ނަމުން އެންމެންވެސް ސިންގަޕޫރެވެ. ކަމުން ސުމެކެވެ.

Mon, 21 Oct 2024 02:48 PM

View on this article on One Online

ނަމުން އެންމެންވެސް ސިންގަޕޫރެވެ. ކަމުން ސުމެކެވެ.

ދާދިފަހުން އެންމެންނަށްވެސް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު ޚަބަރެކެވެ. ސިންގަޕޫރުގެ ސީނިއަރ މިނިސްޓަރަކު ކޮރަޕްޝަނުގެ މައްސަލައެއްގައި އެއްއަހަރުގެ މުއްދަތަށް ޖަލަށްލީއެވެ. މަގާމުގެ މުސާރަޔާއި އިނާޔަތްތަކަށް ބަލާއިރު ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ސުބްރަމާނިއަމް އިސްވަރަންގެ މައްޗަށް ކުރެވުނު ތުހުމަތު ނުވަތަ އުފުލުނު ދައުވާއަކީ މާބޮޑު ދައުވާއެއްވެސް ނޫނެވެ. ނެންގެވި ކަމަށްވަނީ ގާތްގަޑަކަށް ހަތަރު ލައްކަ ޑޮލަރުގެ ރިޝްވަތެކެވެ. އެއްގޮތަކުން އެއީ ރިޝްވަތެއްވެސް ނޫނެވެ. ހަދިޔާއެކެވެ. ޕްރައިވެޓް ޖެޓެއްގައި ދަތުރެއްކުރުމަކާއި ރޭހެއް ބަލައިލުމުގެ ޓިކެޓަކާއި ޒާތެއްގެ ބައިސިކަލެކެވެ. މި ހަދިޔާތައް ގަބޫލުކުރެއްވުމަކީ މަގާމުގެ ނާޖާއިޒު ފައިދާ ލިބިގަތުމަކަށް ބެލުމުގެ އިތުރަށް އޭނާއަކީ މިނިސްޓަރަކަށްވާތީ މިއީ ދެން މާބޮޑުކަމަކަށް ނުވާނެ ކަމަށް ހީކުރެއްވުންވެސް އޭނާގެ ކުށްތަކުގެ ތެރޭގައި ހިމެނިގެންވިއެވެ. ސިންގަޕޫރުގެ ހައިކޯޓުން އިސްވަރަންގެ މައްޗަށް އިއްވި މި ހުކުމަކީ ވިސްނައި ފިކުރުކުރާ ބަޔަކަށް ފިލާވަޅެކެވެ.

ހަމައެކަނި ހުކުމެއް ނޫނެވެ. ފަނޑިޔާރު ރިއާޔަތްކުރެއްވި ނުގުތާތަކަކީވެސް ފިލާވަޅެކެވެ. ކޮރަޕްޝަނުގެ ތުހުމަތު ނުވަތަ އިލްޒާމު އުފުލުނީމާވެސް މަގާމުގައި ދެމިހުންނެވުމަށް ގަސްތު ކުރައްވައި ބޮޑުވަޒީރަށް އޭނާ ފޮނުއްވި ސިޓީއަށްވެސް ރިއާޔަތްކުރެވުނެވެ. އޭގައި ވިދާޅުވެފައިވެއެވެ. މި ތުހުމަތުތަކަށް އަހަރެން އިންކާރު ކުރަމެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި ސަރިޔަތުގައި އަހަރެން ކުށުން ބަރީއަވާނެއެވެ. އަދަބުން ސަލާމަތްވާނެއެވެ. އެހެންވީމާ މައްސަލައަކީ ކޮބައިހެއްޔެވެ. މި ސިޓީއަށް އިޝާރާތް ކުރައްވަމުން ފަނޑިޔާރު ވިދާޅުވީ ކުށެއްކޮށްފައި އެކަމާމެދު ދެރަވެ މައާފަށް އެދެން ގަސްތުކުރާ މީހެއްގެ ކިބައިން ފެންނާންވީ އެއްވެސް ސިފައެއް އިސްވަރަންގެ ކިބަޔަކުން ނުފެނުނު ކަމުގައެވެ. ބަދަލުގައި ފެނުނީ ބޮޑާކަމާއި ކިބުރުވެރިކަމެވެ. ގޮތްދޫނުކުރުމާއި ގަދަކަން ދެއްކުމެވެ. ދައުލަތް ހިންގާންތިބޭ ވެރިންގެ ސިފަޔަކީ މިއީކަމަށްވާނަމަ ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ވެއްޔާ މޮޑެވިގެން ހިނގައިދާނެއެވެ. މުޅި ނިޒާމު ގަޑުބަޑު ވެދާނެއެވެ.

