އީރާނުގެ ނިއުކުލިއަރ ރިއެކްޓަރުތަކަށް ހަމަލަދެވިދާނެތަ؟

Mon, 21 Oct 2024 02:46 PM

View on this article on One Online

އީރާނުގެ ނިއުކުލިއަރ ރިއެކްޓަރުތަކަށް ހަމަލަދެވިދާނެތަ؟

އިޒްރޭލުން އީރާނަށް ވަރުގަދަ ހަމަލަތަކެއް ދީފާނެހެެއްޔެވެ. މިހަމަލާތަކުގައި އީރާނުގެ ނިއުކުލިއަރ މަރުކަޒުތައްވެސް ހަލާކުކޮށްފާނެ ހެއްޔެވެ. ދުނިޔޭގެ އެންމެންވެސް މިހާރުތިބީ ދެންވާނެ އެއްޗެއްގެ އިންތިޒާރުގައެވެ. އިޒްރޭލުން އެބަބުނެއެވެ. ހަމަލަދޭނަމެވެ. ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫގެ ބަހުރުވައިންނަމަ އިޒްރޭލުގެ ހަމަލަވާނީ ދެންދުވަހަކުވެސް އިޒްރޭލާ ދެކޮޅަށް ކަމެއްކުރަން އިރާނު ނުވެސް ވިސްނާނެ ހަމަލައަކަށެވެ. އޭނާ ބުންޏެވެ. އީރާނަށް ފެންނާނީ ލިބިފައިހުރި ގެއްލުމެވެ. ހަމަލަ އައިގޮތެއްވެސް ދިންގޮތެއްވެސް ވީގޮތެއްވެސް ނޭނގޭނެއެވެ. ހަމަލަދޭނީ އެހައިމޮޅަށެވެ. ނަތަންޔާހޫ މިހެން ބުންޏަސް އެއީ ފަސޭހަކަމެއް ނޫނެވެ. ކަންކަން ކުރެވޭނަމަ މާގިނަ ވާހަކަ ދެއްކުމުގެ ބޭނުމެއްވެސް ނޯންނާނެއެވެ. އެބީދައިން ހަމަލަނުދެވޭނެ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. އީރާނުއޮތީ ދުރުގައެވެ. އެއީ ބިޔަ ގައުމެކެވެ. އާރާއިބާރު ހުރި ގައުމެކެވެ. އިޒްރޭލަށް ރައްދު ދިނުމުގެ ކެރިކުޅަދާނަކަން ލިބިގެންވާ ގައުމެކެވެ. އެކަން ވަނީ ސާބިތުވެސް ކޮށްދީފައެވެ.

އީރާނަށް ހަމަލަދޭނެކަމަށް އިޒްރޭލުން ތަކުރާރުކޮށް ބުނަމުންދާއިރު ރަޝިޔާއިން ވަނީ ވަރަށްވެސް ވަރުގަދަ އިންޒާރެއް އިޒްރޭލަށް ދީފައެވެ. ރަޝިޔާގެ ޚާރިޖީވަޒީރުގެ ނާއިބު ސަރްގޭ ރިޔަބްކޯވް ވިދާޅުވިއެވެ. ނަމަނަމަ އީރާނުގެ ނިއުކުލިއަރ މަރުކަޒަކަށް ހަމަލާ ނުދެއްޗެވެ. ހަމައެކަނި ހަމަލަނުދޭނީއެއް ނޫނެވެ. އީރާނުގެ ނިއުކުލިއަރ މަރުކަޒަކަށް ހަމަލަދޭން ނުވެސް ވިސްނައްޗެވެ. އަހަރެމެން މިގެންދަނީ ތަކުރާރުކޮށް މިވާހަކަ އިޒްރޭލަށް އަންގަމުންނެވެ. މިފަދަ ފިޔަވަޅެއް އިޒްރޭލުން އަޅައިފިނަމަ ދެން ނުކުންނާނޭ ނަތީޖާތަކުގެ ހިތިކަމާއި ދެރަކަން ވަރަށްވެސް ބޮޑުވާނެއެވެ. އިޒްރޭލުވިޔަސް އަދި އެހެންބަޔަކުވިޔަސް މިވަރު މޭރުންވާންވާނެއެވެ. ވިސްނެންވާނެއެވެ. އިޒްރޭލަށް ރަޝިޔާއިން މި އިންޒާރުދިނީ ކޮންފަރާތެއް މެދުވެރިކޮށްކަމެއް ރިޔަބްކޯފް ވިދާޅެއް ނުވެއެވެ. ގަބޫލުކުރެވޭގޮތުގައި ރަޝިޔާގެ އިންޒާރު ފޮނުވާފައިވަނީ އެމެރިކާ މެދުވެރިކޮށެވެ. އީރާން ގިނިކަންޏާ ދޫކޮށްނުލާނޭކަން އެމެރިކާއަށްވެސް ވަނީ އަންގައިފައެވެ.

