ބާސްކެޓް އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ފާސްކޮށްފި

Tue, 22 Oct 2024 11:44 AM

View on this article on One Online

ބާސްކެޓް އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ފާސްކޮށްފި

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ހިންގާ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ރޭ ފާސްކޮށްފިއެވެ.

އެސޯސިއޭޝަނުން މިހާރު އަމަލުކުރަމުންދާ ހިންގާ ގަވާއިދަކީ، 1999 ވަނަ އަހަރު އެކުލަވާލާފައިވާ ހިންގާ ގަވާއިދެކެވެ. އޭގެފަހުން 2012 ވަނަ އަހަރު ކޮންމެވެސް ވަރަކަށް ހިންގާ ގަވާއިދަށް ބަދަލުތައް ގެނައި ނަމަވެސް، އެކަމުގެ ލިޔެކިޔުންތައް އެންމެ ރަނގަޅަށް ބެލެހެއްޓިފައެއް ނުވެއެވެ. ރޭ ބޭއްވި އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައި އެމްބީއޭގެ ފުރިހަމަ މެންބަރުންގެ 19 މެމްބަރުން ބައިވެރިވިއެވެ. އާ ހިންގާ ގަވާއިދު ފާސްކުރީ އޭގެތެރެއިން 17 މެންބަރުންގެ ތާއިދާއި އެކުގައެވެ. އެސޯސިއޭޝަންގެ ފުރިހަމަ މެންބަރުންގެ ޖުމްލަ އަދަދަކީ 20 އެވެ.

އެމްބީއޭގެ އާ ހިންގާ ގަވައިދުގެ ދަށުން އެސޯސިއޭޝަނުގެ ހިންގުމަށް ތަފާތު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން އެސޯސިއޭޝަންގެ ކޮމެޓީތަކުގެ އޮނިގަނޑު ބަދަލު ތަކެއް ގެނެސްފައިވާ އިރު، އެސޯސިއޭޝަންގެ ހިންގުން ފަސޭހަ ކުރުމުގެ ގޮތުން އިތުރު ދާއިމީ ކޮމެޓީއެއް އުފެއްދުނެވެ.

އެސޯސިއޭޝަންގެ ފަރާތުން "ވަން ސްޕޯޓްސް" އަށް މައުލޫމާތު ދެއްވަމުން އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް (އެޑަމް) ވިދާޅުވީ، އެ ކޮމިޓީއަކީ އެކަޑެމީތަކުގެ ކޮމިޓީ ކަމަށެވެ. އަދި މިހާރު އާ ހިންގާ ގަވާއިދާ އެކު އެސޯސިއޭޝަންގެ މެންބަރުންގެ ގިންތިތަކުގައި ހިމެނޭ އަމިއްލަ މެމްބަރުންގެ ބައި އުވާލައި، އެ ބައިގެ ބަދަލުގައި އެކަޑެމީތަކަށް ހާއްސަ ބައެއް ހިމަނާފައިވާ ކަމަށްވެސް އެޑަމް ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް އެސޯސިއޭޝަނުގެ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީ އުފެދިގެން އަންނަގޮތަށް ބަދަލު ތަކެއް ގެނެސްފައިވެއެވެ. އެގޮތުން މިހާރު އިންނަ ހަޒާންދާރުގެ މަގާމުގެ ބަދަލުގައި ދެން އިންތިހާބުވާ އާ އެކްސްކޯގައި ހިމެނޭނީ ފައިނޭންސަށް ހާއްސަ ނައިބު ރައީސެކެވެ. އެއީ އިދާރީ ނައިބު ރައީސާ އެއް ހަމައެއްގައި ހިމެނޭ މަގާމެކެވެ. އެގޮތަށް އެކަން ކުރުމުގެ ބޭނުމަކީ ހަޒާންދާރަކީ ވޯޓުން އިންތިހާބު ކުރެވޭ ފަރާތަކަށްވެފައި، އެއީ ޓެކްނިކަލީ އެއްވެސް ވަރަކަށް ބަލާފައި އައްޔަން ކުރެވޭ މަގާމަކަށް ނުވާތީ ކަމަށް އެސޯސިއޭޝަނުން ބުންޏެވެ. އަދި ފައިނޭންޝަލް ނައިބު ރައީސްގެ ޒިންމާގެ ދަށުން، ފައިނޭންޝަލް ކޮންޓްރޯލާއެއް އެސޯސިއޭޝަނަށް ނަގަން ލާޒިމުވެސް ކޮށްފައިވެއެވެ.

