ވީއޭއެމްގެ ހިންގާ ކޮމިޓީ މެމްބަރުންނަށް ޒާތީ ފުރައްސާރަ ކުރާނަމަ ފިޔަވަޅު އަޅަން ނިންމައިފި

Tue, 22 Oct 2024 09:39 AM

View on this article on One Online

ވީއޭއެމްގެ ހިންގާ ކޮމިޓީ މެމްބަރުންނަށް ޒާތީ ފުރައްސާރަ ކުރާނަމަ ފިޔަވަޅު އަޅަން ނިންމައިފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އާއި އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ މެމްބަރުންނަށް އަމާޒުކޮށް، ހަގީގަތާ ހިލާފު ވާހަކަތައް ދައްކައި، ބޭ އަދަބީ ބަހުރުވަ ބޭނުންކޮށް ތަފާތު ވާހަކަތަކާއި އިލްޒާމްތައް އަޅުވައި ފަރާތްތަކަށް އަދަބު ދޭން އެ އެސޯސިއޭޝަނުން ފާސްކޮށްފިއެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް އަންގާފައިވާ އޮޑިޓް ރިޕޯޓުތައް ފާސް ކުރުމަށް ތާވަލުކޮށް، ރޭ ވީއޭއެމްއިން ވަނީ އެ އެސޯސިއޭޝަންގެ އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ހެންވޭރު ބޯޅަ ގޭގައެވެ. ބައްދަލުވުމުގައި 2020، 2021، 2022، އަދި 2023 ވަނަ އަހަރުގެ މާލީ އަހަރުތަކުގެ ވީއޭއެމްގެ އޮޑިޓް ރިޕޯޓްތައް ފައިނަލްކޮށް ފާސްކޮށްފައިވެއެވެ.

އޭގެ އިތުރުން، އެޖެންޑާގެ "އެހެން ކަންތައްތައް" ބައިގެ ދަށުން ކްލަބް ވޮލީބޯޅައިގެ ފަރާތުން ވަނީ ވޮލީބޯލް އެސޯސިއޭޝަނާއި އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ މެމްބަރުންނަށް އަމާޒުކޮށް ހަގީގަތާ ހިލާފު އަދި ބޭ އަދަބީ، މުޖުތަމައު ބަލައިނުގަންނަ ބަހުރުވަ ބޭނުންކޮށް ތަފާތު ވާހަކަތަކާއި އިލްޒާމްތައް އަޅުވައި، ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުކުރާ ފަރާތްތަކުގެ މައްސަލަ ބަލައި އެފަރާތްތަކަށް ދިވެހި ރާއްޖޭގައި ރާވައި ހިންގާ ވޮލީގެ އެއްވެސް ހަރަކާތެއްގައި މަދުވެގެން ދެ އަހަރު ދުވަހަށް ބައިވެރިވުން މަނާކުރުމަށް ހުށަހެޅުމެއް ހުށަހަޅައިފައެވެ.

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވްސް ސްޕޯޓްސް ކްލަބުން އެ ހުށަހެޅުމަށް ތާއީދު ކުރި އިރު، އެހުށަހެޅުން ވަނީ ހުރިހާ މެމްބަރު ކްލަބުތަކުގެ އިއްތިފާގުން ފާސްކޮށްފައެވެ.

ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވި ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް "ވަން ސްޕޯޓްސް" އަށް ވިދާޅުވީ ވޮލީ އެސޯސިއޭޝަނަށް ފާޑު ކިޔުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި ޒާތީ ކަންކަމާ ބެހި، ޒާތީ ފުރައްސާރަ ކުރުން އެއީ ބަލައިގަނެވޭނެ ކަމަށް ނޫން ކަމަށެވެ. އަދި ހާއްސަކޮށް، އާއިލާތަކާ ބެހި، އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފުރައްސާރަ ކުރުން ވޮލީގެ ތެރެއިން ނައްތާލަން ޖެހޭ ކަމަށް ދެކޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރޭ ބޭއްވި އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައި ވީއޭއެމްގެ ހުރިހާ ފުރިހަމަ މެމްބަރު ކްލަބްތަކުގެ މަންދޫބުން ބައިވެރިވިއެވެ. އެއީި ޕޮލިސް ކްލަބާއި އަލްމާ ސްޕޯޓްސް ކްލަބާއި އައްޑޫ ސްޕޯޓްސް ކްލަބް، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން، ކްލަބް ވޮލީބޯލް އާއި ޔޫތު ނިއު ޖެނެރޭޝަން، ކްލަބް ހާފް ލައިން ލިންކޭޖް، އެސްޕިރޭޝަން ފޯ އޮލް އިނިޝިއޭޓިވްސް ސްޕޯޓްސް ކްލަބްގެ އިތުރުން ދިވެހި ސިފައިންގެ ކްލަބާއި ގުޑީސް ސްޕޯޓްސް ކްލަބެވެ.





More from One Online