މިމަހު އެކަނި މާލެ ސަރަހައްދުން ޗިކުންގުންޔާގެ 59 ކޭސް، ސަމާލުވުމަށް އިލްތިމާސްކޮށްފި

Sat, 27 Apr 2024 03:16 PM

View on this article on Raajje.mv

މިމަހު އެކަނި މާލެ ސަރަހައްދުން ޗިކުންގުންޔާގެ 59 ކޭސް، ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖޭގައި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވަމުން އަންނަކަމަށާއި މި މަހު އެކަނި މިހާތަނަށް މާލޭ ސަރަހައްދުން 59 ކޭސް ރިޕޯޓްކޮށްފައިވާކަމަށް ހެލްތު މިނިސްޓަރ ޑރ އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.



ހެލްތު މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިޔަށް އޮތީ ވިއްސާރަ މޫސުންކަމަށްވުމާއެކު ޚާއްސަ ފިޔަވަޅުތަކެއް ނާޅައިފިނަމަ މިބަލި ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވާނެކަމަށެވެ. ޗިކުންގުންޔާއާއި ޑެންގޫ ފަދަ މަދިރީގެ ޒަރީއްޔާ އިން ފެތުރޭ ބަލިތަކުން ރައްކާތެރި ވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުންކަމަށާއި މިކަމަށް ޚާއްޞަ ސަމާލުކަން ދިނުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

ޗިކުންގުންޔާގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ހުޅުހުޅުގައި ރިއްސުން އަދި ބޮލުގައި ރިއްސުން ހިމެނެއެވެ.

މީގެއިތުރުން މޫސުން ގޯވުމާއި ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ޗިކުންގުންޔާ އަދި ޑެންގީ ހުންޖެހޭ މިންވަރު އިތުރުވެދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މަދިރިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މިކަމަކަށް ޚާއްސަ ސަމާލުކަމެއްދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޗިކުންގުންޔާއަކީ ވެސް ޑެންގީ ހުން ފަތުރާ މަދިރިކަމުގައިވާ އީޑީސް މަދިރީގެ ޒަރިއްއާއިން ފެތުރޭ ބައްޔެއްކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލައިފައެވެ.

އެގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން ބޭނުން ކުރުމަށާއި، ސްޕްރޭ ބޭނުން ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެއެވެ. އަދި ތިން ދުވަހަށްވުރެ ގިނައިން ހުން އަންނަނަމަ، ސިއްހީ އެހީތެރިއެއްގެ އެހީ ހޯދުމަށް އެޖެންސީން އެދިފައިވެއެވެ. 

ޗިކުންގުންޔާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެފަހުން ރާއްޖޭގައި ޗިކުންގުންޔާގެ އައުޓްބްރޭކެއް އައިސްފައި ވަނީ 2006 ވަނަ އަހަރެވެ.



More from Raajje.mv