ވީއޭއެމްގެ ހަތަރު އަހަރުގެ އޮޑިޓް ރިޕޯޓު ފާސްކޮށް، ކޮމިޝަނަރަށް ފޮނުވަން ތައްޔާރުވެއްޖެ

Tue, 22 Oct 2024 08:54 AM

View on this article on One Online

ވީއޭއެމްގެ ހަތަރު އަހަރުގެ އޮޑިޓް ރިޕޯޓު ފާސްކޮށް، ކޮމިޝަނަރަށް ފޮނުވަން ތައްޔާރުވެއްޖެ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އަށް ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އަންގަވާފައިވާ ގޮތަށް، އެ އިދާރާގެ މިދިޔަ ހަތަރު އަހަރުގެ އޮޑިޓް ރިޕޯޓުތައް، އެކްސްޓްރާ އޯޑިނަރީ ޖަލްސާއަކުން ފާސްކޮށްފިއެވެ.

ހެންވޭރު ބޯޅަ ގޭގައި ރޭ ބޭއްވި އެކްސްޓްރާ އޯޑިނަރީ ޖަލްސާގައި ވީއޭއެމްގެ ހުރިހާ ފުރިހަމަ މެމްބަރު ކްލަބްތަކުގެ މަންދޫބުން ބައިވެރިވެފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ. އެއީ ޕޮލިސް ކްލަބާއި އަލްމާ ސްޕޯޓްސް ކްލަބާއި އައްޑޫ ސްޕޯޓްސް ކްލަބާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އާއި ކްލަބް ވޮލީބޯލް އާއި ޔޫތު ނިއު ޖެނެރޭޝަން އާއި ކްލަބް ހާފް ލައިން ލިންކޭޖް އާއި އެސްޕިރޭޝަން ފޯ އޮލް އިނިޝިއޭޓިވްސް ސްޕޯޓްސް ކްލަބް އާއި ދިވެހި ސިފައިންގެ ކްލަބް އާއި އަދި ގުޑީސް ސްޕޯޓްސް ކްލަބެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމުގައި 2020، 2021، 2022، އަދި 2023 ވަނަ އަހަރުގެ މާލީ އަހަރުތަކުގެ ވީއޭއެމްގެ އޮޑިޓް ރިޕޯޓްތައް ފައިނަލްކޮށް ފާސްކޮޮށްފައިވެއެވެ. އެއީ 13 މެމްބަރު ކްލަބުގެ ފުރިހަމަ ތާއީދާއެކުގައެވެ.

ލަތީފް، ވީއޭއެމްގެ ރައީސްކަމާ ހަވާލުވެވަޑައިގެންފައި ވަނީ މިއަހަރު މާޗު މަހުގެ ތެރޭގައެވެ. އެއީ ވީއޭއެމްގެ އަސާސީ ގަވާއިދު އިސްލާހު ކުރުމަށްފަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކުންނެވެ. ލަތީފް، ވީއޭއެމްގެ ރައީސަށް އިންތިހާބުވެވަޑައިގެންނެވީ، މިހާރު ހިނގަމުންދާ ވޮލީ އެސޯސިއޭޝަންގެ ހިންގާ ބޯޑުގެ ދައުރުގައި ބާކީ އޮތް އަހަރަށެވެ.

ވީއޭއެމުން މިދިޔަ މާޗު މަހު 15 ގައި ފުރަތަމަ އިންތިހާބެއް ބާއްވަން މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ސްޕޯޓްސް ކޮމިޝަނަރުގެ އެންގުމާއެކު އިންތިހާބު މަޑުޖައްސާލިއެވެ. އަދި އޭގެފަހުން ބާއްވަން މަސައްކަތް ކުރި އިންތިހާބު ބާއްވަން ކޮމިޝަނަރު ފުރުސަތު ދިނީ ޝަރުތުތަކަކާ އެކުގައެވެ. އެ ޝަރުތުތަކުގެ ތެރޭގައި ވީއޭއެމްގެ 2020، 2021، 2022 އަދި 2023ގެ އޮޑިޓް ރިޕޯޓުތައް އެކުލަވާލައި، އިންތިހާބީ އިޖުރާއަތްތައް ފުރިހަމަކުރުންވެސް ހިމެނެއެވެ.

އެ ޝަރުތުތަކާއެކު އަލުން މާޗު މަހު ފަހުކޮޅުގައި އިންތިހާބު ބޭއްވި އިރު، 90 ދުވަހުގެ ތެރޭގައި އޮޑިޓް ހުށަހަޅަން ވަނީ ނިންމައިފައެވެ. އެ މުއްދަތަށް އޮޑިޓް ރިޕޯޓް ނިންމާނުލެވުނު ނަމަވެސް، މިދިޔަ މަސް ތެރޭގައި ވީއޭއެމްއިން ވަނީ ކޮމިޝަނަރަށް އޮޑިޓް ރިޕޯޓުތަކުގެ ޑްރާފްޓްތައް ފޮނުވައިފައެވެ.

ރޭ "ވަން ސްޕޯޓްސް"އަށް މައުލޫމާތު ދެއްވަމުން، ވީއޭއެމް އަދި ސެންޓްރަލް ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވެސް ރައީސް ލަތީފް ވިދާޅުވީ ނިންމައިލެވުނީ ބުރަ މަސައްކަތެއް ކަމަށާއި އެކަން ކުރުމަށް މެމްބަރު ކްލަބުތަކުން ދިން އެއްބާރުލުން ފާހަގަކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އަހަރީ ހިސާބުތަކުގެ މައްސަލަ ދިމާނުވާނެ ގޮތަށް ކަންތައްތައް ކުރައްވާނެކަމުގެ ޔަގީންކަންވެސް ލަތީފް ދެއްވިއެވެ.

ރޭ ބޭއްވި ވޮލީގެ އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ސްޕޯޓްސް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ، މޯލްޑިވްސް ސްޕޯޓްސް ނޭޝަނަލް ކައުންސިލް އަދި ކާވާގެ މަންދޫބުން ވަނީ ބައިވެރިވެފައެވެ.





More from One Online