޮމިޓީއަކުން ކަމަށްވެސް އުސޫލުގައި ބުނެއެވެ.

އުސޫލުގައި އިތުރަށް ބުނެފައިވަނީ އުސޫލުގެ ދަށުން ހުށަހަޅާ ފޯމުތައް އިދާރާއަށް ލިބޭތާ ލަސްވެގެން 30 ދުވަހުގެ ތެރޭގައި އެ ފޯމުތަކާ މެދުގައި ކޮމިޓީން ގޮތެއް ނިންމަންވާނެ ކަމަށާއި، އަދި އެ ފޯމުތަކާ މެދުގައި ނިންމި ގޮތެއް ފޯމު ހުށަހެޅި ފަރާތަށް ސަބަބާއެކު އަންގަންވާނެ ކަމަށެވެ.

އަދި ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ޢާއިލާ ނުވަތަ މީހުންގެ ހާލަތު ދަފުތަރުގައި ރަޖިސްޓަރީކުރާ ތާރީޚުން ފެށިގެން މަދުވެގެން ކޮންމެ މީލާދީ 2 އަހަރަކުން އެއްފަހަރު ރިވިއު ކުރަންވާނެކަމަށްވެސް އުސޫލުގައި ބުނެއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

އަދި ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މީގެ އިތުރުންވެސް މި މުވައްސަސާގެ ތެރެއިން ޒަކާތުގެ އިލްމު ފެތުރުމާއި، ޒަކާތުގެ ހުކުމްތަކާމެދު އާންމުންނާ ވިޔަފާރިތަކާ ދައުލަތުގެ އިދާރާތައް ހޭލުންތެރިކުރުން ހިމެނެއެވެ.



More from Raajje.mv