ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްކުރެވޭ އެންމެ ހަގު އުމުރަކީ 21 އަހަރުކަމަށް ކަނޑައެޅުމަށް ގާނޫނު އިސްލާހުކުރަނީ

Mon, 21 Oct 2024 04:12 PM

View on this article on One Online

ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްކުރެވޭ އެންމެ ހަގު އުމުރަކީ 21 އަހަރުކަމަށް ކަނޑައެޅުމަށް ގާނޫނު އިސްލާހުކުރަނީ

ދުންފަތުގެ އުފެއްދުންތަކުގެ ވިޔަފާރީގެ މުއާމަލާތްކުރެވޭ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާކުރުމުގެ އިތުރުން، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކައި އެގޮތަށް ނިންމަވާފައިވާ ކަމަށާއި އެ އިސްލާހުތައް މަޖިލީހަށް ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށެވެ.

"ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވާނީ ނިންމާފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށް ވެސް ގާނޫނަށް އިސްލާހު ގެނެވޭނެ ކަމަށެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކޮށް ވިއްކުން 15 ނޮވެމްބަރު 2024 އިން ފެށިގެން މަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

އޭގެ އިތުރުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން އިއްޔެ ވަނީ މަޖިލީހަށް ބިލެއް ވެސް ހުށަހަޅައިފައެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދެވެ.

އެ ބިލު ހުށަހަޅުއްވަމުން މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވީ އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ގާނޫނުގެ ދަށުން ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ނަގަމުން އަންނަ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުމަށް ކަމަށެވެ.

އޭގެ އިތުރުން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރެވޭ ތާރީހާ ހަމައަށް ހިނގާ މުއްދަތުގައި އިމްޕޯޓްގެ ގާނޫނުގެ ދަށުން ނެގޭ އިމްޕޯޓް ޑިއުޓީ އާއި ރޯޔަލްޓީ އާއި ރެވެނިއު ފީ މައާފުކުރެވޭނެ ހާލަތްތަކާއި އުސޫލުތައް ބަޔާންކުރުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ކަމަށް މެންބަރު އިބްރާހިމް ވިދާޅުވިއެވެ.

ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވަނީ އިލެކްޓްރޯނިކް ސިނގިރޭޓާއި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި ޓޮބޭކޯ ހީޓިން ޕްރޮޑަކްޓުތަކާއި އެ އެއްޗެހީގެ ބައިބައިން ނަގާ ޑިއުޓީގެ މިންވަރު 200 ޕަސަންޓަށް ބޮޑުކުރުމަށެވެ.

ސިނގިރޭޓުންނާއި ބިޑިން ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވަނީ 50 ޕަސަންޓުންނެވެ. އެއީ ސިނގިރޭޓު އަދި ބިޑިއަކުން އަށް ރުފިޔާއަށް ބޮޑުކުރުމަށެވެ. އިލެކްޓްރޯނިކް ސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެނޫންވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިލަކުން ވެސް 50 ޕަސަންޓަށް ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާ އިރު، އެއީ މިލިލީޓަރަކަށް އަށް ރުފިޔާއެވެ.

އޭގެ އިތުރުން ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓުތައް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުގެ ޑިއުޓީ ވެސް 50 ޕަސަންޓަށް ބޮޑުކުރުމަށް ވަނީ ހުށަހަޅައިފައެވެ. އެއީ ސްޓިކަކުން އަށް ރުފިޔާއަށް ބޮޑުކުރުމަށެވެ. އެ ބާވަތްތައް ފިޔަވައި ދެން ހިމެނޭ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވަނީ 200 ޕަސަންޓަށެވެ.





More from One Online