އީރާނުގެ ނިއުކުލިއަރ މަރުކަޒަކަށް ނުވަތަ މަރުކަޒުތަކަކަށް އިޒްރޭލުން ހަމަލާދިނުމަކީ ޚުދު އެމެރިކާވެސް ރުހޭ ކަމެއް ނޫނެވެ. މިޒާތުގެ ކަމެއް ނުކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އިޒްރޭލަށް އަންގަވައިފައެވެ. މީގެ ޖަވާބުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ މިހެންނެވެ. އެމެރިކާއިން ދައްކާ ވާހަކަ އަހަރެމެން އަޑުއަހާނަމެވެ. އެކަމަކު އީރާނުގެ ނިއުކުލިއަރ މަރުކަޒުތަކާއި ކާރުޚާނާތަކަށް ހަމަލަދީ ނައްތާލުމުގައި އަހަރެމެން އަމަލުކުރާނީ އަހަރެމެންގެ އަމިއްލަ މަސްލަހަތު ނިޔާކުރާ ގޮތަކަށެވެ. އެއީ އެހެންބަޔަކާ ބެހޭކަމެއް ނޫނެވެ. އީރާނުގެ ނިއުކުލިއަރ މަރުކަޒުތަކަށް ހަމަލަދިނުމަކީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެކޮޅުހައްދަވާ ކަމެއްކަމުގައިވިޔަސް ކުރިއަށް އޮތް ނޮވެމްބަރު މަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕު އެކަމަށް ތާއީދު ކުރައްވައެވެ. ހަމަފާޅުގައެވެ.

ޓްރަމްޕު ވިދާޅުވަމުން އެބަގެންދަވައެވެ. ލަސްކުރާނޭ ކަމެއްވެސް ނެތެވެ. ހަމަލަދޭށެވެ. ހަމަލަދޭއިރު އެންމެ ފުރަތަމަވެސް ނިއުކުލިއަރ ރިއެކްޓަރުތައް ފުނޑުފުނޑުކޮށްލަންވާނެއެވެ. އެއްތަންވެސް ސަލާމަތުން ބަހައްޓައިގެން ނުވާނެއެވެ. ޓްރަޕްމުގެ މި ވިދާޅުވުމަށް އޭނާގެ ދަނބިދަރި ޖަރެޑް ކުޝްނަރވެސް ތާއީދު ކުރައްވައެވެ. މި ކުޝްނަރއަކީ ޔަހޫދީއެކެވެ. ޓްރަމްޕުގެ ރިޔާސަތުގެ ދުވަސްވަރު އޭނާއަކީ އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫބެވެ. އަދި ޓްރަމްޕުގެ މުޝީރެވެ. ކޮންމެއަކަސް އީރާނުގެ ނިއުކުލިއަރ މަރުކަޒުތަކަށް ހަމަލަދޭން އިޒްރޭލް އެއޮތީ ކެތްމަދުވެ ފޫގަޅައިގެންނެވެ. މިދަނޑިވަޅުގައި ހަނދާނަށް އަންނަނީ ހަމަ މިޒާތަށް އިރާގާއި ސީރިޔާގެ ނިއުކުލިއަރ ރިއެކްޓަރުތަކަށް އިޒްރޭލުން ހަމަލަދީ އެތަންތަން ފުނޑުފުނޑުކޮށްލި ގޮތެވެ. އިރާގުގެ ތުވައިތާގައި ހުރި ނިއުކުލިއަރ ރިއެކްޓަރަށް ހަމަލަދިނީ 7 ޖޫން 1981 ގައެވެ. މީގެ 45 އަހަރު ކުރިންނެވެ. މި ހަމަލާގައި ބޭނުންކުރީ އެމެރިކާގައި އުފައްދާ އެފް ފަނަރަޔާއި އެފް ސޯޅަ މަރުކާގެ މަތިންދާބޯޓެވެ.