އަލަށް ހެދި ހިންގާ ކޮމިޓީގައި އެސޯސިއޭޝަންގެ ފުރިހަމަ މެންބަރެއްގެ ހައިސިއްޔަތު ލިބޭނެ ގޮތަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ކުރިން އޮންނަ ގޮތުން، ތިން އަހަރު ތެރޭގައި ގައުމީ ލެވެލްގެ އެއް މުބާރާތް ކުޅެގެން ފުރިހަމަ މެމްބަރުކަން ހޯދެން އޮތް ނަމަވެސް، އާ ހިންގާ ގަވާއިދުގައި ވާގޮތުން ޖެހިޖެހިގެން ހަތަރު އަހަރު ގައުމީ ފެންވަރުގައި ވާދަކޮށްގެން ނޫނީ ދެން ފުރިހަމަ މެމްބަރުކަން ނުލިބޭނެއެވެ.

އެގޮތަށް އަސާސީ ގަވާއިދަށް ބަދަލު ގެނައި ނަމަވެސް، އެ ނިންމުމަށް އަމަލު ކުރުމަށް ހަތަރު އަހަރުގެ ގްރޭސް ޕީރިއަޑެއް ހިމަނާފައިވެއެވެ. އެހެންކަމުން އެކަމަށް އަމަލުކުރަން ފަށާނީ 2028 ވަނަ އަހަރުން ފެށިގެންނެވެ. އެމާއްދާ އެކްޓިވް ވަންދެއް އަމަލު ކުރަމުންދާނީ މިހާރުވެސް އަމަލުކުރަމުން ދާގޮތަށް ކަމަށް އެސޯސިއޭޝަނުން ވަނީ ނިންމައިފައެވެ.

އެޑަމް "ވަން ސްޕޯޓްސް" އަށް އިތުރަށް ވިދާޅުވީ ހިންގާ ގަވާއިދު އިސްލާހުކުރުމަކީ އެންމެފަހުން ބޭއްވި އޭޖީއެމްގައި ވެސް ނިންމި ނިންމުމެއް ކަމަށާއި އެ މަސައްކަތް ދިގުލައިގެން ދިޔައީ ވަގުތު ހޭދަކުރަން ޖެހުނު މަސައްކަތަކަށް ވާތީ ކަމަށެވެ. އަދި ހިންގާ ގަވާއިދަށް ބަދަލު ގެނެވުނީ ސްޕޯޓްސް ކޮމިޝަނަރުގެ ލަފާފުޅާއެކުގައި ކަމަށާއި ހިންގާ ގަވާއިދުން ގިނަ ކަންތައްތަކެއް ރަނގަޅު ކުރުމަށް ފުރުސަތު އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާ ހިންގާ ގަވާއިދަށް ބަދަލު ގެނެއުމަށް އެމްބީއޭއިން އިއުލާނު ކުރީ މިމަހުގެ ތިންވަނަ ދުވަހުއެވެ. މެންބަރުންގެ ކޮމެންޓަށް ހުޅުވާލެވުނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. އެސޯސިއޭޝަނުން ބުނީ ކޮމެންޓް ކުރުމަށް ދެވިފައިވާ ފުރުސަތުގައި ކޮމެންޓެއް ލިބިފައި ނެތުމުން، 14 އަދި 15 އޮކްޓޯބަރ 2024 ގައި އާ ހިންގާ ގަވާއިދާ ބެހޭގޮތުން މައުލޫމާތު ސެޝަންތަކެއް މެންބަރުންނަށް ބޭއްވިގެން ދިޔަ ކަމަށެވެ. އެ ބައްދަލުވުންތަކުގައި މެންބަރުން ފާހަގަކުރި ކުދިކުދި އިސްލާހުގެނެވިފައިވާނެ ކަމަށްވެސް އެސޯސިއޭޝަނުން ވަނީ މައުލޫމާތު ދީފައެވެ.

އެމްބީއޭގެ އާ ހިންގާ ގަވާއިދު ފާސްކޮށް، ކޮމިޝަނާ އޮފް ސްޕޯޓްސްއަށް ފޮނުވަން ތައްޔާރުވެފައިވާ އިރު، އެ އެސޯސިއޭޝަންގައި މިހާރު އޮތް އެކްސްކޯގެ ދައުރު މިއަހަރު ޑުސެމްބަރު މަސް ތެރޭގައި ހަމަވާނެއެވެ.





More from One Online