ސުބްރަމާނިއަމް އިސްވަރަންއަކީ ފާއިތުވި ފަންސާސް އަހަރުގެ ތެރޭގައި ކޮރަޕްޝަނުގެ މައްސަލައެއްގައި ޖަލަށް ލެވުނު ސިންގަޕޫރުގެ އެންމެ ސީނިއަރ އޮފިޝަލެވެ. ސިންގަޕޫރަކީ އެންމެ މަތިން ފެށިގެން އެންމެ ތިރިއަށް ކޮރަޕްޝަނުގެ ކަންކަމުގައި ޒީރޯ ޓޮލަރެންސް ގައުމެކެވެ. ސިންގަޕޫރުގެ ކާމިޔާބީގެ އަސްލަކީ އެއީއެވެ. ސިއްރަކީ އެއީއެވެ. ސިންގަޕޫރުގެ ބާނީ ލީ ކުއާންޔޫ އެގައުމު ބިނާކުރައްވައި ނަމޫނާ ދައްކަވާފައިވަނީ މުޅިންވެސް ކޮރަޕްޝަނާ ދެކޮޅު މިސާލުތަކުންނެވެ. އޭނާ އަބަދުވެސް ވިދާޅުވަމުން ގެންދެވިއެވެ. ނަމަނަމަ ކޮރަޕްޝަނާ ގާތްނުވައްޗެވެ. ކޮރަޕްޝަނަށް ދޮރުނުހުޅުވައްޗެވެ. މުޅި ނިޒާމު ފުނޑުފުނޑު ވެދާނެއެވެ. ފެށޭނީ ކޮންމެވެސް ވެރިޔަކާ ހަމައިންނެވެ. ނިޒާމު ބަޅުކުރަންޖެހޭނީ ނުފޫޒުގަދަ ކޮންމެވެސް މީހަކަށްޓަކައެވެ. އާޚިރުގައި އިނދަޖެހޭނީ މުޅި ގައުމެވެ. އޭނާ ވެރިކަމުގައި ހުންނެވިއިރުވެސް އަދި ވެރިކަމުން ފައިބާވަޑައިގަތުމަށްފަހުވެސް ސަރުކާރުގެ ވެރިންނާއި ރައްޔިތުންނަށް އަބަދުވެސް ދެއްވަމުން ގެންދެވި ނަސޭހަތަކީ އެއީއެވެ.

ދުނިޔޭގެ ގިނަ ތަންތަނުގައި ކޮރަޕްޝަނަށް ދޮރުހުޅުވި އެވަބާ އާއްމުވުމުގެ މައިގަޑު ސިއްރަކީ މުސާރައިގެ ގޮތުގައި އަތާއި އަނގަ ދިމާވާވަރުގެ އުޖޫރައެއް ނުލިބުމެވެ. އަބުރުވެރި ދިރިއުޅުމެއް އުޅެވޭވަރުގެ ހަލާލު އާމްދަނީއެއް ނުލިބުމެވެ. ސިންގަޕޫރުގައި މިމައްސަލައެއް ނޯވެއެވެ. އެހެނީ ސަރުކާރުގެ ވެރިންނާއި މަޖިލީސް މެންބަރުންނާއި ދެންވެސް ކަންކަން ކުރާންތިބޭ މީހުންނަށް ދެވޭ އުޖޫރަ ވަރަށް ބޮޑެވެ. މުސާރައިގެ މިންވަރު އެންމެ ބޮޑު އެއްގައުމަކީވެސް ސިންގަޕޫރެވެ. އެހެންވީމާ ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ނުޖެެއްސިގެން މަގާމުގެ ނާޖާއިޒު ފައިދާނަގަންޖެހޭ ސަބަބެއް ނޯވެއެވެ. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތެެއް ގެންގުޅެނީ ކޮރަޕްޝަނާ ނުލައި އަބުރުވެރި ނަލަ ދިރިއުޅުމެއް އުޅެވޭވަރުގެ މުސާރައެއް ކޮންމެ މީހަކަށްވެސް ދީފައެވެ. ގިނަ އެހެން ގައުމުތަކުން ކޮރަޕްޝަނަށް ނޫނެކޭ ބުނަނީ ކޮރަޕްޝަނަށް ތައްމިނުން ދޮރުހުޅުވައިގެން ތިބެއެވެ. ތަފާތަކީ އެއީއެވެ.

