އޭޝިއާ ނެޓްބޯޅަ މުބާރާތް: ރާއްޖެއިން ހޯސްޓް އިންޑިއާވެސް ބަލިކޮށްފި

Tue, 22 Oct 2024 12:19 AM

View on this article on One Online

އޭޝިއާ ނެޓްބޯޅަ މުބާރާތް: ރާއްޖެއިން ހޯސްޓް އިންޑިއާވެސް ބަލިކޮށްފި

އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ 13 ވަނަ އޭޝިއާ ނެޓްބޯލް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން މިރޭ އިންޑިއާވެސް ބަލިކޮށްފިއެވެ.

ރާއްޖެއިން މިރޭ އިންޑިއާގެ މައްޗަށް ކުރިހޯދީ 54-48 ޕޮއިންޓުންނެވެ. މިހާތަނަށް ތިން މެޗު ރާއްޖެއިން ކުޅެފައިވާ އިރު، ފުރަތަމަ މެޗުގައި ސައުދީ އަރަބިއާ އަތުންވެސް ވަނީ މޮޅުވެފައެވެ. އެއީ 74-14ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އޭގެފަހުން ދެން ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު މެޗުގައި މެލޭޝިއާ ކައިރިން ބަލިވީ 64-28 ޕޮއިންޓުންނެވެ.

މިފަހަރުގެ އޭޝިއާ ނެޓްބޯޅަ މުބާރާތުގައި ޖުމުލަ 14 ޓީމަކުން ވާދަކުރަމުންދާ އިރު، މުބާރާތް ފެށީ މިމަހުގެ 18 ވަނަ ދުވަހުއެވެ. މުބާރާތް ނިމޭނީ 27 ވަނަ ދުވަހުއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މެޗުތައް ކުރިއަށްދާ އިރު، ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ރާއްޖޭގެ އިތުރުން ހިމެނެނީ ސައުދީއާއި މެލޭޝިއާގެ އިތުރުން އިންޑިއާ، ސްރީ ލަންކާ، ފިލިޕީންސް، ޖަޕާނެވެ. އަދި ގްރޫޕް ބީގައި ވާދަކުރަނީ ސިންގަޕޫރް، ހޮން ކޮންގް، ބުރުނާއީ، ތައިލެންޑްގެ އިތުރުން ޗައިނީސް ޓައިޕޭއާއި އިރާގް އަދި ބަހުރެއިނެވެ.

ކޮރަމަންގަލާ އިންޑޯ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ވާދަވެރިކޮށް ފެނިގެން ދިޔަ އިރު، ހުރިހާ ކުއާޓާގެ ބްރޭކަށް ދިޔައިރުވެސް ލީޑުގައި އޮތީ ރާއްޖެއެވެ. އެގޮތުން ފުރަތަމަ ކުއާޓާ ނިމުނީ ރާއްޖެ 8-15 އިން ލީޑުގައި އޮއްވައެވެ. ދެވަނަ ކުއާޓާ ނިމުނު އިރު، ރާއްޖެ ކުރީގައި އޮތީ 34-17 އިންނެވެ. ތިންވަނަ ކުއާޓާގައި އިންޑިއާއިން ރަނގަޅު ކުރި ނަމަވެސް ރާއްޖެ ނިންމާލީ 41-33 އިން ކުރީގައި އޮވެގެންނެވެ.

ފަހު ކުއާޓާ ވާދަވެރިކޮށް ދިޔަ އިރު، ހޯސްޓް ގައުމުން ޖޯޝު އާކޮށް މޮޅުވާން މަސައްކަތް ކުރި ނަމަވެސް، ރާއްޖެ ފެނުނީ ހަމަޖެހިލައިގެން ޕްރެޝަރު ހެންޑަލް ކުރި ތަނެވެ.

ރާއްޖެއިން ދެން ކުޅެން ޖެހޭނީ ފިލިޕީންސާ ދެކޮޅަށެވެ. އެއީ އަންގާރަ ދުވަހުއެވެ.





More from One Online