ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ

Thu, 09 May 2024 07:22 PM

View on this article on Raajje.mv

ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ

ގާހުދުވުމާއި (ކޮރަލް ބްލީޗިންގ) ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން މެއި މަހުގެ މަހުގެ 9 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާ އެކަން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ން އިއުލާންކޮށްފިއެވެ.



އެއިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރަކީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާހުދުވަމުންދާ ދުވަސްވަރެެއްކަމަށެވެ. ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާހުދުވުމުގެ ހާދިސާއެއް އެންމެ ފުރަތަމަ ފަހަރަށް 1998 ވަނަ އަހަރު ފާހަގަ ކުރެވުނު ފަހުން، މިފަދަ ހާދިސާތައް މެދުވެރިވާ މިންވަރު ގާތްވަމުން އަންނަކަމަށް ފާހަގަ ކުރެވޭ ކަމަށް އީޕީއޭން ބުނެއެވެ. މިފަދަ ދުވަސްވަރެއްގައި ހިންގޭ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވުން، އަދި އިއާދަވުމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވުމުންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި، ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ، މި މަސައްކަތްތަކުގެ ސަބަބުން ފަރުތަކުގެ މާހައުލަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަންކަންކަމަށް އެއިދާރާއިން ފާހަގަކުރެއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ފިނި ހޫނުމިން ބެލުމަށް، އަދި ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުގެ ގާހުދުވުމުގެ ހާދިސާތައް ކުރިއާލައި ލަފާ ކުރުމަށް އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (NOAA) އިން ހިންގާ "ނޭޝަނަލް އެންވަޔަރަންމަންޓަލް ސެޓަލައިޓް ޑޭޓާ އެންޑް އިންފޮރމޭޝަން ސަރވިސް" ޕްރޮގްރާމުން އެންމެ ފަހުން ނެރެފައިވާ ސެޓަލައިޓް މައުލޫމާތަށް ބަލާއިރު ރާއްޖެ މި ވަގުތު އޮތީ "އެލާރޓް ލެވަލް 1" ގައެވެ. އަދި ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން ގާހުދުވާ ކަމުގެ ރިޕޯޓާއި އެކަމާއި ގުޅޭ މަޢުލޫމާތު ދަނީ ލިބެމުންކަމަށް އީޕީއޭން ބުނެއެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ސަރަހައްދު އޮތީ "އެލާރޓް ލެވަލް 1" ގައި ކަމުގައިވެފައި އަދި ގިނަ އަދަދަކަށް ގާހުދުވަމުންދާ ކަމަށް ރިޕޯރޓް ލިބެމުންދާތީ ތިރީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް މެއި މަހުގެ 9 ވަނަ ދުވަހުން ފެށިގެން 10 ޖޫން ގެ ނިޔަލަށް 3 ފިޔަވަޅެއް އެޅުމަށް ވަނީ ނިންމާފައެވެ.

އެފިޔަވަޅުތަކަކީ:

  1. ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ސީދާ އަދި ނުސީދާ ގޮތުން އަސަރުކުރާ މަސައްކަތްތައް އީ.އައި.އޭ އާއި ބިންހިއްކުމާއި ފަޅު ފުންކުރުމުގެ ހުއްދައިގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަގުތީ ގޮތުން ހުއްޓާލުން.
  2. ބިންހިއްކުން، ފަޅުކޮނުން، ގޮނޑުދޮށަށް ވެލިއެޅުން، ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުން، ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން، ބަންޑުވޯލް ޖެހުން އަދި މިނޫނަސް މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން
  3. މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި އީ.ޕީ.އޭ އަށް ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން އީ.އައި.އޭ އާއި ބިންހިއްކުމާއި ފަޅު ފުންކުރުމުގެ ހުއްދައިގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރުމުގެ ގޮތުން 10 ޖޫން 2024 ގެ ފަހަށް އެ މަސައްކަތްތަކުގެ މަސައްކަތުގެ ތާވަލް މުރާޖަޢާކުރުން

ދިވެހި ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަރުތައް ގުޅިލާމެހިފައިވީ ހިނދު، ދުނިޔޭގެ ފިނިހޫނުމިން މަތިވުމާއި ގުޅިގެން މެދުވެރިވާ ހާދިސާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް އެންމެހައި ކަމެއް ކުރުމަކީ ރާއްޖޭގެ ފަރުތަކުގެ ދެމެހެއްޓުމަށާއި، ފަރުތަކުގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ އިޤްތިޞާދުގެ މައި ދެ ތަނބުކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ނުހަނު މުހިންމު ކަމެއްކަމަށް އީޕީއޭން ބުނެއެވެ.

ދުނިޔޭގެ ކަނޑުގެ ފިނިހޫނުމިން އެނަލައިޒްކޮށް، ގަވާއިދުން އާންމުކުރާ "ކޮރަލް ރީފް ވޮޗް"ގެ ވެބްސައިޓުގައިވާ ގޮތުގައި، ރާއްޖޭގައި ގާ ހުދުވުން އެންމެ ނުރައްކާތެރި ދަރަޖަ އަށް އަރަން ފެށީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ރާއްޖެ އޮތީ "އެލާޓް ލެވަލް 1"ގަ އެވެ.

މިހާރު އެ ލެވެލްގައި އޮތީ މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކެވެ.

"ކޮރަލް ރީފް ވޮޗް" އިން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ފަސް ވަރަކަށް ހަފުތާގެ ތެރޭގައި މުޅި ރާއްޖެ "އެލާޓް ލެވަލް 2" ނުވަތަ އެންމެ ނުރައްކާތެރި ދަރަޖަ އަށް އަރާނެއެވެ.

މިއީ 2016ގެ ފަހުން ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ އެންމެ ބޮޑު އަހަރަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ސައިންސްވެރިން ވެސް ވަނީ މި ފަހުން ލަފާކޮށްފައެވެ.



More from Raajje.mv