ކުރިއެރުމާއި ތަރައްގީގެ ވާހަކަ ދައްކާއިރު އެންމެންވެސް ސިންގަޕޫރުން މިސާލުތައް ނަގައެވެ. ގުދުރަތީ މާގިނަ ވަސީލަތްތަކެއްނެތަސް ސިންގަޕޫރުން ހޯދާފައިވާ ތަނަވަސްކަމާއި އަމާންކަމާއި އުފާފާގަތިކަމުގެ ވާހަކަ ދައްކައެވެ. އެންމެންވެސް ނަމޫނާއަކަށް ބަލާ ގައުމަކީ ސިންގަޕޫރެވެ. މީގެ 59 އަހަރު ކުރިން މިނިވަންކަން ލިބުނު ކުޑަކުޑަ ސިންގަޕޫރުގެ ކާމިޔާބީގެ ވާހަކަ ދެއްކިޔަސް އެ ކާމިޔާބީގެ ފަހަތުގައިވާ މައިގަނޑު ސަބަބުތަކުގެ ވާހަކަ މާގިނަބަޔަކު ނުދައްކައެވެ. އެވާހަކަ ނުދައްކަނީ ސިންގަޕޫރުގެ ތަރައްގީގެ އަސާސަކީ ކޮބައިކަން މޭރުންނުވާތީ ކަމަށް ވެދާނެއެވެ. ނުވަތަ އަމިއްލަ ހާލަތާހެދި ގަސްތުގައި އެވާހަކަ ދައްކަން ބޭނުން ނުވަނީ ކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް ސިންގަޕޫރު ސިންގަޕޫރަކަށްވުމުގައި ހަތަރު ފަސް ސަބަބެއް އެބައޮވެއެވެ. ވިޔަފާރިއަށްފަހި މާހައުލެއް ގާނޫނީ އޮނިގަޑުގެ ތެރެއިން ފަހިކޮށްދީފައި އޮތުމަކީ އޭގެތެރެއިން މުހިންމު ސަބަބެކެވެ.

ވިޔަފާރިއަށްފަހި މާހައުލަކީ ކޮބައިބާވައެވެ. އެއީ ކޮރަޕްޝަނަށް މަގުފަހިނުވާ މާހައުލެވެ. ރިޝްވަތާއި ފޭރުމަށް ފުރުސަތު ނޯންނަ މާހައުލެވެ. ސިންގަޕޫރުގައިވެސް ދިރިއުޅެނީ އިންސާނުންނެވެ. އެހެންވީމާ އިންސާނުންގެ ތެރޭގައި ހިނގާ ނުކިއްސަރު ހުރިހާ ކަމަކަށް އަރައިގަތުމުގެ އެދުން ސިންގަޕޫރު މީހުންގެ ސިކުނޑިތަކުގައިވެސް އެނބުރޭނެތާއެވެ. ސިންގަޕޫރުގެ ރައްޔިތުން ބެހިގެންވަނީ މައިގަޑު ތިންބަޔަކަށެވެ. އެއްބަޔަކީ ޗައިނާ ދަރިކޮޅުގެ މީހުންނެވެ. ދެވަނަ ބަޔަކީ މެލޭ ދަރިކޮޅުގެ މީހުންނެވެ. ތިންވަނަ ބަޔަކީ އިންޑިޔާ ދަރިކޮޅުގެ މީހުންނެވެ. މިއެންމެން އެކަތިގަޑަކަށް ހަދައި މަސައްކަތްތެރި މުރާލި އަދި ގާނޫނަށް ބޯލަނބާ ކިޔަމަންތެރި މުޖުތަމައެއް ބިނާކުރެވިފައިވަނީ ހަރުދަނާ ނިޒާމެއްގެ ތެރެއިންނެވެ. އެންމެ މަތިން ފެށިގެން އެންމެ ތިރިޔާ ހަމައަށްވެސް ވަކި މީހަކު ނުވަތަ ވަކި ބަޔަކު އިސްތިސްނާ ކުރުމެއްނުވާ ނިޒާމެއްގެ ތެރެއިންނެވެ. ނަމޫނާ ދެއްކުމާއި ނަމޫނާ ލިބިގަތުމުގެ މާހައުލެއްގެ ތެރެއިންނެވެ. އެހެން ގައުމުތަކުގައި ނޯންނަނީ މިދެންނެވި ކަހަލަ މާހައުލެކެވެ.





More from One Online