އިރާގުގެ މިދެންނެވި މަރުކަޒަކީ ފްރާންސާއި އިޓަލީގެ ފަންނީ އެހީތެރިކަމާއެކު އިރާގުގައި ހިންގުނު ރިއެކްޓަރެކެވެ. ސުލްހަވެރި ބޭނުންތަކަށް ނިއުކުލިއަރ ހަކަތަ އުފެއްދުމުގެ ރިއެކްޓަރެކެވެ. ބައިނަލްއަގުވާމީ އެޓަމިކް ހަކަތައާބެހޭ އިދާރާއިން ބަލައިފާސްކުރަމުންދިޔަ ރިއެކްޓަރެކެވެ. އެތަނުގައި ނިއުކުލިއަރ ހަތިޔާރު އުފެއްދުމާގުޅޭ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދާކަން މުޅި ދުނިޔެއަށްވެސް އެނގެއެވެ. އޭރު އިޒްރޭލުގެ ބޮޑުވަޒީރު ކަމުގައިހުރީ މެނާޚިމް ބޭގިން ނަމަކަށް ކިޔުނު މީހެކެވެ. އިޒްރޭލުގެ އާއްމު އިންތިޚާބު އޮތީ ބޯމަތިވެފައެވެ. ބޭގިންގެ މަގްބޫލުކަން އޮތީ ވަރަށް ދަށުގައެވެ. އެހެންވެ މޮޅުކަމެއްކުރުމުގެ ބޭނުމުގައި އަދި ވޯޓު ކަށަވަރު ކުރުމުގެ ބޭނުމުގައި އިރާގުގެ ރިއެކްޓަރަށް ހަމަލަދިނީއެވެ. މި ހަމަލާގައި އިރާގުގެ ތިން ހަތަރު އިންޖިނޭރަކާއި ފަރަންސޭސި އިންޖިނޭރަކުވެސް މަރުވިއެވެ. އޭގެ ތިން ހަފުތާފަހުން ބޭއްވުނު އިންތިޚާބުވެސް ބޭގިން ކާމިޔާބުކުރިއެވެ. މިކަން ވެގެންދިޔައީ އެއްގާގަނޑަކުން ދެދޫނި މަރައިލުން ކަހަލަ ކަމަކަށެވެ.

ސީރިޔާގެ ނިއުކުލިއަރ ރިއެކްޓަރަކަށް އިޒްރޭލުން ހަމަލަދިނީ 6 ސެޕްޓެމްބަރު 2007 ގައެވެ. މިއީ އެމެރިކާއާ ބައިވެރިވެގެން އިޒްރޭލުން ދިން ހަމަލާއެކެވެ. ސީރިޔާގެ ނިއުކުލިއަރ ރިއެކްޓަރު ހުރީ އަލްކިބާރުގައެވެ. މިއީ އިރާގުގެ ނިއުކުލިއަރ މަރުކަޒާއި މުޅިން ތަފާތުކޮށް މުޅި ދުނިޔެއަށްވެސް ސިއްރުން ސީރިޔާއިން ގާއިމުކުރި ރިއެކްޓަރެކެވެ. އެތަނުގެ މައުލޫމާތު ބައިނަލްއަގުވާމީ އެޓަމިކް ހަކަތަޔާބެހޭ އެޖެންސީއާވެސް ސީރިޔާއިން ހިއްސާއެއް ނުކުރެއެވެ. އެހެންވީމާ މިތަން ފުނޑުފުނޑުކޮށްލުމުން އެވާހަކަ ސީރިޔާއަކުން މާބޮޑަކަށް ނުދައްކައެވެ. ފަހުން އެޓަމިކް ހަކަތައާބެހޭ ބައިނަލްއަގުވާމީ އެޖެންސީން ކުރި ތަހުލީލުތަކުން ކަށަވަރުވީ ހަލާލުވި މަރުކަޒުގައި ރޭޑިއޭޝަނުގެ އަސަރު ވަރަށް ބޮޑުކަމާއި އެއީ ސީރިޔާއިން ހަގީގަތުގައިވެސް ހިންގި ނިއުކުލިއަރ ރިއެކްޓަރެއް ކަމެވެ. އޭރު ސީރިޔާގެ ރައީސްކަމުގައި ހުންނެވީ މިހާރުވެސް އެމަގާމުގައި ހުންނެވި ބައްޝާރުލް އަސަދެވެ. އެކަމަކު އެއީ ސީރިޔާގައި ދާޚިލީ ހަނގުރާމަ ފެށުމުގެ ކުރިއެވެ. ސީރިޔާގައިވެސް އާރާއިބާރު ހުރިއިރުގައެވެ. މި ހަމަލަދިންއިރު އިޒްރޭލުގެ ބޮޑުވަޒީރަކީ އިހޫދު އޮލްމާޓެވެ.





More from One Online