ސާފް އަންހެން މުބާރާތް: ނޭޕާލުން ރާއްޖެ ކޮޅަށް 11 ގޯލު ޖަހައިފި

Tue, 22 Oct 2024 12:16 AM

View on this article on One Online

ސާފް އަންހެން މުބާރާތް: ނޭޕާލުން ރާއްޖެ ކޮޅަށް 11 ގޯލު ޖަހައިފި

ނޭޕާލުގައި ކުރިއަށްދާ ސާފް އަންހެން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ހޯސްޓް ގައުމާ ދެކޮޅަށް ކުޅެ، ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.

ނޭޕާލްގެ ކަތަމަންޑޫ، ދަޝަރާތު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ނޭޕާލުން ރާއްޖެ ބަލިކުރީ 11-0 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗަށް ނުކުތް އިރު، ރާއްޖެ އޮތީ ފުރަތަމަ މެޗުގައި ސްރީ ލަންކާ ކައިރިންވެސް 1-0 އިން ބަލިވެފައެވެ.

އަންހެން ސާފް ޗެމްޕިއަންޝިޕްގައި ހަތް ޓީމަކުން ވާދަކުރާ އިރު، ޓީމުތައް ވާދަކުރަމުން ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝާއި އިންޑިއާގެ އިތުރުން ޕާކިސްތާނެވެ. ގްރޫޕް ބީގައި ރާއްޖެ އާއެކު ދެން ހިމެނެނީ ނޭޕާލާއި ސްރީ ލަންކާގެ އިތުރުން ބޫޓާނެވެ.

މިހާރު އޮތް ހާލަތުން ރާއްޖެ ބޫޓާން ބަލިކުރި ނަމަވެސް، ސެމީއަށް ދާން އޮންނާނީ ވަރަށް ހަނި ފުރުސަތެކެވެ. އެއީ އަމިއްލަ ބާރުން ބޭރުގައި އޮތް ފުރުސަތެކެވެ.

ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ދިވެހި ޓީމު ކޮޅަށް ފުރަތަމަ ހާފުގައިވެސް ނޭޕާލުން ވަނީ ހަތަރު ގޯލު ޖަހައިފައެވެ. އެ ގޯލުތައް ޖެހީ ޔޫއޭއީގެ އަންހެން ލީގުގައި ކުޅެމުންދާ ރޭހާ ޕައުޑެލްއާއި ސަބީތާ ރަނާ އަދި ޕްރީތީ ރާއީއެވެ. ރޭހާ ފުރަތަމަ ހާފުގައި ދެ ގޯލު ޖެހިއެވެ.

ދެވަނަ ހާފުގައި ރޭހާ އިތުރު ތިން ގޯލު ޖެހި އިރު، އިންޑިއާ ލީގުގައި ކުޅޭ ޕްރީތީވެސް އިތުރު ދެ ގޯލު ޖެހިއެވެ. ދެން ދެވަނަ ހާފުގައި ގޯލުތައް ޖެހީ އަނީތާ ކޭސީއާއި އަމީޝާ ކަރްކީއެވެ.

މިއަދު ކުޅުނު މެޗުގައި ނޭޕާލްގެ އެންމެ ވަރުގަދަ ކުޅުންތެރިޔާ، ފްރާންސް ލީގުގައި ކުޅެމުންދާ ސަބިތުރާ ބަންޑާރީ ފުރަތަމަ 11 އަށް ނުކުމެފައެއް ނުވެއެވެ. އޭނާ ބެންޗުގައި އިން އިރު، ކޯޗު ރަޖެންދްރާ ތަމަންގް އޭނާގެ ބޭނުން ކޮށްފައެއްވެސް ނުވެއެވެ.

ރާއްޖެއިން ދެން ކުޅޭ މެޗުގައި ބޫޓާނާ ދެކޮޅަށް ނުކުންނާނީ ބުރާސްފަތި ދުވަހުއެވެ.





More from One Online