ދެ ބްރޭންޑެއްގެ ހަވާދުގެ ބައެއް ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުން އަދި ވިއްކުން މަނާކޮށްފި

Sat, 27 Apr 2024 04:56 PM

View on this article on Raajje.mv

ދެ ބްރޭންޑެއްގެ ހަވާދުގެ ބައެއް ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުން އަދި ވިއްކުން މަނާކޮށްފި

ދެ ބްރޭންޑެއްގެ ހަވާދުގެ ބައެއް ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުން އަދި ވިއްކުން މަނާކޮށްފިއެވެ.



މޯލްޑިވްސް ފުޑް އެންޑް ޑްރަގްސް އޮތޯރިޓީން ބުނީ، އިންޑިއާގެ އުފެއްދުމެއްކަމުގައިވާ 'އެވަރެސްޓް' އަދި 'އެމްޑީއެޗް' ބްރޭންޑުގެ ހަވާދުގެ ބައެއް ބާވަތްތަކުގައި 'އެތެލިން އޮކްސައިޑް' ހުރިކަމަށް ބުނެ ސިންގަޕޯރ ފުޑް އެޖެންސީ އަދި ހޮންކޮންގގެ ސެންޓަރ ފޮރ ފުޑް ސޭފްޓީން ވަނީ އެ އުފެއްދުންތައް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައި ކަމަށެވެ.

އަދި އަސަރުކޮށްފައިވާ އެ ބްރޭންޑުގެ ބާވަތްތައް ބާޒާރުން ނެގުމަށް ވަނީ އަންގާފައެވެ. 'އެތްލިން އޮކްސައިޑް' އަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓް ކުރުމަށް ބޭނުންކުރާ ކެމިކަލްއެކެވެ. ނަމަވެސް ސިއްހަތަށް ކޮށްފާނެ ނޭދެވޭ އަސަރަށްޓަކައި މި ކެމިކަލް ކާބޯތަކެތީގެ އުފެއްދުންތަކުގައި ބޭނުންކުރުމަކީ އެދެވިގެންވާކަމެއް ނޫނެނެވެ.

މި ބްރޭންޑުތަކުގެ ހަވާދުތަކަކީ ދިވެހިރާއްޖެއަށްވެސް ގިނަ އަދަދަކަށް އެތެރެކޮށް ބޭނުންކުރަމުންދާ ހަވާދުގެ ބާވަތްތަކެކެވެ. އެހެެންކަމުން ދިވެހިރާއްޖެއަށް އެތެރެކުރާ މި ބްރޭންޑުގެ އުފެއްދުންތަކުގެ ހިރާސް ދެނެގަތުމުގެ މަސައްކަތް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދަނީ ކުރަމުންނެވެ.

އެހެންކަމުން އެވަރެސްޓް ބްރޭންޑުގެ ފިޝްކަރީ މަސާލާ (މުއްދަތު ހަމަވާ ތާރީހު ސެޕްޓެމްބަރު 2025) އަދި އެމްޑީއެޗް ބްރޭންޑުގެ، މެޑްރާސް ކަރީ ޕައުޑަރ (ސްޕައިސް ބްލެންޑް ފޮރ މެޑްރާސް، މުއްދަތު ހަމަވާ ތާރީހު އޮގަސްޓް 2024)، ސާމްބަރ މަސާލާ މިކްސްޑް މަސާލާ ޕައުޑަރ (މުއްދަތު ހަމަވާ ތާރީހު ސެޕްޓެމްބަރު 2024) އަދި ކަރީ ޕައުޑަރ މިކްސްޑް މަސާލާ ޕައުޑަރ (މުއްދަތު ހަމަވާ ތާރީހު ސެޕްޓެމްބަރ 2024) ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެ ނުކުރުމަށާއި، ނުވިއްކުމަށް އަދި ބޭނުންނުކުރުމަށް ވަނީ އަންގާފައެވެ.

ކެންސަރު ޖެހުމަށް މަގުފަހިވާ މާއްދާއެއް ކަމަށްވާ އެތްލީން އޮކްސައިޑް އެކުލެވިގެންވާ ކަމަށް ބުނެ އެމްޑީއެޗްއިން އުފައްދާ ތިން ބާވަތެއްގެ ހަވާދާއި އެވަރެސްޓުން އުފައްދާ މަސް ރިހަ ހަވާދުގެ ބަވާތެއް ވިއްކުން ހޮންކޮންގުން ވަނީ މި މަހު ހުއްޓާލާފައެވެ. އެތްލީން އޮކްސައިޑަކީ އިންސާނުން ބޭނުންކުރުން ރަނގަޅު ނޫން އަދި ގިނަ ދުވަހު ބޭނުންކޮށްފިނަމަ، ކެންސަރަށް މަގުފަހިވާ މާއްދާއެކެވެ.

އެމްޑީއެޗް އަދި އެވަރެސްޓް ބްރޭންޑުގެ ހަވާދަކީ އިންޑިއާގައި އެންމެ މަގުބޫލު ހަވާދުތަކުގެ ތެރޭގައި ހިމެނޭ ބްރޭންޑެކެވެ. އެ ބްރޭންޑުތަކުގެ އުފެއްދުންތައް ޔޫރަޕާއި އޭޝިއާ އަދި އުތުރު އެމެރިކާގައި ވެސް ވިއްކައެވެ. އިންޑިއާގެ އިންޑަސްޓްރީ ރެގިއުލޭޓަރު، ސްޕައިސް ބޯޑުން ބުނާ ގޮތުގައި 2022-23 ވަނަ އަހަރު ޖުމްލަ 4 ބިލިއަން ޑޮލަރުގެ އުފެއްދުން އެ ދެ ކުންފުނިން އެކްސްޕޯޓް ކުރިއެވެ.

ބޯޑުން ބުދަ ދުވަހު ބުނީ ހޮންކޮންގާއި ސިންގަޕޫރުގެ ކަމާބެހޭ އިދާރާތަކުން އެމްޑީއެޗް އާއި އެވަރެސްޓް އެކްސްޕޯޓްގެ މައުލޫމާތު ހޯދައި، އުފެއްދުންތައް އުފައްދާ ކާރުހާނާތަކުގައި އިންސްޕެކްޝަންތައް ފެށުމާއެކު އެ މައްސަލައިގެ އަސްލު ސަބަބު ހޯދުމަށް އެ ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.



More from Raajje.mv